ރައީސް އަބްދުﷲ ޔާމީން

ފަރުވާއަށް ރައީސް ޔާމީން މާލެ ގެނެސްފި

މަނީ ލޯންޑްރިންގެ ކުށް ސާބިތު ވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަރުވާއަށް މިއަދު މާލެ ގެނެސްފި އެވެ.

ކަރެކްޝަނާއި ރައީސް ޔާމީންގެ ޕީޕީއެމުން ވެސް ވަނީ އެކަން ޔަގީން ކޮށްދީފަ އެވެ. އެނގިފައިވާ ގޮތުގައި ރައީސް ޔާމީން މާލެ ގެނެސްފައިވަނީ ޓެސްޓްތަކެއް ހަދާށެވެ.

ކަރެކްޝަނުން އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ. ނަމަވެސް ރައީސް ޔާމީން އޮންނެވީ އައިޖީއެމްއެޗްގައި ކަމަށް އެކަމަށް އެނގިފައި ވެއެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވާތާ މިއަދު 81 ދުވަސްވެފައިވާއިރު، އެންމެ ފަހުން ބޭއްވި އެމަނިކުފާނުގެ އިސްތިއުނާފު ޝަރީއަތްތަކުގައި ބަލިހާލަތުގެ ވާހަކަތައް ވިދާޅުވެފައި ވެއެވެ. އެމަނިކުފާނު ވިދާޅުވީ ތަހުގީގަށް ހައްޔަރު ކޮށްފައި ބެހެއްޓި އެއްމަސް ދުވަހުގެ ތެރޭގައި ނަފްސާނީ މައްސަލަތަކާއި ހިތުގެ މައްސަލައެއް ކުރިމަތިވި ކަމަށެވެ.

އޭރު ބަންދުން ދޫވުމުން އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް ދެއްކެވި ކަމަށާއި އެ ތަނުގެ އެންމެ އިސް ޑޮކްޓަރުން ލަފާ ދެއްވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ ހިތުގެ އެ ބައްޔަށް ދޭނެ ފަރުވާއެއް ރާއްޖޭގައި ނެތް ކަމަށާއި އެ ޓެސްޓްތައް ވެސް ހެދެން ނެތް ކަމަށެވެ.

އޭގެ އިތުރުން އެމަނިކުފާނުގެ މައިބަދައިގެ ކަށިގަނޑެއް ގުޑާފައިވާ ކަމަށާއި އެ އޮޕަރޭޝަން ވެސް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އެ އޮޕަރޭޝަން ކުރައްވަން ވެސް ބޭނުންފުޅު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެން ކަމަށް މިއަދު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ބަންދުން ދޫވެ، ޝަރީއަތް ކުރިއަށް ދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ބާރަބަރަށް ޑޮކްޓަރަށް ދައްކަވަމުން ގެންދެވި ކަމަށާއި ނަމަވެސް މިހާރު ޑޮކްޓަރަށް ނުދެއްކޭ ކަމަށެވެ. އަދި އެ ނުވަ މަސް ތެރޭ ރާއްޖެއިން ބޭރަށް ވަޑައި ނުގެންނެވީ ކޯޓުގެ ހުއްދައާއެކު ވަޑައިގެންނެވި ނަމަވެސް ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނު ފިއްލެވީ ކަމަށް ދެކޭނެތީ އެ ފުރުސަތު ނުދެއްވުމަށް ކަމަށެވެ.