ހަބަރު

ސްޓެލްކޯ 1.6 މެގަވޯޓުގެ ޖަނަރޭޓަރެއް ބަހައްޓަނީ

ހޫނު މޫސުމާއި ރޯދަ މަހު މާލޭގެ ކަރަންޓް ހަރަދު ކުޑަ ކުރަން ސްޓެލްކޯއިން 1.6 މެގަވޯޓުގެ ޖަނަރޭޓަރެއް ބަހައްޓަން ތައްޔާރުވެއްޖެ އެވެ.

ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ހޫނު މޫސުމާއި އަދި ރޯދަމާއި ދިމާކޮށް، މާލޭގައި ކަރަންޓް ފޯރުކޮށްދޭ މިންވަރު ދަށްވާ ކަމަށެވެ. އަދި ކަރަންޓު ބިލް ބޮޑުވުމުގެ ޝަކުވާ ވެސް އިންތިހާއަށް ލިބޭ ކަމަށާއި މިކަންކަމަށް ހައްލެއް ހޯދައި ކަރަންޓު ފޯރުކޮށްދޭ މިންވަރު އިތުރުކުރުމަށްޓަކައި 1.6 މެގަވޯޓުގެ ޖަނަރޭޓަރެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މީގެ ކުރިން މާލެއަށް ފޯރުކޮށްދެވެނީ 68.5 މެގަވޯޓުގެ ކަރަންޓް ކަމަށާއި ނަމަވެސް މި ޖަނަރޭޓަރު ބެހެއްޓުމުން ގާތްގަނޑަކަށް 70 މެގަވޯޓުގެ ކަރަންޓު މުޅި މާލެއަށް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ގުނަ ފައިދާ ތަކެއް ލިބިގެންދާނެ ކަމަށެވެ.

ހޫނު މޫސުމާއި ދިމާކޮށް ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭ މައްސަލަ މީގެ ކުރީ އަހަރުތަކުގައި ވެސް ވަނީ ފެންމަތިވެފަ އެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް އެތަށް ގެއްލުންތަކެއް ލިބިފައިވާ ކަމުގެ ޝަކުވަތައްވެސް ވަނީ އިތުރުވެފަ އެވެ. ސްޓެލްކޯ އިން ބުނީ މިގޮތަށް ކަރަންޓް ކެނޑެން ދިމާވާ ސަބަބަކީ ހޫނު މޫސުމުގައި ކަރަންޓް ބޭނުންކުރެވޭ މިންވަރު އިތުރުވުމުން ޖަނަރޭޓަރު ތަކަށް ބާރުބޮޑުވުން ކަމަށެވެ.

ސްޓެލްކޯއިން އެކުންފުނީގެ މިސްރާބު އިޔާދަ ކުރަނިވި ހަކަތައަށް ބަދަލު ކުރުމުގެ މަސައްކަތުގެ ތެރެއިން ގޭގޭގައި ސޯލާ ޕެނެލް ހަރުކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.