ރިޕޯޓް

ސަމާލުކަން އަނބުރާލަން މައްސަލަތައް ކަފުން!

މުޅި ހަފުތާގައި އޮތީ އެކި ވާހަކަތަކެވެ. ކޮންމެ ދުވަހަކީ ސިޔާސީ އާ ވާކައެއްގެ ދުވަހެކެވެ. ބޮޑެތި މައްސަަލަތަކެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ހިމެނޭ މައްސަލަތަކެވެ. އެއް ދުވަހަކު އުޅެން ޖެހެނީ އާ ސީޕްލޭން ޓާމިނަލަށް ވީގޮތަކާއި އެތަނަށް ހަދާނެ ގޮތެއް ނޭނގި ގެނެވެ. ކުރިން ހަދަން ރާވާފައި އޮތް ގޮތް ބޭޒާރުވުމުން ރައްޔިތުންގެ ރުޅި ފަޅައިގެންދިޔައީ އެވެ. އެ ހޫނުގެ ތެރެއިން އެެހެން ވާހަކައެއް އުފަން ކުރުވައި ކޮޅަށް ތެދުކޮށްފާނެއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށައެޅީ އެ ހޫނުގެ ތެރޭގަ އެވެ. ކުރީގެ އަޑަށްވުރެ އިސްލާހުތަކުގެ އަޑު ގަދަވި އެވެ. އެއީ ސީދާ ގޮތުން ގިނަ ރައްޔިތުންތަކަކާ ގުޅުން އޮތީމަ އެވެ. އެކަން ކޮޅެއްގައި ނުޖެހި އޮއްވާ ބަޔަކު އޯޑިއޯތަކެއް ލީކުކޮށްލި އެވެ. "ނަޒާހަތްތެރި" އަދި "ޒީރޯ ޓޮލަރެންސް" ސަރުކާރުގެ ދުވަސް އެ އޯޑިއޯތަކުން ދުއްވާލައިފި އެވެ. އޭގެ ފަރުވާއަކަށް ގެނައީ މަޝްހޫރު ދީނީ އިލްމުވެރިއަކު ރާއްޖެ ގެންނަން އިއުލާނުކުރި ހަބަރުން ބައެއްގެ ރުޅިވެރިކަން މައްޗަށް ގެންދިއުމެވެ. އެއާއެކު އެ ވާހަަކައިގެ އަޑު ގަދަވެ، ކުރިން އޮތް ފޯކަސް ގެއްލުވާލައިިފި އެވެ.

މިހެންގޮސް ކިތަންމެ ވާހަކައެވެ. ސުވާލަކީ މިހެން މިވަނީ ކީއްހެއްޔެވެ؟

އާ ސީޕްލޭން ޓާމިނަލް މައްސަލަ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވިއައިއޭ) ގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްސީއެލް) އިން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް ދޫކުރުމުގައި އެ ކުންފުނިން އަމަލު ކުރަން ނިންމާފައިވާ ގޮތާމެދު އުފެދުނު ހިޔާލު ތަފާތުވުންތައް ބޮޑުވެ ސަރުކާރަށް އިންތިހާއަށް ފާޑުކިޔުން އަމާޒުވި އެވެ. އެމްއޭސީއެލްއިން ރާއްވާފައި އޮތީ އާ ޓާމިނަލްގެ ބޮޑު ބައެއްވެސް ކުޑަކުޑަ ކުއްޔަކަަށް ޓީއެމްއޭއަށް ދިނުމަށެވެ. އަދި ދެން އޮތް ތިން އޮޕަރޭޓަރުންނަށް ބޮޑު އަގުގައި ޓާމިނަލްއިން ކުޑަ ސަރަހައްދެއް ކުއްްޔަށް ދިނުމަށެވެ.

މި މައްސަލާގައި ސަރުކާރާއި، ސަރުކާރަށް ވާގިވެރިވާ މަޖިލީހުން ތަފާތު ވާހަކަތައް ދެއްކިއެވެ. ތަފާތު ބަހަނާތައް ދައްކާ އެއީ ކުރީ ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް ބުނެ އެކަން ހިންދާލަން މަސައްކަތް ކުރިއެވެ. އަދި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކެއް އޮތް ކަމަށް ބުނެ، ބޭރުގެ އިންވެސްޓަރުންނަށް ޔަގީންކަން ދިނުމުގެ ގޮތުން ވެސް އެ އެއްބަސްވުމަށް އަމަލުކުރަން ޖެހޭނެ ކަމަށް ބުންޏެވެ.

ނަމަވެސް މުޅި މައްސަލަ ބަލާ ނިމުނުއިރު އަނގަބަހުން ދެކެވުނު ވާހަކައެއް ނޫނީ ނެތެވެ. ރަސްމީކޮށް ވެވުނު އެއްބަސްވުމެއް ވެސް ނެތެވެ. ބޯޑުން ނިންމަންޖެހޭ ނިންމުންތައް އޮތީ ނުނިންމަ އެވެ. މި ހުރިހާ ކަމެއް "ފަޅާއެރުމުން" ސަރުކާރާއި ސަރުކާރުގެ ވާގިވެރިންގެ ރާގު ބަދަލުވި އެވެ. އަދި ސަރުކާރުން ފަހުން ވަނީ ސީޕްލޭން ޓާމިނަލް އެމްއޭސީއެލްއިން ނިންމާ، ޓީއެމްއޭ އަށް މިހާރު ވެސް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލްގެ 5،000 އަކަމީޓަރު ބިމެއް ދޫކުރަން ނިންމާފަ އެވެ. އެއީ އަކަފޫޓެއް 10.5 ޑޮލަރަށެވެ.

މި ނިންމުމާ ހަމައަށް ސަރުކާރުން އައީ ގިނަ ޕްރެޝަރުތަކާއެކުގައެވެ. އަދި ބޮޑެތި އޮޅުވާލުންތަކެއްގެ ތެރެއިން ކަންތައްތަކެއް ނިންމުމަށް މަސައްކަތް ކުރަމުންދަނިކޮށް އެކަން "ފަޅާއަރާ" މަޖިލީހުގެ ބައެއް މެންބަރުންނާއި، ވާދަވެރި އޮޕަރޭޓަރުންނާއި، ސިޔާސީ ފަރާތްތަކާއި އާންމުންގެ ކަންބޮޑުވުންތައް އޮއްސާލުމުންނެވެ.

މާފުށިން ފަތުރުވެރިއަކު ހައްޔަރުކުރުން

މިމަހުގެ ހަވަނަ ދުވަހު މާފުށީގައި ފަތުވެރިއަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތަކީ ވެސް ސަރުކާރާއި، ފުލުހުންގެ އިދާރާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެގެންދިޔަ ކަމެކެވެ. ބަރަހަނާކޮށް، މަސްތުގެ ހާލުގައި ހުރި އިނގިރޭސިވިލާތުގެ އަންހެނަކު ހައްޔަރުކުރުމުގައި ފިރިހެން ފުލުހުންތަކެއް ހަރަކާތްތެރިވާ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމުން ކަން ހިނގާދިޔަ ގޮތް ސާފު ކުރެއްވުމެއްނެތި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ޓްވީޓެއް ކުރެއްވިއެވެ. އަދި އެ އަންހެން މީހާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރީ ގޯސްކޮށް ކަަމަށް ވިދާޅުވެ، އޭނާގެ ކިބައިން މައާފަށް އެދުނެވެ. ނަމަވެސް އޭގެ ފަހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކެވީ ސީޕީގެ ވާހަކަތަކާއި ދިމާ އިދިކޮޅަށެވެ.

މައްސަލަ ބޮޑުވެ، ގޯސްވެފައި ވަނިކޮށް މަޖިލީހުގެ ރައީސް އިމްރާންގެ ވާހަކަތައް ކުށްވެރިކުރެއްވި އެވެ. އަދި ބަރަހަނާކޮށް، މަސްތުގެ ހާލުގައި ހުރި އިނގިރޭސިވިލާތުގެ އަންހެން މީހާ ހައްޔަރުކުރުމުގައި ގޯހެއް ނެތް ކަމަށް އިމްރާން ވިދާޅުވުމުން ވަރަށް ނުރުހުންވެ ހުރެ ރައްދު ދެއްވިއެވެ. އެއީ ޓްވިޓާގަ އެވެ.

އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއްގައި އިނގިރޭސި ބަހުން ވިދާޅުވި މެސެޖެއްގައި އެ ފަތުރުވެރިޔާ ކިބައިން މައާފަށް އެދުނެވެ. އަދި ރާއްޖެ އައުމަށް ދައުވަތުވެސް ދިނެވެ. އެހާ ހިސާބުން މާފުށީ ހާދިސާގެ އަސްލު މަންޒަރު ބައެއް ފަރާތްތަކުން ނިއުޅާލިއެވެ.

އެއީ މަސްތުގެ ހާލުގައި ހުރެ ޔޮޓަކުން މާފުއްޓަށް ފޭބި އަންހެނެކެވެ. އޭނާ ގެންދިޔައީ އޭނާގެ ލޯބިވެރިއަށް އަނިޔާ ކުރަމުންނެވެ. އަދި ރަށުތެރޭގައި ދުވެ، ސުކޫލް ކުދިން ނިކުތް ގަޑީގައި އެ ސަރަހައްދަށްގޮސް ހަޑިހުތުރު ބަސްތަކުން އަޑުގަދަކޮށް އިޝާރާތުން ނުބައި އަމަލުތަކަށް ދައުވަތު ދިނެވެ. ފުލުހުން އޭނާ ހައްޔަރުކުރީ މާފުށީ ރައްޔިތުން ރުޅިވެރިކަން ހައްދުން ނެއްޓުމުންނެވެ.

މިވަރު ކަމަކަށް ވެސް ރަނގަޅަށް "ރިއެކްޓް" ކޮށްލަން ސަރުކާރަކަށާއި ދައުލަތުގެ މުއައްސަސާއަކަށް ނޭންގުނެވެ. އޭގެ ބަަދަލުގައި ފަހަރަކު ގޯހެއް ފަހަރަކު ގޯހެއް ހަދަމުން، އެއް ބަޔަކު އަނެއް ބަޔަކަށް ފާޑު ކިޔާފައި އެހެން ކަމެއް އުފަން ކުރުވައިގެން ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލަނީ އެވެ.

ވަޒީރުންނާއި ގުޅޭ ހުތުރު އޯޑިއޯ

ވަޒީރަކު އެހެން ވަޒީރުންނާއި ސަރުކާރުގެ އެތައް ސިޔާސަތުތަކަކަށް ފާޑުކިޔާފައިވާ އޯޑިއޯއެއް ލީކުވެ، ސަރުކާރަށް އާންމުންގެ ފާޑުކިޔުން އަމާޒުވީ ވެސް މި ހަފުތާގެ ތެރޭގައެވެ. ބައިބަޔަށް ލީކުކޮށްލި އޯޑިއޯތަކުން މުޅި ދައުލަތް ލަދު ގަންނަވާލި އެވެ.

އޯޑިއޯތަކުގައި އަޑުއިވެނީ ވަޒީރަކު އެހެން ވަޒީރުންނަށް ކަންކަން ނުވާ ވާހަކަ ވިދާޅުވާ އަޑެވެ. ވާނުވާ ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައި ނުގަންވާ ވާހަކައެވެ. ކަންކަން ނުކޮށް، ހެދިކާ ކާލައިގެން އުޅޭ ވަޒީރުންނަށް ރައީސް ތައުރީފު ކުރައްވާ ވާހަކައެވެ. އެންމެ ފަހުން ބައެއް ވަޒީރުން ބަދުއަހުލާގީ އަމަލުތަކަށް ދައުވަތު ދީފައިވާ ކަމަށް ވިދާޅުވެ އެވެ. އަދި އެކަން ގިނަ ބަޔަކާއެކު ކުރުމަށްވެސް ދައުވަތު ދީފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ހަފްތާ ބަންދުގައި ރިސޯޓްތަކުގައި ހުއްދަ ނޫން އަމަލުތައް ހިންގުމަށް ގޮވާލާ އަޑުވެސް އިވެއެވެ.

އޯޑިއޯތަކުގައި ކޮރަޕްޝަންގެ އަމަލުތަކާމެދު ސައްލާ ކުރާ އަޑުވެސް އިވެއެވެ. ވަކި އަދަދަކަށް ފައިސާ ހޯދަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވެ އެވެ. މިހެންގޮސް ކިތަންމެ ކިތަންމެ ވާހަކައެވެ. މި އޯޑިއޯތަކާއެކު މުޅި ގައުމު ރުޅިވެރިކަމުގެ ބަސްތަކުން އަޑުގަދަކޮށްލިއެވެ. ވަޒީރުންގެ އިސްތިއުފާއަށް ގޮވާލިއެވެ. ސަރުކާރުން އަވަސް ފިޔަވަޅުތައް އެޅުމަށް ހަރުއަޑު ގޮވާލިއެވެ.

ނަމަވެސް އޯޑިއޯގެ އަޑެއް ސަރުކާރަކަށް ނީވުނެވެ. ގައުމުގައި ކަމެއްވެގެން އުޅޭހެން ހީވެސް ނުވާ ކަހަލައެވެ. މުޅި ރާއްޖެ ހިންގަމުންދާ އަދި ގައުމުގައި ހުރި ހުރިހާ ކަމަކަށް ބަސްކިޔަމުންދާ މަޖިިލީސް ވެސް މި މައްސަލާގައި މުޅިން ހިމޭންވިއެވެ. "ޝިދާތާ ނޮޅައިގެން" ކާލި މަޖިލީހުން އޮތީ ބަހެއްވެސް ބުނަން ނުކުރިފަ އެވެ. އެ އަޑު ކެނޑުވީވެސް ވާހަކައެއް އުފަން ކުރުވައިގެނެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުން

މި ދެންނެވި އެއްވެސް ކަމަކުން ސަލާމަތްނުވެ އުޅެނިކޮށް އަނެއްކާވެސް ސަރުކާރުން އާ ވާހަކައެއް ރައްޔިތުންގެ ތެރެއަށް ދޫކޮށްލިއެވެ. އެއީ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށައެޅި ވާހަކައެވެ. އެގޮތުން ވަޒީފާގައި ވަގުތީ ގޮތުން ބެހެއްޓޭނެ ނުވަތަ ވަޒީފާގެ ޕްރޮބޭޝަން މުއްދަތަކީ ދިގުވެގެން ހަ މަސް ދުވަސް ކަމަށް ހަމަޖެއްސުމަށް ހުށައެޅިއެވެ. އަދި އެންމެ ދުވަހަކު ސަލާމް ބުނި ނަމަވެސް މެޑިކަލް ސެޓްފިކެޓް ހުށަަހަޅަން ޖެހޭނެގޮތަށްވެސް އިސްލާހު ހުށައަޅާފައިވެއެވެ. މެޑިކަލް ހުށަނާޅައިފިނަމަ އެއީ ސަލާމް ކަމަށް ނުބެލޭނެ އެވެ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށައެޅި މި ބިލަކީ އޭޖީ އޮފީހުގެ ބައިވެރިވުމެއްނެތި، އިކޮނޮމިކް މިނިސްޓްރީން ތައްޔާރުކޮށް މަޖިލީހަށް ހުށައެޅި ބިލެއް ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

މި އިސްލާހުތަކާއެކު މުވައްޒިފުންނާއި، މުވައްޒިފުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުންތައް ބަންޑުންކޮށްލިއެވެ. މުވައްޒިފުންގެ ހައްގުގައި މަސައްކަތްކުރަން ވައުދުވީ ސަރުކާރުން މި ދިމާކުރީ އެ މުވައްޒިފުންގެ ހައްގުތަކަށް އަރައިގަތުމަށް ކަމަށް ބައެއް މީހުން ސިފަކުރިއެވެ.

އެއާއެކު ބިލަށް އިސްލާހު ގެންނާނެ ކަމަށާ ބިލެއްގެ ފުރަތަ ކިޔުން އިއްވުމަކީ އަދި ބިލެއް ފާސްވުން ނޫން ކަމަށް ބުނެ ސަރުކާރާ، މަޖިލީހުން ވާހަކަ ދައްކަން ފެށިއެވެ. ސުވާލަކީ މިއީ ކޮން ބޭނުމެއްގައި ހުށައެޅި ބިލެއްތޯއެވެ. މިއީ ހަމައެކަނި ރައްޔިތުންގެ ފޯކަސް އެހެން ދިމާއަކަށް އަނބުރާލާ، ސަރުކާރަށް އެންމެ ޕްރެޝަރު ބޮޑުވެފައިވާ މައްސަލަތަކުގެ މަތިން ރައްޔިތުން ހަނދާން ނައްތާލުމަށްޓަކައި ބޭނުންކުރި އުކުޅެހެއް ހެއްޔެވެ.

ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް ހުށައެޅި އިސްލާހުތައް ރައްޔިތުންގެ އިހުސާސްތަކަށް ބެލުމެއްނެތި ހުށައެޅުމުގައި ކޮންމެވެސް އެހެން މަގްސަދެއް އޮންނާނެ ކަން ޔަގީނެވެ. އެހެން ނޫންނަމަ ސަރުކާރާ، މަޖިލީހުން މިވަރަށް މި ވާހަކަނުދެއްކީހެވެ. ފަހަރުގައި ސަރުކާރުން ބޭނުންވަނީ ކުރީގެ އަޑުތައް މަޑުކޮށް މި އަޑު ގަދަކުރަން ކަމަށް ވެދާނެއެވެ. މިއީ ސަރުކާރަށް އަނބުރާ ގެންދެވިވެސްދާނެ ބިލެކެވެ. ނޫނީ ޕްރޮބޭޝަން ޕީރިއަޑް އެންމެ މަހަކަށް ހަމަޖައްސާ، ރަސްމީކޮށް ކޮންމެ ހަފްތާއަކު އެއް ދުވަހު ސަލާމް ބުނަންޖެހޭ ގޮތަށް އިސްލާހުވެސް ގެނެވިދާނެ ކަމެވެ. އޭރުން ސަރުކާރުވާނީ ކިހާ "ހެޔޮފުޅު" ސަރުކާރަކަށްތޯއެވެ. ރައްޔިތުންގެ އަޑު ކިހާވަރަކަށް އަހާ ސަރުކާރަށް ހެއްޔެވެ.

ޑރ. ބިލާލް ރާއްޖެ ގެނަން އުޅޭ ކަމުގެ އަޑު ފަތުރާލުން

މިއީވެސް އަނެއް ވާހަކައެވެ. އަންގާރަ ދުވަހުގެ މެންދުރު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ޓްވީޓެއް ކުރައްވައިފިއެވެ. ވިދާޅުވީ ޒުވާނުންނަށް ހާއްސަކޮށްގެން ދަރުސްއެއް ދިނުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ. އަބޫ އަމީނާ ބިލާލް ފިލިޕްސް ރާއްޖެ ގެންނަނީ ކަމަށެވެ. އެމަނިކުފާނު އެ ދައުވަތު ގަބޫލު ކުރައްވައިފި ކަމަށެވެ.

މިނިސްޓަރު އެ ޓްވީޓް ކުރެއްވިތާ ދެތިން ހަތަރު މިނެޓެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ނުރުހުން މަހުލޫފަށް އަމާޒުވެއްޖެއެވެ. ބިލާލަކީ ދުނިޔެ ބަލައިނުގަންނަ ހަރުކަށި ކަމަށް ގޮވާލާ ދާއީއެއް ކަމަށް ބުނެ، އެކަން ހުއްޓާލަން ހަރުއަޑުން އިންޒާރުދޭން ފެށިއެވެ. އެކަމުގައި މަޖިލީހުގެ މެންބަރުންނާއި، ރިޔާސަތުވެސް ބައިވެރިވެއްޖެ އެވެ.

އެންމެ ފަހުން ބިލާލްގެ އިވެންޓް ފަސްކޮށްފައިވާ ކަމަށް މަހުލޫފް އިއުލާނު ކުރެއްވިއެވެ. މިފަހަރު ވިދާޅުވީ އުފެދުނު ހިޔާލު ތަފާތުވުންތަކާއެކު ކަމާބެހޭ އިދާރާތަކުގެ މަޝްވަރާ ހޯދުމަށް ކަމަށެވެ. ހަގީގަތުގައި ބިލާލްގެ އިވެންޓް ފަސްކުރީއެއް ނޫނެވެ. ކެންސަލް ކުރީއެވެ. ދެން އެ އިވެންޓެއް މި ބޭފުޅުން ނުބާއްވާނެއެވެ. ބާއްވަން ކެރިވަޑައިގަންނަވާވަރަށްވުރެ "ފިނޑި"އެވެ. ނޫނީ ޕްރެސަރު ބޮޑެވެ.

ހަފްތާ ނިމިގެން މިދިޔައީ ކޮންމެ ދުވަހަކު ވާހަކައަކުންނެވެ. ބޮޑެތި މައްސަލަތަކުންނެވެ. ގިނަ ބައެއްގެ ނަޒަރުގައި ފެށުމަކީ ޓީއެމްއޭގެ މައްސަލައެވެ. އެ މައްސަލާގައި ސަރުކާރާ، ނުފޫޒުގަދަ ބޭފުޅުން ތިއްބެވީ "ގޯސް" ހައްދަވައިގެންނެވެ. ކުރީ ސަރުކާރުގެ ބޮލުގައި އަޅުވައިގެން ހައްދަވަން އުޅުއްވި ގޯސްތައް މާކުރިން "ފަޅާ" އެރީއެވެ. އެހެންވީމަ އެ ވާހަކަތައް ހިންދުވާލަން އެބަޖެހެއެވެ. އެހެނީ ސަރުކާރާ، ޓީއެމްއޭ މަޝްވަރާކޮށްގެން އަވަސް ހައްލެއް ހޯދަން ފުރަތަމަ ގޮވި ބޭފުޅުން މިއަދު ވިދާޅުވަނީ އެެހެން ވާހަކައެވެ. ލަވައިގެ ރާގު ބަދަލުކުރައްވާ މިހާރު ވަނީ ސަރުކާރުން އެ އޮތީ ފަހުބަސް ވިދާޅުވެފައި ކަމަށެވެ. ބޭނުންނަމަ ދިން މިންވަރު ނަންގަވާށެވެ. ބޭނުން ނޫންނަމަ ރާއްޖެ ދޫކޮށް ދާންވީ ކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރަށް މިހާ ހަރުކޮށް ކުއްލިއަކަށް ޖަވާބު ދެއްވާނީ ހަމަ ގައިމު ކޮންމެވެސް ގޯހެއް މި ބޭފުޅުންނަށްވެސް ހެދިފައިވީމަތާއެވެ.

ކޮންމެއަކަށް ޓީއެމްއޭގެ އަޑާއެކު ކޮންމެ ދުވަހަކު އައު ވާހަކައެއް އެބަ އިވެއެވެ. ކުއްލިއަކަށް މާފުށިން މާވަރުގަދަ އިނގިރޭސި ރައްޔިތަކު ނުބައި ގޮތަކަށް ހައްޔަރުކުރެވިއްޖެއެވެ. ހަމަ އެބާރު މިނުގައި ލަދު ހުތުރު އޯޑިއޯތަކެއް ލީކްވެއްޖެއެވެ. ރައްޔިތުން ރުޅި އަރުވަން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށައަޅައިފިއެވެ. އަދި ޑރ. ބިލާލް ރާއްޖެ ގެންނަން އުޅޭ ކަމުގެ އަޑު އަރުވާލާ، އެ ވާހަކަވެސް ވައިގައި ހިއްޕުވާލާ، އިލްމުވެރިން ކައްކުވާލައިފިއެވެ. މިއީ ހަމަ އިއްތިފާގެއް ހެއްޔެވެ. ނޫނީ ބޮޑު މައްސަލަ މަރާލަން އުފަންކުރި ކަންތައްތަކެއް ހެއްޔެވެ. ގައިމަށް އެއް ކަމެއް ޔަގީނެވެ. ސަލާމުކަން އަނބުރާލަން ބޮޑެތި މައްސަލަތައް މި ދަނީ "ކަފުން" ކުރަމުންނެވެ. ނަމަވެސް ކޮންމެ މައްސަލައެއް އެހާ ފަސޭހައިން "ކަފުން" ނުކުރެވޭނެއެވެ. ކިތަންމެ އަޑެއް އެރުވިޔަސް ތެދުވެ، ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރާނެ މައްސަލަތައް އަތުވެދާނެއެވެ. އެހެންވީމަ ބޮޑެތި މައްސަލަތައް މިހެން މަރާނުލާ، އެކަންކަމަށް ހައްލު ހޯދަން ޖެހެއެވެ. ކޮންމެ ފަހަރަކު އައު ވާހަކައަކުން ސަމާލުކަން އަނބުރައިނުލެވިދާނެއެވެ.