ބެންގަލޫރު އެފްސީގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖަށް ކޮލިފައިވުމުގެ އުންމީދު މާޒިޔާއިން އާ ކޮށްފި އެވެ.
މާޒިޔާގެ ފުރަތަމަ ލަނޑު މެޗުގެ 62 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އެވެ. އޭނާ ލަނޑު ޖެހީ އިބްރާހިމް އައިސަމް (ޓޯނީ) ދިން ހިތްގައިމު ޕާހުންނެވެ. ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ބޭރުން ބެންގަލޫގެ ކުޅުންތެރިންގެ ގައިން ނެއްޓި ޓޯނީ އެ ޕާސް އޭރިއާ ތެރެއަށް ދިނީ ވަރަށް ބަލާލަފައި ހަބޭސް އިއްބެ ރަނގަޅު ޕޮޒިޝަންގައި ހުރުމުންނެވެ. އިއްބެ ވަނީ، ވަރަށް އިތުބާރާއެކު ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.
ފުރުތަމަ ހާފުގައިވެސް އިއްބެއަށް ވަނީ އެކަހަލަ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ހަމްޒާ މުހައްމަދު (ހަމްޕް) ވަރަށް ބަލާލާފައި ދިން ޕާސް އޭރިއާ ތެރެއަށް ހުހަށް އަރައި އިއްބެ ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ހުރަސް ދަނޑީއާ އިއްޗިއެއްހައި މަތިން ބޭރަށެވެ.
ބެންގަލޫރުން ނަތީޖާ ހަމަހަމަ ކުރީ، އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގަ އެވެ. އެ ޓީމަށް ދިން ޕެނަލްޓީއާ މެދު މާޒިޔާގެ ބެންޗުން ވަރަށް ބޮޑަށް ސުވާލު އުފެއްދިއެވެ. ބެންގަލޫރުގެ މުހައްމަދު އާޝިގީ ހުއްޓުވުމުގެ ގޮތުން މާޒިޔާގެ ބިދޭސީ ދެ ޑިފެންޑަރުން ކަމަށްވާ ޝަރީފް މުހައްމަދު އާއި ޕީޓާ ޕްލަނިޗް އެކުގައި މަސައްކަތް ކުރުމުގެ ތެރޭގައި އާޝިގީއަށް ބޯޅަ ގެއްލި ތިން ކުޅުންތެރިން އެކުގައި ވަނީ ޗާޖްވެފައެވެ.
ބެންގަލޫރުގެ ޕެނަލްޓީ މެޗުގެ 69 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކުރިން ބާސާއަށް ކުޅުނު ނިލީ އެވެ. މާޒިޔާގެ ކީޕަރު އޮވިއަސް އަޒީޒީ ހަރަކާތް ކުރީވެސް ރަނގަޅު ފަޅި އަށެވެ.
މާޒިޔާ މެޗުން މޮޅުކޮށްދިން ލަނޑު 78 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) އެވެ. ހަމްޕް ބެންގަލޫރުުގެ ހާފުގެ މެދެއްހާ ހިސާބުން ދިން ބޯޅަ، ކޯނޭ ސްޕީޑް ބޭނުންކޮށްގެން ހޯދައި އޭރިއާގެ ތެރެއަށް ވެދެ ގޯލްގެ ކަނަށް ބޯޅަ ވައްދާލީ ބެންގަލުރުގެ ކީޕަރު ގްރުޕްރީޓް ސިންހް އަށްވެސް ފުރުސަތު ނުދީ އެވެ.
ޕްލޭއޮފްގެ ދެ ވަނަ ލެގް މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ބެންގަލޫރުގަ އެވެ. އެ މެޗު ލަނޑެއް ނުޖެހި އެއްވަރުވިޔަސް މާޒިޔާ ގުރޫޕް ސްޓޭޖަށް ކޮލިފައި ވާނެ އެވެ.