އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)

މުހިންމު މެޗުތަކުގައި އިއްބެގެ ލަނޑުތަކުގެ ހިއްސާ

އޭއެފްސީ ކަޕްގައި އިއްޔަ، އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީއާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހި އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) މިފަހަކަށް އައިސް ފާހަގަ ކުރެވިފައި ވަނީ މުހިންމު މެޗުތަކުގައި ގޯލައާ ރަށްޓެހި ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖަށް މާޒިޔާ ގެންގޮސް ދިނުމުގައި ޕްލޭއޮފްގައި ބެންގަލޫރު އެފްސީ ކޮޅަށް ޖެހި ލަނޑަކީ މެޗު މާޒިޔާ ކޮޅަށް އެނބުރިގެން ދިޔަ ހިސާބެވެ. ދާދި ފަހުން އޭނާއަށް ދަރިއަކު ލިބިފައިވުމުން މާޒިޔާގެ ޓީމަށް މުހިންމު ގޯލް، އިއްބެ ހާއްސަ ކުރީ އޭނާގެ ތުއްތު ދަރިފުޅަށެވެ.

ޕްލޭއޮފްގެ ފުރަތަމަ ލެގް މެޗުގައި ބަންގުލަދޭޝްގެ ވެރިރަށް ޑާކާގައި، ޑާކާ އަބާހާނީ އާ ދެކޮޅަށް ކުޅުނު މެޗުގައިވެސް މާޒިޔާގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ، އިއްބެ އެވެ. އެ ލަނޑުތަކަކީ އޭއެފްސީ ކަޕްގެ ގުރޫޕް ސްތޭޖުގެ ދޮރު ހުޅުވަން މާޒިޔާއަށް ފަހިވި ލަނޑުތަކެވެ.

އިންޓަނޭޝަނަލް މެޗުތަކުގައި އިއްބެގެ މުހިންމު ލަނޑުތައް، ކުލަބުގެ އިތުރުން ގައުމީ ޓީމުގައިވެސް މުހިންމު ހިއްސާއެއް ވެއެވެ. އޭނާގެ މުޅި ކެރިއަރުގައިވެސް ޖެހި އެންމެ ހާއްސަ ލަނޑަކީ، 2018 ގެ ސާފް ޗެމްޕިއަންޝިޕް ފައިނަލު މެޗުގައި އިންޑިއާ ކޮޅަށް ވައްދާލި ލަނޑެވެ.

ގައުމީ ޓީމުގެ އެޓޭކިންގައި އެންމެ ނަގާކިޔާ ކުޅުންތެރިޔަކަށް އޭނާ ވީ، 2018 ވަނަ އަހަރު މާޗް މަހު ސިންގަޕޫރާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުގައި ޖެހި ލަނޑާއެކު އެވެ. އެއީ ގައުމީ ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

އެ މެޗަށް ފަހު، 'އަވަސް' އާ އޭރު ވާހަކަ ދައްކަމުން އިއްބެ ބުނެފައި ވަނީ ގައުމީ ޓީމަށް މުހިންމު ލަނޑުތަކެއް ޖަހައި ދިނުމަކީ އުންމީދެއް ކަމަށެވެ. އެ ދުވަހަށް ފަހު އިންޓަނޭޝަނަލް މެޗުތަކުގެ ތެރެއިން، ފައިނަލުގައި އިންޑިއާ ކޮޅަށް ޖެހި ލަނޑާއި ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ގުއާމްއާ ދެކޮޅަށް ޖެހި ލަނޑުގެ އިތުރުން އޭއެފސީ ކަޕްގެ ކޮލިފިކޭޝަނާއި އެ މުބާރތުގެ ގުރޫޕް ސްޓޭޖުގައި މާޒިޔާއަށް ޖަހައިދިން ލަނޑުތަކަކީ، މުހިންމު މެޗުތަކުގައި އިއްބެއަކީ ގޯލައާ ރަށްޓެހި ކުޅުންތެރިޔާކަމަށް ހާމަވާ ސަބަބެވެ.

ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅައަށް ނިއު ރޭޑިއަންޓު ސްޕޯޓްސް ކުލަބުން ތާއަރަފް ވިނަމަވެސް، އޭރު އުމުރުން ހަގު ކަމުން އިއްބެއަށް ހުންނަން ޖެހުނީ ނިއުގެ ސީނިއާ ކުޅުންތެރިންގެ ނިވަލުގަ އެވެ. އާންމުންގެ ލޯތަކުގައި އޭނާ އަޅައިގަތީ 2015 ވަނަ އަހަރު ބޭއްވި މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އުފަށް ރަށް، ސ. ފޭދޫގެ ފުޓްބޯޅަ ޓީމުގައި ދެއްކި ކުޅުމުންނެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ރަށު ޓީމަށް ހޯދައި ދިނުމުގައި އޭނާ މުހިންމު ދައުރެއް އޮތެވެ.

މިނިވަން 50 ގެ ޗެމްޕިއަންކަން ފޭދޫ ޓީމުން ހޯދުމުން، ޖެހިގެން އައި 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓް ކަޕުން އެ ޓީމަށް ފުރުސަތު ދިނެވެ. އެއީ ރާއްޖޭގެ އެންމެ މަތީ ޑިވިޝަންގެ ކުލަބުތަކުގެ ލޮލުގައި އިއްބެ އަޅައިގަތް މުބާރާތެވެ. އެ އަހަރު ހަ ޓީމު ބައިވެރިކޮށް ގުރޫޕް ސްތޭޖު އުސޫލުން ކުޅުނު މުބާރާތުގެ ގުރޫޕް ސްތޭޖުގެ ފުރަތަމަ މެޗުގައި ފޭދޫ ޓީމާއެކު އޭނާ ނުކުތީ، އޭނާގެ މިހާރުގެ ޓީމު މާޒިޔާ އާ ދެކޮޅަށެވެ. އެ މެޗު ގައި ފޭދޫ ގެ ލަނޑު މާޒިޔާ ކޮޅަށް ވައްދާލީ އިއްބެ އެވެ.

ޓީސީ އާއެކު 2017 ވަނަ އަހަރު ސީޒަން ވީ، ރާއްޖޭގެ އެންމެ މަތީ ޑިވިޝަންގައި އިއްބެ ހޭދަ ކުރި ފުރަތަމަ ސީޒަނަށެވެ. އެ އަހަރު ކުރީ ކޮޅު ބަންގުލަދޭޝްގައި ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތް ޓީސީއަށް ކާމިޔާބު ކޮށްދިނުމުގައި އިއްބެގެ ހިއްސާ އޮތެވެ. ޓީސީ އާއެކު އެ އަހަރު ދެއްކި ކުޅުމާއެކު އެ އަހަރު ގައުމީ ޓީމުން ފުރުސަތު ލިބުމަކީ އިއްބެގެ ފުޓްބޯޅައިގެ ޓާނިން ޕޮއިންޓެވެ.