ހަބަރު

ހައިވޭމަތިން ސައިކަލު ކަހާލާ މީހަކަށް ބޮޑެތި އަނިޔާތަކެއްވެއްޖެ

ހުޅުލެއާ ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ސައިކަލެއް ކަހާލައިގެން ވެއްޓި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއްވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު ހުޅުމާލެއިން މާލެއަށްދާން ސައިކަލެއްގައި ދިޔަ މީހަކު ހައިވޭ މަތިން ކަހާލައިގެން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އޭނާއަށް އޭޑީކޭގައި ފަރުވާ ދެމުންދާއިރު، އެމީހާގެ ބޮލުގެ ފުއްކިބައިން ފަޅައިގެންގޮސް އަނގައިން ލޭ އަންނަ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ. އަދި އެމީހާގެ ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާވެފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ އަނިޔާވި މީހާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށެވެ.