ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަަށް ވާދަކުރުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފޯމް ހުށައަޅުއްވައިފި އެވެ.
މުއިއްޒު ފަރާތުން މި ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވަނީ އިދިކޮޅު ޕީޕީއެމްގެ ފަރާތުންނެވެ. މާލެ ސިޓީގެ މޭޔަރަކަށް އިދިކޮޅުން ނެރޭނީ މުއިއްޒު ކަމަށް މީގެ ދުވަސްކޮޅެއް ކުރިން ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް ވަނީ އިއުލާނު ކުރައްވާފައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެކަމާ ގުޅޭގޮތުން މުއިއްޒު އެއްޗެއް ވިދާޅެއްނުވެއެވެ.
ަނަމަވެސް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވަނީ އެކަން ޔަގީންކޮށްދީފައެވެ.
މިފަހަރުގެ އިންތިހާބުގައި މާލެ ސިޓީއަށް އެމްޑީޕީގައި ވާދަކުރައްވާނީ އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. އަދި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ މަޖިލީސް މެންބަރު އަލްހާން ފަހުމީވެސް ވާދަކުރުމަށް ފޯމް ވަނީ ހުށައަޅާފައެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިމަހުގެ ހަވަނަ ދުވަހު ބޭއްވި މިއަހަރުގެ ފުރަތަމަ ޖޮއިންޓް ކައުންސިލް ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ މައްސަލަތަކެއް ބަލަން ފަށަނީ މާލޭގެ މޭޔަރު ކަމަށް ނިކުމެދާނެ ކަމަށް ދެކިގެން ކަމަށެވެ. މުއިއްޒު ވިދާޅުވީ އިދިކޮޅުން ކުރި އިިއުލާނަކުން މިވަރުވާއިރު، މޭޔަރު ކަމަށް ވާދަކުރެއްވުމަށް ފޯމް ހުށައަޅައިފިނަމަ އަދި ކޮށްލާނެ ވަރުވެސް ނޭންގޭ ކަމަށެވެ.
"އަޅުގަނޑު ހިތަށް އަރާ، މިވެގެން އުޅޭގޮތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން އަޅުގަނޑު މާލޭގެ މޭޔަރު ކަމަށް ނިކުމެދާނެ ކަމަށް ދެކި، ޕީޕީއެމްގެ ފަރާތުން މިހާތަނަށް ވަނީ.. ޕީޕީއެމާއި ޕީއެންސީގެ އިސްވެރިން ވަނީ މި ކަމަށް ވަރަށް ބޮޑަށް ވާހަކަ ދައްކަވާފައި. މިވަރަށް މިވާހަކަ ދެކެވިފައިވާތީ އަޅުގަނޑު ނިކުމެދާނެ ކަމުގެ ބިރަށް މި ބޭފުޅުން ހަމަ ކުރާ ކަންކަމޭ. އަޅުގަނޑު ހިތަށް އަރާ މި ފޯމް، ކައުންސިލް އިންތިހާބަށް މާލޭ މޭޔަރު ކަމަށް ކުރިމަތިލާ ފޯމް އިލެކްޝަންސް ކޮމިޝަނަށް ލައިފިނަމަ އަދި ކިހާވަރެއްވާނެބާއޭ..." މުއިއްޒު ވިދާޅުވިއެވެ.
އަދި ވިދާޅުވީ ބިރު ދައްކައިގެން، މައްސަލަތައް ބަލައިގެން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
"ކިތަންމެ ބޮޑު ތުހުމަތެއް އަޅުގަނޑުގެ ބޮލުގައި އެޅުވިނަމަވެސް، ކިތަންމެ ނުރައްކަލެއް އަޅުގަނޑުމެންނާ ކުރިމަތި ކުރިކަމުގައިވިޔަސް އަދި ކިތަންމެ ބޮޑު އަދަބެއް ނުހައްގުން ދިން ނަމަވެސް، ދީނާ ގައުމުގެ ހައްގުގައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރުމުގައި އަޅުގަނޑު ފަހަތަށް ނުޖެހި ސާބިތުކަމާއެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަރުވަން."