ފިނިޕޭޖް

ސީޒަންގެ "އަނދިރިކަން": މިއަދު ޓިކެޓް ވިއްކަން ފަށާނެ

Feb 20, 2020

ކުޅަދާނަ ފިލްމީ ތަރި އަލީ ސީޒަންގެ އާ ފިލްމްގެ ޓިިކެޓް ވިއްކަން މިއަދު ފަށާނެ އެވެ.

އަވަސްއާ ވާހަކަދައްކަމުން ސީޒަން ބުނީ "އަނދިރިކަން" ރިލީޒް ކުުރުމަށް ހަމަޖެހިފައިވަނީ މާޗް ހަތަރެއްގައި ކަމަށެވެ. އަދި މިއަދުން ފެށިގެން އޮލިންޕަހުން ޓިކެޓް ވިއްކަން ފަށާނެ އެވެ. ޓިކެޓް ވިއްކަން ފަށާނީ މެންދުރު 14:00 ފެށިގެންނެވެ.

އަދި އޭގެ ފަހުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ފެށިގެން 12:00 އަށް، އަދި 18:00 ފެށިގެން 20:00 ޓިކެޓް ވިއްކާނެއެވެ. ހުކުރު ދުވަހު ޓިކެޓް ވިއްކާނީ 14:00 ފެށިގެން 18:00 އަށް އަދި 20:00 ފެށިގެން 22:00 އަށެވެ.

ރީިތި ވާހަކައަކަށް ސީޒަން އުފައްދާފައިވާ މި ފިލްމުގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފައެވެ. މިއީ މިދިޔަ އަހަރުވެސް ސްކްރީން ކުރަން ސީޒަން މަަސައްކަތް ކުރި ފިލްމެކެވެ.

ފިލްމުގައި މުހިންމު ތަރިންގެ ގޮތުގައި ފެނިގެންދާނީ ސީޒަންގެ އިތުުރުން ޝީލާ އަދި ރިޝްފާއެވެ. މީގެ އިތުރުން ދަރާ ރަޝީދު، މަރިޔަމް ޝަކީލާ، އަހުމަދު ސައީދު އަދި ފާތިމަތު ޒީނަތުވެސް ފިލްމުން ފެނިގެންދާނެއެވެ.

ސީޒަން މިހާރު ވަނީ "ލޯބިވެވިއްޖެ" ނަމުގައިވެސް އައު ފިލްމެއް އުފައްދަން ފަށާފައެވެ. ތިނަދޫ އަދި ސްރީލަންކާގައި ޝޫޓްކުރާ ފިލްމުގެ ބޮޑު ބައެއް މިހާރު ވަނީ ނަގާ ނިމިފައެވެ.