އައްޑޫ ސިޓީ ކައުންސިލް

އައްޑޫ މޭޔަރު ކަމަށް އިދިކޮޅުން ލަތީފް

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރު ކަމަަށް އިދިކޮޅު ޕީޕީއެމުން ވާދަކުރާނީ ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ލަތީފް ކަމަށް އެޕާޓީން ބުނެފި އެވެ.

ލަތީފްވެސް ވަނީ އެކަން ޔަގީންކޮށްދީފައެވެ. އޭނާ ވިދާޅުވީ މާދަމާ އޭނާގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާނެ ކަމަށެވެ.

އަދި އައްޑޫ މޭޔަރަކަށް ވާދަކުރެއްވުމަށް ނިންމީ އައްޑޫގެ ހާލަތު ބަދަލުކުރުމަށް ކަމަށް ލަތީފް ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރު ކަމަަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވީ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރެވެ. އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރުމަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް ތިން ކެންޑިޑޭޓަކު ޕްރައިމަރީގައި ވާދަކުރިއެވެ. އެއީ އަހުމަދު އަދުހަމް، އަލީ ނިޒާރު އަދި އަބްދުﷲ ސޯދިގެވެ. އައްޑޫ ސިޓީގެ މޭޔަރަކަށް މިދިޔަ ނުވަ އަހަރުވެސް ހުންނެވީ އަބްދުﷲ ސޯދިގެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި އެންމެ ބޮޑު ދެ ޕާޓީން ހުރިހާ ސިޓީތަކާއި، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކުގެ ގޮނޑިތަކަށް ކުރިމަތިލާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.