އައްޑޫ ސިޓީ ހިތަދޫގައި މިހާރު ކުރިއަށްދާ އިދިކޮޅު މުޒާހަރާއަށް ހުރަސް އެޅުމަށްފަހު ރައީސް އަބްދުﷲ ޔާމީނަށް ކެމްޕޭން ކުރަން މެޑަމް ފާތުން އިސްވެ ހުންނަވައި ކުރިއަށްގެންދާ ހިނގާލުމަށް ފުލުހުން ފުރުސަތު ދީފި އެވެ.
އައްޑޫގައި ޕީޕީއެމްގެ ކެމްޕޭން އެއްވުން ފެށުމާއެކު އިދިކޮޅަށް ތާއީދުކުރާ ފަރާތްތަކުން ވެސް ވަނީ އެއްވުމެއް ކުރިއަށްގެންދަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފުލުހުން ދަނީ ހިތަދޫގެ އެކި ސަރަހައްދު ތަކުގައި ހަރަކާތްތެރިވެ މީހުން ގިނަ ސަރަހައްދުތަކުގައި ތިބި އާންމުންނާ ސުވާލު ކުރަމުންނެވެ. ހިތަދޫގައި ހުންނަ އެމްޑީޕީ ހަރުގެވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތޮއްޔިބް ވިދާޅުވީ، ޕީޕީއެމުން ބާއްވާ އެއްވުމަށް ފުރުސަތު ދިނުމަށްފަހު އިދިކޮޅު މީހުންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނުދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަކީ ބޭއިންސާފުން ކުރަމުންދާ ކަންތައްތަކެއް ކަމަށެވެ. އިދިކޮޅަށް އެއްވުންމުގެ ފުރުސަތު ފުލުހުން ދޭން ބޭނުން ނުވަނީ އައްޑޫ ސިޓީއަށް އެ ފުރުސަތު ދީފިނަމަ ސަރުކާރަށް ފެންނާނެ މަންޒަރު ތަފާތު ވެދާނެކަމުގެ ޔަގީންކަން އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހިތަދޫގެ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު އެއީ މިހާރު ޕީޕީއެމްގެ ހަރަކާތް ވެސް ކުރިއަށްދާ ސްޓޭޑިއަމާ ކައިރި ސަރަހައްދެކެވެ.
އިދިކޮޅަށް ތާއީދުކުރާ އާންމުންނަށް އެއްވުމުގެ ފުރުސަތު ނުދިނުމަށް ފުލުހުން މަސައްކަތް ކުރަމުންދާއިރު އެހެން ރަށްރަށުން ހިތަދޫއަށް އަންނަ ފަރާތްތަކާ ވެސް ފުލުހުން ސުވާލުކުރާ ކަމުގެ މައުލޫމާތެއް ވެސް ވަނީ ލިބިފަ އެވެ.
ޕީޕީއެމުން މިއަދު އައްޑޫގައި ބާއްވަނީ "މަގެ ދީނާ މަގެ ގައުމާ ނުކުޅެއްޗޭ" ނަމުގައި ރެލީ އެކެވެ. އެ ރެލީ ޕީޕީއެމުން ބޭނުންވާ ގޮތަށް ކުރިއަށްގެންދަން ފުރުސަތު ދީފައިވާއިރު، އެއްވުމުގެ އެތެރޭގެ ސަލާމަތީކަންކަން ބެލެހެއްޓުމަށްވެސް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.