އެކްޓާ ހިމަންޝޫ ކޯލީ އާއި ލަވަކިޔުންތެރިޔާ ނެހާ ކައްކަރްގެ ލޯބީގެ ގުޅުމަށް ނިމުމަކަށް އައުމާއެކު ގިނަ ބަޔަކު ހީކުރީ ނެހާއަށް ލަނޑުދިނީ ހިމަންޝޫ ކަމަށެވެ. ސަބަބަކީ ޓީވީ ޝޯތަކަށް އަރާ ނެހާ ރޮއިރޮއިފައި ލޯބިވެރިޔާގެ ބޭވަފާތެރިކަމުގެ ވާހަކަ ލަވައިގެ ސިފައިގައި ބެލުންތެރިންނާ ހިއްސާ ކުރާތީ އެވެ.
ނެހަ އާއި ހިމަންޝޫގެ ލޯތްބަށް ނިމުން އައި ގޮތާ ބެހޭ ގޮތުން ފެތުރުނު އެއްވެސް ވާހަކައަކަށް މިހާތަނަށް ހިމަންޝޫ އެއްވެސް އެއްޗެކޭ ބުނެފައެއް ނެތެވެ. ނަމަވެސް ދާދިފަހުން ހިމަންޝޫ ވަނީ މިކަމާ ގުޅޭ ގޮތުން އޭނާ ބުނަން ބޭނުންވާ ވާހަކަތައް އިންޑިޔަގެ ނޫހަކާ ހިއްސާ ކޮށްފަ އެވެ.
ހިމަންޝޫގެ އިންޓަވިއުގައި ބުނެފައިވާ ގޮތުގައި ދެ މީހުން ވަކިވާން ނިންމި ނިންމުމަކީ ނެހާ އަމިއްލައަށް ބޭނުންވެގެން ނިންމި ނިންމުމެކެވެ. ނަމަވެސް ސޯޝަލް މީޑިއާގަޔާއި ޓީވީ ޝޯތަކުގައި ނެހާ ރޮއިރޮއިފައި ދައްކާ ވާހަކަތަކުން އެންމެންނަށް ވެސް ހީވެފައި އޮތީ ނެހާއަށް ލަނޑުދިނީ އޭނާ ކަމަށެވެ.
ހިމަންޝޫ ބުނި ގޮތުގައި ނެހާ އާއި އޭނަގެ ލޯބީގެ ގުޅުން ކެނޑިގެން ދިޔައީ ވަރަށް ހުތުރުކޮށެވެ. ހަމަ ގައިމުވެސް އޭނާގެ ފަރާތުން އެކަން ނަގަނީ ވަރަށް ހުތުރުކޮށެވެ. އެންމެން ވެސް ގޯސްކުރީ އޭނާ ކަމަށާއި އެއްވެސް މީހަކު އޭނާ ކައިރީގައި އެކަން ވީގޮތް އޮޅުފިލުވަން ސުވާލެއް ވެސް ނުކުރާ ކަމަށް ހިމަންޝޫ ބުންޏެވެ.
"ނެހާ އާ ރުޅިވެގެން މި ފާއިތުވީ ދުވަސްތަކަކީ ހަޔާތުގައި ވެސް ދިމާވި އެންމެ ހިތާމަވެރި ދުވަސްތައް. މިހާރު ކޮންމެވެސް ވަރަކަށް މައްސަލަތައް ހައްލުވެ މީހުން އަހަރެންގެ ވާހަކަ ދައްކާ އަޑު މަޑުވެއްޖެ. މިއޮއް ހުރިހާ ދުވަހަކު އެންމެން އަހަރެންނާ ދިމާލެއް ހެއްދެވި ނުހެއްދެވި ގޮވީ ސޯޝަލް މީޑިއާގައި،" ހިމަންޝޫ ބުންޏެވެ.
ހިމަންޝޫ ބުނި ގޮތުގައި އޭނާ އެއްވެސް ވާހަކައެއް ނުދައްކާތީ އާއި ނެހަ އަބަދު ރޮއިރޮއިފައި އުޅޭތަން ފެނުނީމަ އެންމެންވެސް ގޯސްކުރީ އޭނާ އެވެ.
"އަހަރެން ވެސް ރޯން ބޭނުންވި. ނަމަވެސް ހިތްވަރުކޮށްލާފައި އަހަރެން ކެތްކޮށްލައިގެން ހުރީ،" ހިމަންޝޫ ބުންޏެވެ.
ނެހާގެ ސޯޝަލް މީޑިއާ މެސެޖްތަކަށް ވެސް ޖަވާބުދޭން ވަރަށް ގިނަ ފަހަރަށް ހިތަށް އެރި ނަމަވެސް އޭނާ އެއް އިރެއްގައި ވަރަށް ލޯބިވި އަންހެނެއްގެ އިހުތިރާމާއި ގަދަރު ގެއްލޭ ފަދަ ވާހަކަތަކެއް ނުދެއްކުމުގެ ގޮތުން އޭނާ އެއްވެސް އެއްޗެއް ނުލިޔެ ހުރީ ކަމަށް ވެސް ހިމަންޝޫ ބުންޏެވެ.
ހިމަންޝޫ އިތުރަށް ބުނީ އޭނާ އާއި ނެހާ ރައްޓެހިވެގެން އަހަރެއްހާ ދުވަހު އުޅުނުކަމަށާއި ނެހާ އާއި ކައިވެނި ކޮށްގެން މުސްތަގްބަލެއް ބިނާކުރުމަށް ވެސް އޭނާ ރޭވި ކަމަށެވެ. ނަމަވެސް ހިމަންޝޫ މަޝްހޫރުވާންވެގެން ނެހާ ދެކެ ލޯބިވާ ކަމަށް ހެދިގެން އުޅުނީ ކަމަށާއި މަޝްހޫރުކަން ލިބުމުން ނެހާ ދޫކޮށްލީކަމަށް ބުނެ ވަރަށް ގިނަ މީހުން ހިމަންޝޫ ކުށްވެރިކުރާކަން އެނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ނެހާ އަ ބައްދަލުވީއިރުވެސް އޭނާގެ ހަތަރު ފިލްމު ރިލީޒްވެފައިވާ ކަމަށާއި އެހެންވީމަ މަޝްހޫރުކަން ހޯދުމުގެ ބޭނުމުގައި ނެހާ އާ ލޯބީގެ ގޮތުން ގުޅެން ނުޖެހޭ ކަމަށް ހިމަންޝޫ ބުންޏެވެ.
ހިމަންޝޫ ނެހާ އަށް ލަނޑުދިން ކަމަށް ބުނެ ދެކެވެނު ވާހަކަތައް މީގެ އެތައް މަހެއް ކުރިން ނެވާ ވެސް ވަނީ ދޮގުކޮށްފަ އެވެ. ހިމަންޝޫ ބުނި ގޮތުގައި އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ނެހާ އެވާހަކަތައް ދޮގުކުރުމުންނެވެ. އަދި ރުޅިވީ ފަހުން ނެހާ އާ އެއްވެސް ވަރަކަށް ގުޅުމެއް ނުބާއްވާ ކަމަށާއި ވާހަކަ ވެސް ނުދައްކާ ކަމަށް ހިމަންޝޫ ބުންޏެވެ.
ނެހަ އަކީ މިހާރު ސޮނީ ޓީވީގެ މަޝްހޫރު ސިންގިން ރިއަލިޓީ ޝޯ "އިންޑިއަން އައިޑަލް"ގެ މިފަހަރުގެ ސީޒަންގެ ޖަޖެކެވެ. ނެހާ އާއި މި ޝޯގެ ހޯސްޓް އަދިތުޔާ ނާރަޔަން އާ ކައިވެނި ކުރަން އުޅޭ ކަމުގެ ޚަބަރުތަކެއް ވެސް ވަރަށް ފަހުން ފެތުރުނެވެ. ނަމަވެސް މިއީ ޝޯ ބަލާ މީހުން އިތުރުކުރުމުގެ މަގްސަދުގައި ޝޯގެ އޮގަނައިޒަރުން ބުނެގެން ކުޅުނު ޑްރާމާއެއް ކަމަށް އަދިތުޔަ އާއި ނެހާ ވަނީ އެއްބަސް ވެފަ އެވެ.