ބޮލީވުޑް

"ލަވް އާޖް ކަލް"އަށް ކިޔާ ފާޑުކިޔުންތަކަށް ސާރާގެ ޖަވާބު

ސާރާ އަލީ ޚާން އާއި ކާރްތިކް އާރްޔަން ލީޑް ރޯލު ކުޅެފައިވާ "ލަވް އާޖް ކަލް" އަށް ބޮކްސް އޮފީހުގައި ވަރަށް ބޮޑު ނާކާމިޔާބަކާ ވަނީ ކުރިމަތިވެފަ އެވެ. ފިލްމު ރިލީޒްކުރިތާ ފަސް ދުވަސްވީއިރު ލިބިފައިވަނީ އެންމެ 33 ކްރޯޑެވެ. މިއީ ޓްރޭޑް އެނަލިސްޓުން ވެސް އުންމީދުކުރި ވަރަށް ވުރެ މާ މަދު އަދަދެކެވެ.

ފިލްމަށް ވަރަށް ގިނަ ބަޔަކު ފާޑު ކިޔަމުންދާއިރު އެކަމުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ސާރާ އަށެވެ. ސާރާގެ އެކްޓިން އަށް ވެސް ގިނަ ބަޔަކު މަލާމާތް ކުރާތީ އެވެ.

ސާރާ ބުނި ގޮތުގައި އެކްޓަރެއްގެ ހައިސިއްޔަތުން އޭނާޔަށް އޮންނާނީ ޑައިރެކްޓަރު ބުނާ ގޮތަކަށް މަސައްކަތް ކުރުމެވެ. އަދި ފިލްމު ރިލީޒްކުރުމުގެ ކުރިން އެ ފިލްމެއްގެ އެކްޓަރުންގެ މަސައްކަތް އޮންނަނީ ނިމިފަ އެވެ. އެހެންވީމަ ރިލީޒްވުމަށް ފަހު ދެން ފިލްމަށް ދިމާވާ ކަންކަމަކީ އެ ފިލްމުގައި ބައިވެރިވި އެކްޓަރުންނަކަށް މާ ބޮޑު ބާރެއް ފޯރާނެ ކަންތައް ތަކެއް ނޫނެވެ.

ސާރާ މިހާތަނަށް ކުޅެފައިވަނީ އެންމެ ތިން ފިލްމު ނަމަވެސް ތިން ފިލްމުގައި ވެސް އޭނާ ކުޅެފައިވަނީ ވަރަށް ތަފާތު ކެރެކްޓާ ތަކެކެވެ. ކެރިއަރުގެ މިހާ ކުރީކޮޅުގައި ވެސް އޭނާ ކުޅޭ އެއްވެސް ކެރެކްޓާއަކަށް ޖަޖް ނުކުރަން ސާރާ ވަނީ ދަސްކޮށްފަ އެވެ. ސަބަބަކީ ކޮންމެ ކެރެކްޓާއަކީ ވެސް ތަފާތު އިންސާނަކަށް ވާތީ އެ މީހެްއގެ ދިރިއުޅުން ތަފާތު ވާނެތީ އެވެ.

ޒުވާން ސާރާއަށް މިހާތަނަށް ލިބުނު ތަޖުރިބާގެ އަލީގައި ދަސްވި އަނެއް ކަމަކީ ފާޑުކިޔާ މީހުންނާ ކުރިމަތިލާނެ ގޮތެވެ. އެގޮތުން އޭނާގެ އެންމެ ފަހުގެ ރިލީޒް ކަމަށްވާ "ލަވް އާޖް ކަލް" ގައި ސާރާ ކުޅުނު ރޯލަށް ވެސް ވަރަށް ގިނަ ބަޔަކު ފާޑުކިޔާ ކަން ސާރާ އަށް އެނގެ އެވެ. އެ ފިލްމުގައި އޭނާ އޯވަ އެކްޓްކޮށްފައިވާ ކަމަށް ފާޑުކިޔާ މީހުން ބުނެ އެވެ.

ސާރާ ބުނި ގޮތުގައި ފާޑުކީމަ އޭނާ ދެރަވި ނަމަވެސް މިހާޜު އެވާހަކަތައް ހަނދާން ނައްތާލާފައި މަސައްކަތާއިގެން ކުރިޔަށް ދާން ވަނީ ނިންމާފަ އެވެ.

"ލަވް އާޖް ކަލް"ގައި އޭނާ ރޯ މަންޒަރުތައް ކުޅެވިފައިވާ ގޮތް ޚުދް ސާރާ އަކަށް ވެސް ކަމަކު ނުދެ އެވެ. އޭނާ ބުނި ގޮތުގައި ރޯ މަންޒަރުތަކުގައި އޭނާ ފެންނަނީ ވަރަށް ހުތުރުކޮށެވެ. އަދި އޭނާގެ ކެރެކްޓާ ވަރަށް ހަރުކަށިވެފައި އަޑުގަދަ އެވެ. ނަމަވެސް މިއީ އެ ފިލްމުގެ ކެރެކްޓާގެ ގޮތް ކަމަށާއި އެފަދަ މީހުން ވެސް ދުނިޔޭގައި އުޅޭނެކަން މީހުން ގަބޫލުކުރަން ޖެހޭނެކަމަށް ސާރާ ބުންޏެވެ.

"މީހުން ފާޑުކިޔާ ދަށްކޮށްލަން މަސައްކަތް ކުރަނީ ވަކި ކަމެއް ވެގެނެއް ނޫން. އެއީ ބައެއް މީހުން ހަމަ ކުރަން ބޭނުންވެގެން ކޮށްލާ ކަންތައްތައް. އެހެންވީމަ އެފަދަ މީހުން ދައްކާ ވާހަކަ ތަކާ އަޅާ ނުލުން ރަނގަޅުވާނެ ކަމަށް ދެކެނީ،" ސާރާ ބުންޏެވެ.
ހަގީގަތުގައި "ލަވް އާޖް ކަލް" ނާކާމިޔާބުވުމުގެ ސިއްރަކީ ފިލްމުގެ ތަރިންނެއް ނޫނެވެ. ފިލްމުގެ ޑައިރެކްޓަރު އިމްތިޔާޒު އަލީ އެ ފިލްމު އުފައްދާފައިވާ ގޮތުންނެވެ. އިމްތިޔާޒުގެ "ޖަބް ހެރީ މެޓް ސޭޖަލް" އާއި "ތަމާޝާ" ފަދައިން މި ފިލްމުގައި ވެސް ހުރީ ހަމަ ވަރަށް އެއް ވައްތަރެއްގެ މަންޒަރު ތަކެކެވެ. ބެލުންތެރިންނަށް ފިލްމާ އެއްގޮތަކަށް ގަޔާ ނުވެވުނީ ޑައިރެކްޝަންގެ ފެންވަރު ޑަށްވެގެން ކަމަށް ފާޑުކިޔުންތެރިން ބުނެފައި ވެއެވެ.

ސާރާގެ ކުރިޔަށް އޮތީ ވަރުން ދަވަން އާއެކު ކުޅޭ "ކޫލީ ނަންބަރު 1" އެވެ.