ސީރިޔާ

ބޮން ގޮވާ އަޑު އިވުނީމަ ހޭން ދަރިފުޅަށް ދަސްކޮށްދީފި

ސީރިޔާގެ މި ވީޑިއޯ އިންޓަނެޓުން ފެނުނު ގިނަ ބަޔެއްގެ ހިތް ހަލާކުވި އެވެ. މި ވީޑިއޯގައި ފެންނަނީ ބޮން އަޅާ އަޑު އިވުމުން ބިރުން އުޅޭ ހަތަރު އަހަރުގެ ކުޑަ އަންހެންކުއްޖަކަށް އޭނާގެ ބައްޕަ ގޭމެއް ދަސްކޮށްދޭ މަންޒަރެވެ. ސީރިޔާގެ އިދްލީބުގައި ދިރިއުޅޭ މި ދެބަފައިންގެ ވީޑިއޯގައި ބައްޕަ ދަރިފުޅު ކައިރީ ބުނަނީ ބޮން ގޮވާ އަޑު އިވުނީމަ ބާރަށް ހޭން ފެށުމަށެވެ. އެއީ ގޭމެއް ކަމަށާއި އެގޮތަށް ކަންތައް ކުރީމަ ބިރު ނުގަންނާނެ ކަމަށް ވެސް ބައްޕަ އޭނާގެ ދަރިފުޅު ކައިރީގައި ބުނެ އެވެ.

ބާރަ ސިކުންތުގެ މި ވީޑިއޯގައި ފެންނަނީ އެމީހުންގެ ގެޔާ ތަންކޮޅެއް ދުރަށް ބޮން އަޅާ އަޑުފައްގަނޑު އިވުމާއެކު އަބްދުﷲ އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ސެލްވާ ބާރު ބާރަށް ހޭ މަންޒަރެވެ. އަބްދުﷲ މި ގޭމް ދަރިފުޅަށް ދަސްކޮށްދިނީ ބޮން އަޅާ ބިރުވެރި އަޑުފައްގަނޑުން ދަރިފުޅުގެ ސަމާލުކަން އެހެން ދިމާލަކަށް ބަދަލު ކޮށްލައި ދަރިފުޅު ބިރުގަތަ ނުދިނުމަށެވެ.

މި ވީޑިއޯ ޓުވިޓާގައި ޝެއާ ކޮށްފައިވަނީ މެހެމަޓް އަލްގަން ކިޔާ މީހެކެވެ. އޭނާ ވީޑިއޯގެ ކެޕްޝަންގައި ލިޔެފައިވާ ގޮތުގައި އިލްދީބުގައި ދިރިއުޅޭ އޭނާގެ ރައްޓެއްސެއްގެ އާއިލާއިން ސަރްމަދާ ޓައުނުގެ ބޯޑަރުގައި މިހާރު ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުންދާ ކަމަށެވެ. އެހިސާބު މަތިން މަތިންދާބޯޓު ދަތުރުކުރާ އަޑާއި ދުރުން ބޮން ގޮވާ އަޑު އިވުމުން އެކުވެރިޔާގެ ދަރިފުޅު ވަރަށް ބިރުން އުޅެ އެވެ. އެހެންވެ ދަރިފުޅަށް އެކުވެރިޔާ ވަރަށް މޮޅު ގޭމެއް ކުޅެން ދަސްކޮށްދީފައިވާ ކަމަށް މެހްމަޓް ބުނެފައި ވެއެވެ.

ބޭރުން ބާރު އަޑެއް އިވޭ ކޮންމެ ފަހަރަކު އާއިލާގެ އެންމެން ބާރު ބާރަށް ހީނގަންނަން ޖެހެ އެވެ. އެހެންނޫނީ ގޭމް ބްރޭކް ވާނެ އެވެ. ސީރިޔާގައި މަޑުމަޑުން އިންސާނިއްޔަތުކަން ގެއްލިގެން ހިނގައްޖެ ކަމަށް ވެސް އޭނާ ލިޔެފައި ވެއެވެ.

މި ވީޑީއޯ ބަލާފައި ގިނަ ބަޔެއްގެ ހިތް ކުދިކުދިވި އެވެ. މިހާ ކުޑަ ކުއްޖަކު މި ކަހަލަ ގޭމެއް ކުޅެން މަޖްބޫރުވެފައިވާތީ ހިތް ހަލާކުވެ ހިތަށް އުދަނގޫވީ މީހުން ވަރަށް ގިނަ އެވެ.

"އެ ހިނިތުންވުމަކީ ވެސް ހާދަ ބިރުހުރި އެއްޗަކަށް ވާނެއޭ. ﷲ އެ އާއިލާއަށް ބައްލަވާ ވޮޑިގެން އެހީތެރިވެ ވޮޑިގަންނަވާނެކަމަށް އުންމީދުކުރަން. މި ވީޑީއޯއިން ފެންނަ އުމުރުގެ ކުދިން ގެންގުޅޭ މީހުންނަށް އިހްސާސް ކުރެވޭނެ މިފަދަ ހާލަތެއް ދިމާވެއްޖިއްޔާ އެމީހުންނަށް ކުރާނެ އަސަރު،" ވީޑީއޯ އަށް ކޮމެންޓްކުރި މީހަކު ބުނެފައި ވެއެވެ.

މި ވީޑިއޯ އާ ބެހޭ ގޮތުން ޓާކިޝް އިންޑިޕެންޑެންޓާ ވާހަކަ ދައްކަމުން ކުޑަ ކުއްޖާގެ ބައްޕަ އަބްދުﷲ ބުނީ ބޮން އަޅާ އަޑުފައްގަނޑު އިވި ދިވި ކުދިންނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. އެހެންވެ ބޮމުގެ އަގު ވެސް ކުދިންނަށް އުފާވެރި އަޑަކަށް ހަދަން އޭނާ މި ގޭމް އެ ކުދިން ލައްވާ ކުޅުވަނީ އެވެ.

"އަހަރެން އެ ކުދިން ކައިރީ ބުނަނީ ބޮން އަޅާ އަޑަކީ ކުޅޭކުޅޭ ބަޑިއަކުން އަންނަ އަޑެކޭ. އެއީ ބިރުގަންނަން ޖެހޭ ކަމެއް ނޫނޭ ހޭން ޖެހޭ ކަމެކޭ. އެހެންވެ މިހާރު ސެލްވޭ އަބަދުވެސް އެ ގޭމް ކުޅެފައި ހޭނެ،" އަބްދުﷲ ބުންޏެވެ.