ވިޔަފާރި

ހުޅުމާލެ ދެ ފިޔަވަހި ގުޅޭ ސަރަހައްދަށް ޗެނަލް ޕާކެއް

ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ސަރަހައްދު ތަރައްގީ ވެގެން އަންނައިރު އެތަނުގައި ބޯލިން ކުޅޭ ތަނަކާއި ގިނަ ވަސީލްތަތަކެއް ހިމެނޭ ގޮތަށް ޗެނަލް ޕާކެއް އޮންނާނެ ކަމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީ އިން ބުނި ގޮތުގައި ހުޅުމާލެ ދެ ފޭސް ގުޅޭ ސަަރަހައްދު ތަރައްގީ ކުރާނީ އާއްމުންނަށް ބޭނުން ކުރެވޭ ގޮތަށް ގިނަ ވަސީލަތްތަކެއް ވެސް ހިމަނައިގެނެވެ.

އެ ކުންފުނިން ވަނީ ހުޅުމާލޭގެ ދެ ފޭސް ގުޅާލާ ސަރަހައްދުގެ އެނިމޭޓެޑް ވީޑިއޯ
އެއް ވެސް މިއަދު އާއްމުކޮށްފަ އެވެ. އެ ވީޑިއޯގައި މި ސަރަހައްދު ތަރައްގީ ވެގެން އަންނައިރު ހިމެނޭނެ ގިނަ ވަސީލަތްތައް ފެނެ އެވެ.

އެޗްޑީސީ އިން ބުނި ގޮތުގައި "ޗެނަލް ޕާކް ބޮލްޔާޑް ލިންކް" ގެ ނަމުގައި ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން މި ސަރަހައްދު ތަރައްގީވެ ނިމޭއިރު ސްކޭޓް ޕާކަކާއި ބޯލިން ކްލަބެއްގެ އިތުރުން މަސް ބާނާ ޑެކަކާއި މި ނޫން ވެސް ގިނަ ވަސީލްތަތަކެއް ގާއިމް ކުރާނެ އެވެ.

އެމަސައްކަތް ނިމޭނެ ތާރީހެއް އެ ކުންފުނިން އަދި ނުބުނެ އެވެ.

އެ ކުންފުނިން ވަނީ މި ސަރަހައްދު ތަރައްގީ ކުރުމުގެ ގޮތުން ކުރިން މިތަނުގައިވާ ބާބެކިޔު ސަަރަހައްދު ބަންދުކޮށްފަ އެވެ. އަދި އެ ސަރަހައްދުގައި ހަދާ ފަސް ބުރިޖުގެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށް ވެސް އެޗްޑީސީ އިން ބުންޏެވެ.

ދަށުން އޮއި ދެމޭ ގޮތަށް ދެ ފިޔަވަހި ގުޅާލުމަށް ފަސް ސް ބްރިޖު އަޅަ އެވެ. މި މަސައްކަތް ކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 7،000 ފްލެޓުގެ މަސައްކަތް ކުރާ ޗައިނާގެ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީސީ) ކުންފުނިންނެވެ. ދެވަނަ ފިޔަވަހީގެ މި ސަރަހައްދުގެ ބްރިޖުތަކުގެ މަސައްކަތް ކުރަނީ ސައުދީ ފަންޑުން ދީފައިވާ 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ގެ ލޯނު އެހީގަ އެވެ.