ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(18 ފެބްރުއަރީ 2020 އާ ގުޅޭ)

"ބަލާލަން ވެސް ހުތުރުވިއްޔާ ދެން ރަނގަޅުވާނީ..." ޖެއްސުމުގެ ރާގެއްގައި އިބާ ބުންޏެވެ. ޒުކަންއަށް ބޯހޫރާލެވުނެވެ. އިބާއަކީ ފެށުނީއްސުރެ ގޮތްދޫނުކުރާ ސިފަ ހުންނަ އަންހެނެއްކަން އޭނާއަށް އެނގެއެވެ. އޭނާ ގަޔާނުވާކަމެއްނަމަ އެކަމާ ރުއްސުމަކީ އުނދަގޫކަމެކެވެ.

* * * * *

ހޭޒަލްގެ ކައިވެނި ލިއަމްއާ ކުރެވުނުއިރު ރިޒްވާނަށް ވެސް މުހިންމުވީ ދަރިފުޅުގެ އުފާވެރިކަމެވެ. ލިއަމްގެ ޢާއިލާއާ ވެސް ރިޒްވާނުގެ ޢާއިލާއިން ބައްދަލުކުރިއެވެ. ލިއަމް އައީ ރަނގަޅު ޢާއިލާއަކުންނެވެ. އެ ދެކުދީން ބައްދަލުވީއިރު ވެސް ލިއަމް އުޅެނީ ވަޒީފާގައެވެ. އޭނާގެ ފުށުން މީހަކު ނުރުހޭނޭ އެއްވެސް ސިފައެއް ނުފެނެއެވެ. އެހެންނަމަވެސް ލިއަމްވީ ރިޒްވާނު ހީކުރި ކަހަލަ ޒުވާނަކަށްނޫނެވެ. ހޭޒަލް އެނބުރި އައީ އުންމީދު ވެސް ނުކުރާވަރު ވިޔާނުދާ ޚަބަރަކާއެކުއެވެ. އެ ދަރިފުޅަށް އެކަމުގެ ސަބަބުން ލިބުނު ހިތްދަތިކަމަކީ ރިޒްވާނުގެ ހިތުން ދުވަހަކުވެސް ފިލައިގެންދާނޭ ދުވަސްތަކެއްނޫނެވެ.

މިއަދު އަނެއްކާ ވެސް ހޭޒަލް އާ ދިރިއުޅުމެއް ފަށަން ތައްޔާރުވެފައިވާއިރު ރިޒްވާނުގެ ޢަމަލުތައް ތަފާތެވެ. ދާރިއަން ފެންނަނީ ތަފާތު ޒުވާނެއްގެ ގޮތުގައެވެ. ވާހަކަދެއްކުން ވެސް ތަފާތެވެ. ޢާންމު ޒުވާނުންގެ ވިސްނުމަށްވުރެ ދާރިއަންގެ ވާހަކަތައް ހަރުދަނާއެވެ. އޭނާގެ ފަރާތުން ރިޒްވާނުގެ ހިތުގައި ޚާއްޞަކަމެއް ދެވުނު ކަމަކީ ދާރިއަންގެ އަޚުލާޤެވެ. ދީނީ ނަޒަރަކުން އޭނާ ވިސްނާއިރު އޭނާގެ ޢަމަލުތަކުން އެ އުޅުން ފެނެއެވެ. އެމީހެއް ޢަމަލުތައް ސީދާވެއްޖެ މީހަކީ ކަމިޔާބު ލިބިގެންވާ މީހެކެވެ.

ދާރިއަންއާ އެކިއެކި ސުވާލު ރިޒްވާނު ކުރިއެވެ. އެއިން ކޮންމެ ސުވާލަކަށް ދާރިއަން ޖަވާބުދިނެވެ. އެ ޖަވާބުތަކާމެދު ރިޒްވާނު އިނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އެހެންނަމަވެސް އެކަން އޭނާގެ މޫނުންނާއި ހަރަކާތުން ފާޅުވިޔަ ނުދެއެވެ. ބައްޕައަކު ވިސްނާނީ ދަރިފުޅަށް ރަނގަޅުވާނޭ ގޮތްތަކެވެ. އެހެންވެ މުސްތަޤުބަލާމެދު ދާރިއަންގެ ވިސްނުން ހުރިގޮތެއް އެނގުން ރިޒްވާނަށް މުހިންމުވީއެވެ.

"ދާރިއަން އައިސް އުޅޭކަން ނުވެސް އެނގޭ" ބަދިގެއަށް ވަދެވުނު ސާއިރާއަށް ފިރިމީހާއާއެކު އިން ދާރިއަން ފެނި ބުނެލިއެވެ.

"ހޭޒަލް ކޮބާ؟" ރިޒްވާނު އަހާލިއެވެ.

"ކޮޓަރީގަ އެބައޮތް... ހީވަނީ ދާރިއަން އައިކަން ނޭނގޭނީހެން" ސާއިރާ ހުރީ ނިކަން ބޮޑަށް ހިނިތުންވެލައިގެންނެވެ. އެ ހިނިތުންވުމުގައި އުފާވެރިކަންވިއެވެ.

"އަޅުގަނޑު ދިއުމުގެ ކުރީން ހޭޒަލްއާ ބައްދަލުކޮށްލަން ބޭނުން" ދާރިއަން ބަލާލީ ރިޒްވާނަށެވެ. އޭނާގެ ހުއްދައަކަށް އެދޭ ފަދައިންނެވެ. ރިޒްވާނު ބޯޖަހާލިއެވެ. ދެން ބަލާލީ ސާއިރާއަށެވެ.

"ޒެލްއަށް ގޮވާލަބާ" ރިޒްވާނު އަނބިމީހާ ކައިރީ ބުނެލިއެވެ. ސާއިރާ އެނބުރި އެތަނުން ދިއުމާއެކު ރިޒްވާނުގެ ނަޒަރު ދާރިއަންއަށް ހުއްޓުނެވެ.

"ކިހާތާކު ކައިވެނި ކުރަން ހަމަޖައްސަނީ؟ ބައްޕަމެން ބޭނުން ކައިވެނީގެ ކުރީން އެއްފަހަރުވިޔަސް ދާރިއަންގެ ޢާއިލާއާ ބައްދަލުކޮށްލަން" ރިޒްވާނު ބުންޏެވެ.

"އަޅުގަނޑުގެ ޢާއިލާއިން ވެސް ތިގޮތް ބޭނުންވޭ، ދުވަހެއް އަދި ހަމަނުޖެހޭ... އަޅުގަނޑު އަވަސްކުރަން ބޭނުން، މާމަ ހުރީ ހޭޒަލްއާ ބައްދަލުކުރާހިތުން ކެތްތެރިކަން ކުޑަވެފައި... މަންމައާއި ބައްޕަ ދުވަހެއް ކަނޑައަޅާފައި ހޭޒަލް އަޅުގަނޑުމެން ގެއަށް ގެންނަން ބޭނުންވެފައި ތިބީ، އެމީހުންނަށް ހޭޒަލް އަދި ނުފެންނާނެ އެހެންވެ..." ދާރިއަން ބުންޏެވެ. ރިޒްވާނު ވާހަކަދެއްކުމުގެ ކުރީން ދާރިއަން ބުނި އެއްޗަކަށް ބޯޖަހާލިއެވެ.

"ހޭޒަލްއާ ދެކުދީން ވާހަކަދައްކައި ދުވަހެއް ކަނޑައަޅައި... ދާރިއަން ގާތު ބައްޕަ ބުނަން އޮތީ، ހޭޒަލްއަކީ ކުރީގެ ހޭޒަލްއެއްނޫނޭ، އެ ދަރިފުޅު ދާރިއަންގެ ކެތްތެރިކަން އިމްތިހާނުކުރާނެކަން ޔަގީން" ރިޒްވާނާއި ދާރިއަންގެ ނަޒަރު ސީދާވިއެވެ. އެހިނދު ލުއި ހިނިތުންވުމެއް ދާރިއަންގެ ތުންފަތުން ފާޅުވެލިއެވެ.

"އެކަން އެނގޭ... އަޅުގަނޑާމެދު ހޭޒަލް މާޔޫސްވިޔަ ނުދޭނަން" ދާރިއަންގެ ދެ ލޮލުން ރިޒްވާނަށް ފެނުނީ ޔަގީންކަމެވެ.
ސާއިރާއާއެކު ބަދިގެއަށް ވަން ހޭޒަލްއަށް ރިޒްވާނާއި ދާރިއަން ބަލާލިއެވެ. ދާރިއަންއާ ހޭޒަލްގެ ނަޒަރު ސީދާވުމުން އޭނާއާ ހިނިތުންވުމެއް ދާރިއަން ބަދަލުކޮށްލިއެވެ. ރިޒްވާނު ދަރިފުޅަށް ގޮވާލުމާއެކު ދެކުދީން ވާހަކަދައްކާލުމަށް ދާރިއަން ގޮވައިގެން ހާމަފެންޑާއަށް އެރުމަށް ޚިޔާލުދިނެވެ. ބައްޕަ ބުނީތީ ހޭޒަލް ބޯޖަހާލީ އެއްބަސްވުމަށެވެ. އަދި މަޑުމަޑުން ދާރިއަންއަށް ބަލާލައި އަންނާށޭ ހޭޒަލް ބުންޏެވެ.

ދެ ޒުވާނުން ހާމަފެންޑާއަށް އެރިއެވެ. ހަވީރުގެ ވަގުތަށްވުމުން ފަޒާގައި ހުރި ހޫނުކަން ފިނިވެފައިވެއެވެ. ވައިރޯޅީގެ ބީހުން އެތަނުގައި ހުރި ގަސްތަކުން ސިއްރެއްނުވެއެވެ. އެތަނުގައި ހުރި "ގާޑަން ސޯފާސެޓް"އަށް ހޭޒަލް އިޝާރާތްކޮށް އިށީނުމަށް ދާރިއަން ގާތު ބުނެލިއެވެ. ދާރިއަން އިށީނުމުން އޭނާގެ ކަނާއަތްފަރާތުގައި އެކަކަށް އިށީނދެވޭނޭހެން ހުރި ގޮނޑީގައި ހޭޒަލް އިށީނެވެ.

"އަހަރެން ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ކައިވެނި ކުރަން، ހޭޒަލްގެ ޚިޔާލު ބުނެބަލަ" ހޭޒަލް އިސްވެ އަނގައިން ނުބުނާނޭކަން އެނގޭތީ ދާރިއަން ވާހަކަދެއްކިއެވެ.

"އޯކޭ..." ހޭޒަލް ބުނެލިއެވެ.

"ހޭޒަލް ބޭނުންވާކަމެއް އެބައޮތްތަ؟... މިބުނީ ވެޑިންއާ ގުޅިގެން..." ދާރިއަން ބުންޏެވެ.

"ދާރިއަންއަށް ފެންނަގޮތެއް އޯކޭ" ހޭޒަލް ބުނެލިއެވެ.

"އަހަރެންގެ ޢާއިލާއާ ބައްދަލުކުރަން ހޭޒަލް ހިނގައިދާނަންތަ؟" ދާރިއަންގެ ސުވާލާއެކު ހޭޒަލް ބަލާލިއެވެ. ސުކޫންތުކޮޅަކަށް ދާރިއަންގެ ލޮލާ ލޯ އަމާޒުކޮށްލި ގޮތަށް ހޭޒަލް އިނެވެ. އަނެއްކާ ވެސް ޢާއިލާއަކާ ގުޅުން ބަދަހިކުރަން ޖެހިއްޖެކަމުގެ އިޙްސާސް ހޭޒަލްއަށް ކުރެވުނެވެ. ދާރިއަންއާ ކައިވެނިކުރަން އެއްބަސްވީއިރު އޭނާގެ ޢާއިލާ ވެސް ބަލައިގަންނަން ޖެހޭނެކަން ހޭޒަލްގެ ޟަމީރު ވިސްނައިދިނެވެ.

"ކޮންއިރަކުން ދާންވީ" ހޭޒަލް އަހާލިއެވެ.

"އަހަރެން ގުޅާނަން، ހޭޒަލް ބަލާ އަންނާނަން... އަހަރެންގެ ގެއަށް ހޭޒަލް ގެންދާނީ އަހަރެން، އެއަށްފަހު ދެ ޢާއިލާ ބައްދަލުކުރާނީ، ކައިވެނި ކުރާނޭ ތާރީޚެއް ދެ ޢާއިލާއަށް ދޫކޮށްލަން އަހަރެންގެ ވިސްނުން ހުރީ" ދާރިއަން ރާވާފައި އޮތް ގޮތް ކިޔާދިނެވެ. ވަކި އެއްޗެއް ނުބުންޏަސް ހޭޒަލް ބޯޖަހާލިއެވެ. އެ ހަރަކާތުން އޭނާ ދާރިއަންގެ ޚިޔާލުތަކާ ދެކޮޅުނޫންކަން ދޭހަވިއެވެ.

"ޒެލް..." ހިމޭން ވަގުތުކޮޅަކަށްފަހު ދާރިއަން ގޮވާލިއެވެ. މިފަހަރު ދާރިއަންގެ އަޑުގައިވީ ގާތްކަމެވެ. ކުލުންވެރިކަމެވެ. ހޭޒަލް އިސްޖަހާލައިގެން އެއްއަތުން އަނެއްއަތުގެ އިނގިލިތަކާ ކުޅެލަކުޅޭލާ އިނެވެ. އޭނާ އިސް އުފުލާ ބަލާލުމުން މާނަވީ ގޮތަކަށް ދާރިއަން ބަލަން އިންކަން ފާހަގަވިއެވެ.

"މި މެރިއޭޖް ޒެލްއަށް ތަކުލީފަކަށްވާކަށް އަހަރެން ނޭދެން" ހޭޒަލްގެ ހިމޭންކަން ދާރިއަންގެ ހިތަށް ތަދުކުރުވަނީއެވެ.

"އަހަރެން އުފަލުގައި ހުންނަން މަސައްކަތްކުރާނަން" ހޭޒަލް ބުންޏެވެ.

"އުފަލުގައި ހުންނަން ނަފްސަށް މަޖުބޫރުކުރުމަކީ ހަޤީޤީ އުފާވެރިކަމެއްނޫން" ދާރިއަންގެ ޚިޔާލު ހާމަކުރިއެވެ.

"އަހަންނަށް ވަގުތުކޮޅެއް ދީ... ދާރިއަންއާއި މިކައިވެންޏާމެދަކު އަހަރެންގެ ހިތަކު ނުރުހުމެއްނެތް، ހުރިހާކަމަކާ އަހަރެން މިހުރީ ރުހިގެން، އެހެންވިޔަސް... އަހަރެން ވަގުތު ބޭނުން، އަލުން ކައިވެނީގެ ދިރިއުޅުމަށް ހޭނެން" ހޭޒަލް ދެއްކި ވާހަކައަށްވުރެ އޭނާ ނުބުނާ ކަންކަން ދާރިއަން ދެނެގަތެވެ.

"ޒެލް ނުރުހޭކަމެއް ނުކުރާނަން، އަހަންނަށް ޒެލްގެ ޚިޔާލު ވެސް މުހިންމު، ދެމީހުންގެ އެއްބާރުލުމާއެކު ނޫނީ ދިރިއުޅުން ކުރިއަކަށް ނުގެންދެވޭނެ، އަހަރެންނަށްވީވަރަކުން ޒެލްގެ ހިތް ދެނެގަންނަން އަބަދުވެސް މަސައްކަތްކުރާނަން" ދާރިއަން ބުންޏެވެ.

* * * * *

ގެއަށް ވަދެގެން އައި ދާރިއަންއަށް ސިޓިންރޫމު ސޯފާގައި ޒުކަންއާއި ތަހުމީނާ ތިބިތަން ފެނުނެވެ. އެމީހުންނަށް ދާރިއަން ފެނުމުން ކައިރިއަށް އައުމަށް ގޮވާލިއެވެ. ދާރިއަން އައިސް ބައްޕަ އިށީނދެ އިން ދިގު ސޯފާގައި އިށީނދެއްޖެއެވެ.

"ދަރިފުޅު އިންނަން އުޅޭ ކުއްޖާ މިގެއަށް ގެންނަންވީނު" ތަހުމީނާ ބުންޏެވެ. ދާރިއަންއަށް ބަލާލެވުނީ ޒުކަން އަށެވެ. އޭނާ ވެސް ބޯޖަހާލީ ތަހުމީނާގެ ވާހަކައަށް ބާރުދޭށެވެ.

"މަންމަ ކީކޭ ބުނީ" ދާރިއަންއަށް އަހާލެވުނެވެ.

"މަންމަ ވެސް ހުންނާނެ... ދާރިއަންއަށް ރަނގަޅު ދުވަހެއް ބުނެބަލަ" ޒުކަން ބުންޏެވެ.

"މާދަމާ ރޭ ކިހިނެއްވާނެ" ހިނިތުންވުމަކާއެކު ދާރިއަންގެ ނަޒަރު ބައްޕައާއި މާމައަށް ހިންގާލިއެވެ.

"ރަނގަޅުވާނެ" ޒުކަން ބުންނެވެ. އަދި ޔަގީންކޮށްލުމަށް ތަހުމީނާއަށް އޭނާ ބަލާލިއެވެ.

"މަންމަ އޯކޭވީތަ؟ ރޭގަނޑުގެ ކެއުމުގައި ބައިވެރިވާގޮތަށް ހޭޒަލް މިގެއަށް ގެންނާނީ..." ދާރިއަން އިނީ އުފަލުންނެވެ.

"މަންމަ އޯކޭ... ބައްޕަ ވާހަކަ ދެއްކީމޭ" ޒުކަން ޔަގީންކަން ދިނެވެ.
* * * * *


ކާރޫބާރޫ ބޮޑު މާލޭގެ މަގުތަކުގައި ހިނގާފައި އުޅޭން ވެސް ފަސޭހަކަމަކަށް ނުވެއެވެ. ދުވާލެއް ރޭގަނޑެއް ނޯވެއެވެ. ތަފާތު އެކި ބާވަތުގެ އެއްޗެހި އެއްތަނަކުން ލިބެން ހުރި ތިންބުރީގެ ސުޕަމާކެޓަށް ވިޔަފާރި ކުރުމަށް ސާއިރާއާއެކު ހޭޒަލް ވެސް ވަނެވެ. އެމީހުން އެތަނަށް ފޭބުމުން ރިޒްވާނު ކާރުގައި ދިޔައީ ޕާކުކުރާނޭ ތަންކޮޅެއް ލިބޭތޯ ބަލާށެވެ.

ސާއިރާއާއި ހޭޒަލްގެ އަތުގައި ވަށިގަނޑެއް އޮތެވެ. ބޭނުންވާ އެއްޗެހި ހުރި ހަރުގަނޑުގެ ކައިރީ ސާއިރާ ހުރެ އޭނާގެ ވަށިގަނޑަށް ސާމާނުތައް އަޅަމުންދިޔައެވެ. ބަދަން ފެކެޓުތަކެއް ހުރި ދިމާއެއްގައި ހޭޒަލް ހުއްޓިލައިގެން ހުރީއެވެ. ނަގާނީ ކޮންވައްތަރެއްކަމެއް ނިންމަން ނޭނގިފައި އޭނާ ހުރި ކަހަލައެވެ. ވިޔަފާރިކަން ވަދެ އުޅުނު މީހުންނަށް އޭނާގެ ސަމާލުކަން ދެވިފައެއް ނުވެއެވެ. ފަހަތުގައި ހުރި މީހަކު ތަންކޮޅެއް ބާރަށް އެއްޗެއް ބުނެލި އަޑުއިވުނެވެ. ހޭޒަލް އެނބުރިލަންވީއިރަށް ކޮންމެވެސް މީހަކު އޭނާގެ އަތުގައި ހިފައި ދަމައިގަނެއްޖެއެވެ. ހަމައެވަގުތު ހޭޒަލް ހުރި ދިމާ ފަހަތުގައި ހުރި ރެކުން ފޮށިތަކެއް ވެރިގަތް އަޑުއިވުނެވެ.

"ޔޫ އޯކޭ... ޖެހުނުތަ؟" ހޭޒަލްގެ އަތުގައި ހިފަހައްޓާލައިގެން ހުރި ޒުވާނާ އަހާލިއެވެ. ހޭޒަލް އިސް އިފުލާލައި ބަލާލިއެވެ. އެ މޫނުން ދަންނަ ވައްތަރު ޖެހިއެވެ.

"މޭން... ތަންކޮޅެއް ބަލާލައިގެން އުޅޭ..." އެތަނުގައި ހުރި ފިރިހެނަކަށް އެ ޒުވާނާ ބުންޏެވެ.

ހޭޒަލް އަމިއްލައަށް އޭނާގެ އަތުން އަތް ނައްޓުވާލިއެވެ. އަދި ޝުކުރު އަދާކުރުމަށްފަހު ސާއިރާގެ ގާތަށް ހިނގައިގަތެވެ. އޭރު އަޑުފަށްގަނޑު އިވި ސާއިރާ ވެސް ހޭޒަލް ހޯދަނީއެވެ. ފަސްއެނބުރި ހޭޒަލް ބަލާލިއިރު ވެސް އެ ޒުވާނާ ހުރީ ހޭޒަލް ދިޔަ ދިމާއަށް ބަލާށެވެ. އޭނާގެ އަތުގައި ސްނިކާ ޗޮކުލެޓަކާއި ޗިފްސްތަޅެއް އޮތެވެ. ހޭޒަލް ފަސްއެނބުރި ބަލާލުމުން ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެ ހިނިތުންވުން ފެނި ހޭޒަލްގެ ސިކުނޑީގައި ކުރެހުނީ ދާރިއަންގެ ސޫރައެވެ.

"ޒެއްލު..." ސާއިރާގެ އަޑުގައި ކަންބޮޑުވުން އެކުލެވިފައި ވިއެވެ. ކަންތައްވީގޮތް ނިކަން އަވަހަށް ހޭޒަލް ކިޔައިދިނެވެ. އަދި އޭނާ ދެން ބަލާލިއިރު އެއްކަލަ ޒުވާނާ ފެންނާކަށް ނެތެވެ. ސާއިރާ އެދުނީ އޭނާގެ ގާތުގައި ހޭޒަލް ހުރުމަށެވެ. އެވަގުތު ހޭޒަލްގެ ދަބަހުން ފޯނު ވައިބްރޭޓްވާކަން އިޙްސާސް ކުރެވުނެވެ. އޭނާ ދަބަހުން ފޯނުނެގިއިރު ގުޅަނީ ދާރިއަންއެވެ.

* * * * *

އެހެން ދުވަސް ދުވަހަށްވުރެ އަވަހަށް ދާރިއަން ގެއަށް އައެވެ. ކޮއްކޮ ގޭގައި އުޅޭކަން އެނގި ދިމާކޮށްލުމުގެ ބޭނުމުގައި އައިކު އައިސް ދާރިއަންގެ ކޮޓަރިއަށް ވަނެވެ. ފެންވަރައިގެން ނުކުމެ ރީތިވާން ހުރި ދާރިއަންގެ ސަމާލުކަން ކޮޓަރީގެ ދޮރުހުޅުވުމުން އެ ދިމާއަށް ދެވުނެވެ. އޭނާ ހަމަޖެހިލީ އައިކުކަން ވަނީ ޔަގީންވީމައެވެ.

"ބިޓު ކައިރިއަށްދާންތަ؟" އައިކު އައިސް ދާރިއަންގެ އެނދުމައްޗަށް ވެއްޓިގަތެވެ.

"އެއީ އަހަރެން އިންނަން އުޅޭ ކުއްޖާ... ބިޓެއްނޫން" ދާރިއަން ބުންޏެވެ. އައިކު ޖަހާލީ ހިނިގަނޑެކެވެ.

"ރޭގަ ލޯބި ކުއްޖެއް ފެނުނު" ބޯދަށަށް ދެއަތްތިލަ ލައްވާލައި ފަންގިފިލާއަށް ނަޒަރު ހުއްޓާލައި އައިކު ބުންޏެވެ.

"ހުސް ވެސް ލޯބި ކުދީން... އާ ކުއްޖެއް ބޭނުންވީ ދޯ" ދާރިއަން ބުނެލިއެވެ. އެއާއެކު އައިކު ޗޮކެއް ކަނޑާލިއެވެ. ކުރު އަތްމައްޗަށް އަރިއަކަށް އެނބުރިލިއެވެ. ދާރިއަން ފެންނާނޭ ހެންނެވެ.

"އެކަހަލަ ކުއްޖެއްނޫން... މެރީ ކުރާ ކަހަލަ ކުއްޖެއް" އައިކު ބުންޏެވެ. އެއަޑު އަހާފައި ދާރިއަންގެ ސަމާލުކަން އައިކުއަށް ދެވުނެވެ.

"މެރީ ކުރަންތަ ތި ވިސްނަނީ... ވަރަށް ރަނގަޅު ޚިޔާލެއް" ދާރިއަން ހިނިތުންވެލިއެވެ.

"އަހަރެން މެރީ ކުރުމާ އެންޓިއޭ ބުނިންތަ... އެނީވޭޒް... އަހަރެން ހިތަށް އެރި އެއްޗެއް ބުނަންތަ؟... ބްރޯއާ އެ ގާލް ވަރަށް ގުޅެއޭ... ބޮޑު ހެދުންލާފައި ހުރިއިރު އެކުއްޖާގެ މޫނުކޮޅު އެކަނި ފެނުނީ... ބަޓް ސްޓިލް... ޝީ އިޒް އަ ކުއީން..." އައިކު ހީނލިއެވެ.

"އަހަންނަށް ކުދީން ހޯދާދޭނެކަމެއްނެތް... އޯލްރެޑީ އެކަން އަހަރެން ކޮށްފިން، އިންޝާ ﷲ ވަރަށް އަވަހަށް ކައިވެނި ވެސް ހަމަޖެހޭނެ" ދާރިއަން ބުނެލިއެވެ.

"ޔޫ ގައިޒް ޑިޑް އިޓް" ލާނެތް ހިންޏެއް އައިސް އޮވެ އައިކު ބުންޏެވެ. ދާރިއަންގެ ދެ ލޯ ބޮޑުކޮށްލެވުނެވެ.

"ވައި ޝުޑް އައި ޓެލް ޔޫ" ދާރިއަން ބުނެލިއެވެ. އެއާއެކު އައިކުއަށް މަޖާވިއެވެ. އޭނާ ނިކަން ބާރަށް ހޭންފެށިއެވެ. ހެމުންހެމުން އެދުން ތެދުވީ ދާރިއަން ކޮޓަރިން ނުކުންނަން އުޅެން ފެށުމުންނެވެ. އައިކު އައިސް ދާރިއަންގެ ކޮނޑަށް އަތްވައްޓާލިއެވެ.

"ބްރޯ... އައި ނޯ ޔޫ... ހެ ހެ ހެ... ބްލަޝިން ލައިކް އަ ވާޖިން... ހެ ހެ ހެ... މައި ވާޖިން ލިޓްލް ބްރަދާރ" ހެމުންހެމުން އައިކު ވާހަކަދެއްކިއެވެ. ދާރިއަން ބޭބެގެ ބަނޑުގައި ޖަހާލުމާއެކު ދުރަށް ކޮށްޕާލިއެވެ. އެހެންވިޔަސް އައިކު ދުރަކަށް ނުދިޔައެވެ.

"ބްރޯ އައި އޭމް ހެޕީ... ރިއަލީ ހެޕީ ފޯ ޔޫ... މަންމަ ކިޔާ އެއްޗަކަށް އަޅާލާނެކަމެއްނެތް، މިރޭ ފެންނާނެ ދޯ... އަހަރެމެން އެންމެން މިތިބީ ޔޯ ގާލްއަށް ވެލްކަމް ކިޔަން އިނގޭ" އައިކުގެ ހިތުގެ އަޑިން އުފާވެފައި ހުރިވަރު ހާމަކުރިއެވެ.

"މަންމަ އޯކޭ ނައު..." ދާރިއަން ބުނެލިއެވެ. މިފަހަރު އޭނާއާ ދެކޮޅަށް އެއްޗެއް ބުނާކަށް އައިކު ބޭނުމެއްނުވިއެވެ. އިބާ އެއްބަސްވީ ހިތުން ރުހުމުން ނޫންކަން އައިކުއަށް އެނގޭތީއެވެ. ޒުކަންއާއި ތަހުމީނާއާ ދެކޮޅަށް ނުކުންނަން އިބާއަށް ނުކެރުނީކަން އައިކު ދެނަހުއްޓެވެ. މަންމަ ނޫން އެންމެންނަށް ދާރިއަންގެ ހިތްހަމަޖެހުން މުހިންމެވެ. އައިކުއަށް ވެރިވި ސީރިއަސްކަން އޭނާ ފޮރުވާލިއެވެ. ހިނި އައިސްފަ ދާރިއަންއާ އަނެއްކާ ވެސް ސަމާސާކުރަން ފެށިއެވެ.

* * * * *

ހޭޒަލް ގޮވައިގެން ގެއިން ނުކުމެ ކާރާ ދިމާއަށް ދާރިއަން އައެވެ. އޭނާއަށް ކާރު ފެނި ހުއްޓެވުނެވެ. ވަގުތުން އޭނާ އެނބުރިލައި ހޭޒަލްއާ ކުރިމަތިލިއެވެ. ޓެކްސީއެއް ނަގަން ޚިޔާލު ފާޅުކުރިއެވެ. ހޭޒަލްއަށް ލިބުނީ ހައިރާންކަމެވެ. ކިހިނެއްތޯވީ ހޭޒަލްއަށް އަހާލެވުނެވެ. ދާރިއަންގެ މޫނުން ފެނުނު ހާސްކަން ހޭޒަލްއަށް އުނދަގޫކުރިއެވެ. ކާރު މަރާމާތެއްކުރަން ގަރާޖަށް ގެންދަންޖެހޭކަން ދާރިއަން ބުނެލިއެވެ. އެއާއެކު ހޭޒަލްގެ ސުވާލުތައް އިތުރުވިއެވެ. ދާރިއަން އެގެއަށް އައީ ކާރުގައިކަމެވެ. އެގެއިން ނުކުންނަންވާއިރަށް ކާރު ހަލާކުވީބާއެވެ. އެކަމަކު އެއީ ޤަބޫލުކުރެވޭކަމަކަށް ނުވިއެވެ. ހޭޒަލް ކުރިއަށް ޖެހިލިއެވެ. އޭނާގެ އަތުގައި ހިފާ ހުއްޓުވަން ދާރިއަން ބޭނުންވިއެވެ. ނަމަވެސް ހޭޒަލްގެ ގައިގާ އަތްލުމަކީ އޭނާ ރުހޭކަމެއްނޫނެވެ. ގޮތެއް ނުނިންމިގެން އުޅެނިކޮށް ހޭޒަލް އެނބުރި ގެއަށް ވަނުމަށް އެދުނެވެ. މިފަހަރު ހާސްވީ ދާރިއަންއެވެ. ހޭޒަލް ޚިޔާލު ބަދަލުވީއޭ އޭނާއަށް ހީވެ ކަންބޮޑުވިއެވެ.

"ދާން ބޭނުންނޫނީތަ؟" ދާރިއަންއަށް އަހާލެވުނެވެ. ހޭޒަލް ބޯހޫރާލިއެވެ.

"ނުވާނެ ގިނައިރެއް... އާދެބަލަ..." ހޭޒަލް ބުންޏެވެ.

އެޕާޓްމެންޓަށް އެނބުރި ހޭޒަލް ވަނުމުން ރިޒްވާނާއި ސާއިރާއަށް ލިބުނީ ހައިރާންކަމެވެ. ހޭޒަލްއާއެކު ދާރިއަން ވެސް ހުރީތީ ފެނުނެވެ. ރިޒްވާނަށް ބަލާލައި ބައްޕަ ކައިރީ ވާހަކައެއް ދައްކާލަން ބޭނުންވިކަން ހޭޒަލް ހާމަކުރިއެވެ. ރިޒްވާނާއެކު ހޭޒަލް އައީ ބަދިގެ ފަރާތަށެވެ. ދާރިއަން ގާތު އިށީނުމަށް ސާއިރާ އެދުނެވެ.

"ބައްޕަގެ ކާރު ލިބިދާނެތަ..." ރިޒްވާނު ގާތު ހޭޒަލް އަހާލިއެވެ.

"ބޭރުގައި އޮންނާނީ... ޒެލް..." ކޮންމެވެސް ކަމެއްވެއްޖެކަން ރިޒްވާނަށް އެނގުނެވެ.

"މިގޭ ބޭރުގައި ހުރި ކެމެރާތައް ބައްޕަ ބަލާލަ ދީބަލަ... ދާރިއަންގެ ކާރަށް ކޮންމެވެސް މީހަކު ގެއްލުންދީފި، އަޅުގަނޑާ ހެދި... ހުތުރު ބަހުން އެ ކާރުގައި ލިޔެފައިހުރީ" ހޭޒަލްގެ ވާހަކަ އިވި ރިޒްވާނުގެ މޫނުގެ ކުލަ ވަގުތުން ފަނޑުވެއްޖެއެވެ.

"މީ ފުރަތަމަ ފަހަރުހެން ހިޔެއްނުވޭ" ހޭޒަލް ބުންޏެވެ.

"ދާރިއަން ބުނީތަ؟" ރިޒްވާނަށް އަހާލެވުނެވެ. ހޭޒަލް ދެފަރާތަށް ބޯހޫރުވާލިއެވެ.

"އޭނާ ބުނީ ޓެކްސީއެއްގައި ދާން... ކާރު އަޅުގަނޑަށް ފެނިދާނެތީ ދާންވެގެން އުޅުނީ... ބައްޕާ... އަޅުގަނޑުމެން އެނބުރި އަންނަންވާއިރަށް ދާރިއަންގެ ކާރު ރަނގަޅުކޮށްދެއްވިދާނެތަ؟" ހޭޒަލްގެ ނަޒަރު ހުރީ ރިޒްވާނަށް އަމާޒުވެފައެވެ. ރިޒްވާނު ނިކަން އަވަހަށް ބޯޖަހާލިއެވެ.

"ޓެކްސީއަކަށް ދާރިއަން ދުވަހަކުވެސް އެރިހެން ހިޔެއްނުވޭ" ހޭޒަލް މަޑުމަޑުން ބުނެލިއެވެ.

"ބައްޕަގެ ކާރު އެއޮތީނު... ހިނގާ ބޭރަށް... ދާރިއަންއަށް ބައްޕަ ތަޅުދަނޑި ދޭނަން... ދަރިފުޅުމެން އަންނަންވާއިރާ ދާރިއަންގެ ކާރު ބައްޕަ ބަލާނަން، ކެމެރާގެ ފުޓޭޖުތައް ވެސް ބަލާނަން" ހޭޒަލްގެ ކޮނޑުގައި އަތްތިލަ ޖައްސާލައި ރިޒްވާނު ބުންޏެވެ. އަދި ދަރިފުޅު ގޮވައިގެން ސިޓިންރޫމަށް ނުކުތެވެ.

"ދާރިއަންގެ ކާރު ހަލާކުވި ވާހަކަ ހޭޒަލް ބުނި... އަން... މީ ބައްޕަގެ ކާރުގެ ތަޅުދަނޑި، މިރޭ ވަރަށް ހޫނު ވެސް ގަދަ، ހިނގާފަ ދާން ކައިރި ހިސާބެއް ވެސް ނޫން..." ރިޒްވާނު ކާރުގެ ތަޅުދަނޑި ނަގައި ދާރިއަންއަށް ދިއްކޮށްލިއެވެ. އޭގައި ހިފަން ނުކެރިފައި ދާރިއަން އިނެވެ.

"ހޭޒަލް ގޮވައިގެން އައިސް ބައްޕައާ ތަޅުދަނޑި ހަވާލުކޮށްލަދީ" ދާރިއަން ގޮތެއް ނުނިންމިފައި އިންދާ ރިޒްވާނު ބުންޏެވެ. ހޭޒަލް ކުރިއަށް ޖެހިލައި ރިޒްވާނުގެ އަތުން ތަޅުދަނޑި ނަގައި ދާރިއަންއަށް ދިއްކޮށްލިއެވެ. އޭނާ ތަޅުގަނޑީގައި ހިފީ ދެނެވެ. ސޯފާއިން ތެދުވެ ދާންވީތީ ހޭޒަލް ގާތު ދާރިއަން އަހާލިއެވެ. ހޭޒަލް ބޯޖަހާލުމާއެކު ދޮރާ ދިމާއަށް ހިނގައިގަތެވެ.

* * * * *

ގަޑިއަށް އިރުއިރުކޮޅާ ތަހުމާއަށް ބަލާލެވެއެވެ. ސިޓިންރޫމު ސޯފާގައި ޒުކަންގެ ގާތުގައި އިބާ އިނެވެ. ތަހުމީނާއާއި އައިކު ވެސް އެތަނުގައި ތިއްބެވެ. ގޭތެރެއަށް ވަންނަމުން ސަލާމްގޮވާލި ދާރިއަންގެ އަޑުން އެންމެންގެ ސަމާލުކަން އެދިމާއަށް ދެވުނެވެ. އޭނާ އައީކަން އަންގާލީކަން އެންމެން ވެސް ދެނަހުއްޓެވެ. ޒުކަންއާއި ތަހުމީނާ ތެދުވިތަން ފެނި އައިކު ވެސް ތެދުވިއެވެ.

ހުދު ކުލައިގެ ޑައިޒީ މާތަކެއް ޖަހާފައި ހުރި ދިގު ހެދުމެއް ލައިގެން ހުރި އަންހެން ކުއްޖަކު ދާރިއަންގެ ގާތުގައި ހުއްޓެވެ. އޭނާ ފެނުމުން ތަހުމީނާއަށް ހިނިތުންވެވުނީ އެއްވެސް އިޙްތިޔާރެއްނެތިއެވެ. އައިކު ކުއްލިއަކަށް އިނގިލިދިއްކޮށްލީއެވެ. އަޖައިބުވެފައި ހުރެއެވެ. ހޭޒަލްއާއި އައިކުއާ ދެމެދު ބަދަލުކޮށްލި ނަޒަރުން އެ ދެމީހުންނަށް އެކަކުއަނެކަކު އެނގެޔޭ އެހެންމީހުންނަށް ހީވިއެވެ. ޒުކަން ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"އާދޭ އިށީންނަން..." ތަހުމީނާ ބުންޏެވެ.

ސޯފާގައި އަލުން އެންމެން އިށީނެވެ. އެމީހުންނާއެކު ދާރިއަންއާއި ހޭޒަލް ވެސް އިށީނެވެ. ހޭޒަލް އިނީ ދާރިއަންގެ ކައިރީގައެވެ. އިބާ އިންތަނުން ގުޑައި ނުލިއެވެ. އެހެންނަމަވެސް އޭނާގެ ނަޒަރު ހުރީ ހޭޒަލްއަށް ހުއްޓިފައެވެ.

"ހޭޒަލް... މީ މާމަ، އެއީ ބައްޕައާއި މަންމަ... ދެން އޭނީ.." ދާރިއަންގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އައިކު ވާހަކަދައްކަން ފެށީއެވެ.

"އައިކު މީ... ހިޒް ބްރަދަރ... އަހަރެމެން ރޭގަ ބައްދަލުވި ދޯ..." ނިކަން ހިނިއައިސްފަ އައިކު ބުންޏެވެ. ދާރިއަންއަށް ލިބުނީ ހައިރާންކަމެވެ. ހޭޒަލް ބޯޖަހާލީއެވެ. ފިހާރަ ތެރެއިން އައިކު ފެނި އެ މޫނުން ދަންނަ ވައްތަރު ޖެހީ ކީއްވެކަން ހޭޒަލްއަށް ޔަގީންވިއެވެ. ޚާއްޞަކޮށް އައިކު ހިނިތުންވެލީމައެވެ. ދާރިއަންގެ ބޭބެއެއް ހުންނަކަން މާ ކުރިން ވެސް ހޭޒަލްއަށް އޮތީ އެނގިފައެވެ.

އެންމެން ހޭޒަލްއަށް ވާހަކަދެއްކިއިރު އިބާ ވާހަކައެއް ނުދައްކައެވެ. އެކަން ހޭޒަލްއަށް ވެސް ފާހަގަވިއެވެ. ނަމަވެސް ހިމޭންކަން އިބާ ކަނޑުވާލީ ކާމޭޒު ދޮށުގައި އިނދެއެވެ.

"ތެދެއް ކުރީން މީހަކާ އިނދެފަތަ ތިހުރީ" އިބާ އަހާލިއެވެ. އެންމެންނަށްވުރެ ބޮޑަށް ސިހުނީ ދާރިއަންއެވެ. އޭނާ ހާސްވިއެވެ. ވަގުތުން ހޭޒަލްއަށް ބަލާލެވުނެވެ. އެމޫނުން އެއްވެސް އަސަރެއް ފާޅެއްނުވެއެވެ. އޭނާ ދާރިއަންއަށް ބަލާލާފައި އިބާއަށް ބަލާލިއެވެ. އަދި މަޑުމަޑުން ބޯޖަހާލީ އިބާގެ ސުވާލަށް ޖަވާބު ދިނުމަށެވެ.

"ކީއްވެ ވަރިވީ..." އިބާ ދެން ވެސް ސުވާލުކުރީއެވެ.

"އެކީގައި އުޅެވެން ނެތީމަ" ހޭޒަލްގެ އަޑުގައިވީ މަޑުމައިތިރިކަމެވެ. އެހެންނަމަވެސް އެ އަޑު އިވުމުން ދާރިއަންގެ ހިތަށް އުނދަގޫވިއެވެ. އޭނާއަށް ކާން އުނދަގޫވެ ކެއުން ހުއްޓާލިއެވެ.

"އަދި ޑެޒާޓް އޮންނާނެ އިނގޭ... ހޭޒަލްއަށް އެންމެ މީރީ ކޯއްޗެއްތަ؟... އައިސްކުރީމް..." އައިކު ކުއްލިއަކަށް ވާހަކަދައްކަން ފެށިއެވެ. އިބާ ވާހަކަދައްކާނޭ ފުރުޞަތެއް ނުދޭން އޭނާ އުޅުނު ކަހަލައެވެ.

އިބާއަށް ޒުކަން ބަލާލިއެވެ. އޭނާ ހިތްހަމަނުޖެހިފައިކަން ހުރީ އިބާއަށް އެނގެއެވެ. އެހެންވިޔަސް އެކަމަށް ފަރުވާލެއްނެތެވެ. ހޭޒަލް ކޭލެއް މަދުވެގެން ތަހުމީނާ އުޅުނެވެ. މާމަދަރިފުޅުގެ ހޮވުން އެއްވަނަ ކަމުގައި ތަހުމީނާ ދުށްޓެވެ. ކައިނިންމާ އެންމެން މޭޒުދޮށުން ތެދުވުމުން ވެސް އިބާ މަޑުކޮށްލިއެވެ. ދާރިއަންގެ ކޮނޑުގައި ޒުކަން މަޑުމަޑުން ޖަހާލައި ހިނިތުންވެލިއެވެ. ތަހުމީނާ ހޭޒަލް ގޮވައިގެން ކުރީބައިގަ ހިނގައިގަނެއްޖެއެވެ.

"މާމަގެ ފޭވަރިޓްއަކަށް ވެއްޖެ..." ހިނިތުންވެލައިގެން ހުރެ ޒުކަން ދަރިފުޅުގެ ކަންފަތް ދޮށުގައި ބުނެލިއެވެ. ދާރިއަން ހިނިތުންވެލީ ގަދަކަމުންނެވެ.

އެންމެންނަށްވުރެ އައިކުގެ އަޑު ގަދައެވެ. ހޭޒަލްގެ ކުރިމަތީ އޭނާ ދާރިއަންއާ ދިމާކޮށް ނުހެދިޔަސް ޢާއިލާގެ ތެރޭ ހަމަޖެހުން އޭނާ ދެމެހެއްޓިއެވެ. މަންމަގެ ފުސްމޫނު ހޭޒަލްއަށް ފާހަގަނުވޭތޯއެވެ. އެންމެން ވެސް ހޭޒަލް ބަލައިގެންފިކަން ބުނެދޭން އައިކު މަސައްކަތްކުރިއެވެ. މިވަގުތަކީ ކޮއްކޮއަށް ކިހާ މުހިންމު ވަގުތުކޮޅެއްކަން އައިކުއަށް ވިސްނޭތީއެވެ. އޭނާ އެވަރަށް މަސައްކަތް ކުރަނިކޮށް ވެސް އެކަން ނާކާމިޔާބުވިއެވެ. އިބާގެ ސަބަބުންނެވެ.

"މަންމާ... ހޭޒަލް މިތާ ބައިންދަބަލަ..." އައިކު ބުނެލިއެވެ.

"އަހަރެންމީ ދާރިއަންގެ މަންމައެއްނޫންތަ؟... އޭނާ އިންނަން އުޅޭ މީހަކާ އަހަރެން ވެސް ދައްކަން ބޭނުންވާނެ ވާހަކަ ހުންނާނެ، ހޭޒަލް... އާދެބަލަ މިކޮޅަށް..." އިބާ ބުންޏެވެ.

ހޭޒަލް ތެދުވިއެވެ. ޖެހިލުންވެފައި އިން ދާރިއަންއަށް ބަލާލައި ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލިއެވެ. އެންމެން ވެސް ތިބީ ހިމޭންވެފައެވެ. އިބާގެ ގާތަށް ހޭޒަލް އައެވެ. އެމީހުންގެ ދެމެދުގައި ހިނގާ އެއްވެސް ކަމެއް ނޭނގޭނޭހެން އިބާ އެކަހެރިވެލިއެވެ.

"ދާރިއަން ބޭނުންވާ ދިރިއުޅުން ހޭޒަލްއަށް ދެވިދާނެތަ؟" އިބާ ސުވާލުކުރިއެވެ.

"ދާރިއަން ނުރުހޭކަމެއް ނުކުރާނަން" ހޭޒަލް ބުންޏެވެ.

"ކުރީގެ ފިރިމީހާ ކޮބާ؟" އިބާ އެއްސެވެ.

"ނޭނގެ" ހޭޒަލް އާދައިގެ ގޮތަށް ބުނެލިއެވެ.

މަންމަ ހޭޒަލްއާ ދައްކާ ވާހަކައެއް އަޑުއެހުމަށް ދާރިއަން ބޭނުންވިއެވެ. އޭނާ އެމީހުން ތިބިދިމާއަށް އައެވެ. އިބާގެ އަޑުއިވުމުން ދާރިއަންއަށް ހުއްޓެވުނެވެ.

"ދާރިއަންއާ އިންނަން ހުސްހަށިބައި އަންހެންކުއްޖަކު އެބަހުރި، އުމުރުން ޅަވެފައި އަދި ދުވަހަކުވެސް ކައިވެންޏެއް ނުކުރޭ... ތަނަވަސް ރަނގަޅު ޢާއިލާއެއްގެ ކުއްޖެއް... އަހަރެން ބޭނުންވި ގޮތެއްނޫންމީ، އޭނާ ވެސް މީހަކާ އިންނަން އުޅެނީ އަލަށް، ދިރިއުޅުމަކީ ކޮބާކަން އޭނާއަށް އެނގޭހެނެއް ހިޔެއްނުވޭ... އަންހެނުން އުމުރުން މައްޗަށް ދިއުމަކީ ދަރީން ލިބުމުގައި މައްސަލަތައް ދިމާވާނޭކަމެއް... މިކަހަލަ ކަންކަމާ ހޭޒަލް ނުވިސްނަންތަ؟ ދާރިއަންގެ ދިރިއުޅުން ތާކުންތާކުނުޖެހި އުމުރުން ދުވަސްތަކެއް ނަގާލާއިރު އަހަރެންނަށް ބަލަން ފަސޭހަ މަންޒަރަކަށް ނުވާނެ" އިބާގެ އަޑުގައިވީ ނުރުހުން ހޭޒަލްއަށް އިޙްސާސް ކުރެވެއެވެ. އެހެންވިޔަސް އޭނާގެ މޫނުމަތިން އިބާ ހީކުރި ފަދަ އެއްވެސް އަސަރެއް ފާޅެއްނުވެއެވެ.

"ދާރިއަން އަޅުގަނޑާ ކައިވެނި ނުކޮށް މިކަން މިހިސާބުން ނިންމާލިޔަސް އެންމެ ރަނގަޅު" ހޭޒަލް ބުންޏެވެ. އިބާއަށް ލިބުނީ ހައިރާންކަމެވެ.

"ހޭޒަލް... ލެޓްސް ގޯ..." ދާރިއަންގެ އަޑު އިވުނެވެ. އިބާއާއި ހޭޒަލް އެއްފަހަރާ އެ ދިމާއަށް ބަލާލިއެވެ. ދަތްކުނޑިވިކާލައިގެން އިބާއަށް ބަލަން ދާރިއަން ހުރިއިރު އެ ދެ ލޮލުން ފާޅުވާ އަސަރު ދެނެގަންނަން އިބާއަށް އުނދަގޫވިއެވެ.

"ހޭޒަލް..." ދާރިއަން ދެވަނަ ފަހަރަށް ގޮވާލިއެވެ. އެއާއެކު ހޭޒަލް ހިނގައިގަތީ ދާރިއަން ކައިރިއަށެވެ.

ހޭޒަލްގެ އަތުގައި ހިފި ގޮތަށް ދާރިއަން ހަލުވިކޮށް ގެއިން ނުކުންނަން ދިޔައެވެ. ހޭޒަލް ވެސް ހުރީ ހަދާނޭ ގޮތެއް ނޭގިފައެވެ. ދާރިއަންގެ ބާރުގައި ކަހަލަ ގޮތަކަށް މައިދޮރުން އެމީހުން ނުކުތެވެ. އެމީހުންގެ ފަހަތުން ދުވެފައި ކަހަލަ ގޮތަކަށް އައިކު ނުކުތެވެ. ދާރިއަންގެ ކޮނޑުގައި އޭނާ އެއްއަތުން ހިފެހެއްޓިއެވެ. ދަނީތޯ ސުވާލުކުރިއެވެ.

"ހޭޒަލް ގެއަށްލާން މިދަނީ..." މަޑުމަޑުން ދާރިއަން ބުންޏެވެ. ކޮއްކޮއަށް ވީގޮތް އައިކު ދެނެގަތެވެ. އެ ނުތަނަވަސްކަން ފޮރުވާލައި އައިކު ހިނިތުންވުމަކާއެކު ހޭޒަލްއާ ކުރިމަތިލިއެވެ.

ކާރުގައި ގެއާ ހަމައަށް އާދެވެގެން ދެން ދާރިއަން ވާހަކައެއް ނުދެއްކިއެވެ. ހޭޒަލް ދެތިން ފަހަރަށް ދާރިއަންއަށް ބަލާލިއެވެ. ވާހަކައެއް ބުނަން ބޭނުންވެފައި އިންހެނެވެ. އެހެންވިޔަސް އޭނާއަށް ދާރިއަން ފެންނަނީ ކަމަކަށް ގެއްލިފައި އިން މީހަކު ފަދައިންނެވެ. އެންމެފަހުން ހޭޒަލް ފޯނު ނަގައި ރިޒްވާނަށް ގުޅިއެވެ. އެމީހުން ގެއަށް އަންނީކަމުގައި ބުންޏެވެ. ދާރިއަން ބަލާލީ ދެނެވެ.

"ދާރިއަންގެ ކާރު ބައްޕަ ގެންގޮސްފަވީ... އަދި ނުނިމޭ... މޯނިންނަށް ނިމޭނީ، ބައްޕަ ބުނީ ދާރިއަން އަތުގައި ތަޅުދަނޑި ބާއްވާށޯ، މާދަމާ ހެނދުނު ކާރު ނަގަން އައިސް ހަވާލުކޮށްލަ ދޭށޯ" ހޭޒަލް ވާހަކަދެއްކިއެވެ. އިބާ ދެއްކި ވާހަކަތަކުން އޭނާއަށް އެއްވެސް އަސަރެއް ކޮށްފައިވާހެން ހިޔެއްނުވެއެވެ.

ކާރުން ފައިބައިގެން ދޮރޯށި އެތެރެއަށް ހޭޒަލްއާއެކު ދާރިއަން ވަނެވެ. އޭނާ ހުއްޓުނީ ހޭޒަލް ހުއްޓުނީމައެވެ. ދެމީހުން އެކަކު އަނެކަކަށް ބަލާލިއެވެ.

"އަހަރެން މީހަކާ ނީންނަކަމަކަށްނުވާނެ، ދާރިއަންގެ މަންމަ އެއީ... ދާރިއަންއަށް ރަނގަޅު ގޮތް ވުމަށް އެ މަންމަ ވިސްނާނީ" ހޭޒަލް ބުންޏެވެ.

"ސޮރީ..." ދާރިއަންގެ އަޑު އިވުނީ ވަރަށް މަޑުންނެވެ. އޭނާ ހޭޒަލްއާ ގާތަށް ފިޔަވަޅެއް އަޅާލިއެވެ. އެހިނދު އޭނާގެ ހޫނު ނޭވާ ހޭޒަލްގެ ކޯތާފަތަށް އެޅިގެންދިޔައެވެ.

"އަހަރެން ލޯބިވަނީ ޒެލްދެކެ... ހަމައެކަނި ޒެލްދެކެ... ކައިވެނިކުރަން ބޭނުންވަނީ ޒެލްއާ..." ދާރިއަން ބުނެލީ މަޑުން ނަމަވެސް އެހާ ގާތުގައި ހުރީތީ ހޭޒަލްއަށް އެ އަޑު އިވުނެވެ.

"ދާރިއަންއާ ނީންނާނަމޭ އަހަރެން ނުބުނަން" ހޭޒަލް ބުނެލިއެވެ.

"ގުޑްނައިޓް..." އިރުކޮޅަކު ހޭޒަލްގެ މޫނަށް ބަލަން ހުރެފައި އޭނާ ބުނެލިއެވެ. އަދި އެނބުރި ދޮރޯށިން ނުކުންނަން ދިޔައެވެ. އެހެންނަމަވެސް އޭނާ މަޑުކޮށްލިއެވެ. އަތުގައި ތަޅުދަނޑިއަށް ބަލާލައި ފަސްއެނބުރި ހޭޒަލްއާ ވާހަކަދެއްކިއެވެ. ރިޒްވާނަށް ތަޅުދަނޑި ދިނުމަށް އޭނާ ބުންޏެވެ. ގެއަށްދާން ބޭނުންވަނީ ހިނގާލާފައިކަމަށް ބުންޏެވެ. ހަރަކާތެއް ނުކޮށް ހޭޒަލް ހުރުމުން އޭނާގެ އަތްތިލައަށް ތަޅުދަނޑި ލާދީފައި ދާރިއަން އެގެއިން ނުކުމެއްޖެއެވެ.

* * * * *

"ޝީ އިޒް ޕާފެކްޓް... ސާރާއާ އަޅާ ވެސް ނުކިޔޭ... ކޮއްކޮ ހޭޒަލް ގޮވައިގެން އެއައީ ހާދަ އުންމީދާއެކީއޭ، ފުރަތަމަ ފަހަރަށް އޭނާ ހުރީ އުފަލުންކަން އެބައެނގޭ... ޔޫ ހޭވް ނޯ ރައިޓް..." ރުޅިވެރިކަމާއެކު އައިކުގެ އަޑު ބާރެވެ.

"އައިކު..." ޒުކަން ގޮވާލީ ތަންކޮޅެއް ބާރަށެވެ. މަންމައާ އަޑުހަރުކޮށް ވާހަކަނުދައްކާށޭކަން ބައްޕަ އެބުނަނީ އައިކުއަށް އެނގެއެވެ. އެހެންވިޔަސް އޭނާއަށް މަންމަދެކެ އައިސްފައި ހުރި ރުޅި މަޑެއްނުވިއެވެ.

"އައިކު... ދަރިފުޅާ..." އައިކުގެ މުލައްދަނޑީގައި ތަހުމީނާ އައިސް ހިފިއެވެ.

"މަންމަ ހާދަ ސެލްފިޝް އޭ..." މާމައަށް ބަލާލުމާއެކު އައިކު ބުނެލިއެވެ.

"ދެންހެޔޮ... ދާރިއަން އަންނައިރު ޒުވާބުކުރާއަޑު އިވޭކަށް މާމަ ނޭދެން" އައިކުގެ އަތުގައި ފިރުމާލަމުން ތަހުމީނާ ބުންޏެވެ.
ގެއަށް ވަންއިރު ޢާއިލާގެ ހުރިހާ މެންބަރުން ވެސް އެބަތިބިކަން ދާރިއަންއަށް ފާހަގަވިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ އިބާއަށެވެ. ރުޅިއާދެވުނެއްކަމަކު އެ ރުޅީގެ މައްޗަށް ހިތްދަތިކަން ވެރިވެއްޖެއެވެ. އޭނާއަށް ޒުކަން ގޮވާލިއެވެ. ތަހުމީނާ ވެސް ގޮވާލިއެވެ. އެހެންނަމަވެސް މީހަކާ އަނގައި ބުނުމެއްނެތި ދާރިއަން ގޮސްވަނީ ކޮޓަރިއަށެވެ.

ބެލްކަނީގައި ހުރި ގޮނޑީގައި މޫނުގައި ދެއަތް އަޅާލައިގެން ދާރިއަން އިންތަން އެ ކޮޓަރިއަށް ވަން އައިކުއަށް ފެނުނެވެ. އޭނާ ވަގުތުން އެ ކޮޓަރިން ނުކުތެވެ.

"ހީ އިޒް ކްރައިން..." ޒުކަންގެ ކުރިމަތީ އައިކު ހުރީ ބިރުގެންފައި ހުރި މީހަކު ފަދައިންނެވެ.

(ނުނިމޭ)