މައްސަަލަ ބޮޑުވެފައިވާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ކަމަށް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެ ދެއްކެވި ވާހަކަތައް ސައީދު ދޮގުކުރައްވައިފި އެވެ.
ސައީދު ވިދާޅުވީ މިނިސްޓަރު ފައްޔާޒު ހެއްދެވީ ބޮޑު އިތުުރުފުޅެއް ކަމަށެވެ. އަދި ސަރުކާރަށް 13 މަސްދުވަސް ވެގެންދިޔައިރު އެއްވެސް ކަމެއް ނުކުރެވުމުން މުޅިންވެސް ދައްކަމުން ދަނީ ކުރީ ސަރުކާރުގެ ވާހަކަ ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ މި ސަރުކާރަށް "ހަޖަމް" ނުވެގެން އުޅެނީ ރައީސް ޔާމީންގެ ސަރުކާރުން ގެނެސްދިން ބޮޑެތި ތަރައްގީ ކަމަށެވެ.
"...ފިނިހަކަ ދުވެލީގަ ސަރުކާރުގެ ފުރަތަމަ ހާފު ނިމުންއިރު މިހާތަނައް ކުރެވުނު ކަމެއްނެތް ތާނގަ، 'ކުރީ ސަރުކާރުގެ' ތަރައްގީ ފެނި ބޮޑެތި މިނިސްޓްރީތައް ކޮށިއަރާ މަންޒަރު ފެނުމުން ހިތާމަ ކުރަން." ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ސީޕްލޭން ޓާމިނަލް ވަކިބަޔަކައް ދިނުމަށް އަދި ވަކި އަގަކަށް ކުލި ކުޑަ ކުރުމަށްވެސް އެއްބަސްވެފައި ނުވާނެ ކަމަށެވެ. އަދި ވަކި ގޮތަކައް ސީޕްލޭން ޓާމިނަލް އޮޕަރޭޓްކުރުމަށް ކުރީ ސަރުކާރުން އެމްއޭސީއެލްއަށް އަދި އެހެން ފަރާތަކަށްވެސް އަންގާފައިނުވާނެ ކަމަށެވެ.
"ކުރީ ސަރުކާރުން ވާނީ މުޅި އެއާޕޯޓްގެ ތަރައްގީއަށް އެންމެ ޒަމާނީ ތަސައްވަރެއް ކުރެހި، ފައިސާހޯދި، މަސައްކަތްފެށި، ބާރު ސްޕީީޑު ގައި ކުރިއައް ގެންގޮސްފައި. އަދި ވަޅުޖަހާފަ އޮތް އިގްތިސާދެއް ދުނިޔޭގެ އެންމެމަތީ ފެންވަރުގައި ރޭޓްކޮށް އަަލުން އަނބުރާ އިތުބާރު ގާއިމްކޮއްފަ."
ސައީދު ވަނީ ކުރީ ސަރުކާރު ނިމުނު އިރު ހުރި ގައުމީ ރިޒާވް ހުލިވެ، ސޮވެރިން ޑިވޮލޮޕްމަންޓް ފަންޑު ހުލިވެ، އިގްތިސާދު ހުއްޓި، ވިޔަފާރިތައް ބަނގުރޫޓު ވަމުން ދަނީވެސް ކުރީ ސަރުކާރާ ހެދިތޯ ސުވާލު ކުރައްވާފައެވެ.