ހަބަރު

ޖާނީގެ ޕްރިވެންޝަން ޕްރޮގްރާމް މ އަތޮޅަށް

މަސްތުވާ ތަކެއްޗާއި ދެކޮޅަށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަމުންދާ އަމިއްލަ ޖަމިއްޔާ ކަމުގައިވާ ޖާނީ އާއި މ. އަތޮޅު ކައުންސިލާއި ގުޅިގެން އެ އަތޮޅުގެ ހަތަރު ރަށެއްގައި ރިސާޗް ބޭސްޑް ޕްރިވެންޝަން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

ރިސާޗް ބޭސްޑް ޕްރިވެންޝަން ޕްރޮގްރާމް މ އަތޮޅުގައި ކުރިއަށް ގެންދިއުމަށް ނިންމާ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ.

ޖާނީގެ ޖަމިއްޔާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ޕްރިވެންޝަން ސްޕެޝަލިސްޓް އަހްމަދު އަބްދުއްސައްތާރު އެވެ. މ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކޮށްފައިވަނީ ކައުންސިލްގެ ރައީސް ޔޫސުފް ސިދްގީ އެވެ.

މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ޕްރޮގްރާމް ހިންގަން ނިންމާފައިވަނީ މ. މުލި، މުލައް، ނާލާފުށި، އަދި ކޮޅުފުށީގައެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ކައުންސިލްގެ ރައީސް ސިދްގީ ވިދާޅުވީ އެ އަތޮޅުގެ ރަށްރަށުގައި ދިރިއުޅޭ ޒުވާނުން މަސްތުވާތަކެތީގެ ވަބާފައި ޖެހި އޭގެ ސަބަބުން ރަށު ތެރޭގައި ކުށްކުރުން އިތުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ހަދާފައި އޮތް ހަމައެކަނި ރިސާޗް ބޭސްޑް ޕްރިންވެންޝަން މ. އަތޮޅުގެ ހަތަރު ރަށެއްގައި ކުރިއަށް ގެންދަން ހަމަޖެހިގެން ދިއުމަކީ އަތޮޅުގެ ރައްޔިތުންނަށާއި އަދި އޭނާ އަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެއްބަސްވުމާއި ގުޅޭގޮތުން ޖާނީގެ ޕްރިވެންޝަން ސްޕެޝަލިސްޓް އަހްމަދު އަބްދުއްސައްތާރު ވިދާޅުވީ ވަކި އަތޮޅަކަށް އަމާޒު ކޮށްގެން ހިންގޭ ފުރަތަމަ ޕްރިވެންޝަން ޕްރަގްރާމަށް މި ޕްރޮގްރާމް ވީކަމަކީ ޖާނީ އަށް ލިބިގެންދިޔަ ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި ވިދާޅުވީ މިހާރު ބޭނުކުރަމުން ގެންދާ ރިސާޗް ބޭސްޑް ޕްރިވެންޝަން ޕްރޮގްރާމް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ޖާނީގެ އިންޓަރނޭޝަނަލް ޕްރިވެންޝަން އެކްސްޕާޓުންނާއި މަޝްވަރާކޮށް އެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.

އަހްމަދު އިތުރަށް ވިދާޅުވީ ދުނިޔޭގައި މިހާރު ހިންގާ އެންމެ ކާމިޔާބު އެވިޑެންސް ބޭސްޑް ޕްރޮގްރާމްތަކާއި އެއް ފެންވަރެއްގައި ރާއްޖޭގެ މާހައުލަށް ފެތޭގޮތަށް ފަރުމާކުރެވިގެން ހިންގޭ ޕްރަގްރާމަށް މި ޕްރޮގްރާމް ހެދުމަކީ ޖާނީގެ އަމާޒެއް ކަމަށެވެ.

ޖާނީން މިހާރު ހިންގަމުގެންދާ ޕްރިވެންޝަން ޕްރޮގްރާމް "ރައީސް" އަކީ ދުނިޔޭގެ އެންމެ ފުންނާބު އުސް ޖަމިއްޔާތައް ބަލައިގެންފައިވާ ޕްރޮގްރާމެކެވެ.

ޖާނީ އާއި މ. އަތޮޅު ކައުންސިލާއި ދެމެދު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން މ. މުލި، މުލައް، ނާލާފުށި އަދި ކޮޅުފުށީގައި މަސްތުވާތަކެތި ގެންގުޅޭ މިންވަރު ދެނެގަތުގެ ގޮތުން މި ހަތަރު ރަށުގައި ފޯކަސް ގްރޫޕް މަޝްވަރާތައް ކުރިއަށް ގެންގޮސް ރަށުގެ ހާލަތު ދެނެގަތުމުގެ އިތުރުން ރަށްރަށުގައި ހުރި މަސްތުވާތަކެއްޗަށް ކުދިން ހުށަހެށުމަށް ދިމާވާ ސަބަބު ތަކާއި މަސްތުވާތަކެއްޗަށް ކުދިން ހުށަހެޅުމުން ދުރުކުރެވިދާނެ ކަންތައްތައް ދެނެގަނެވޭނެ އެވެ.

އަދި މިކަމަށް ހުރި ރިސްކުތައް ދަށްކޮށް ޕްރޮޓެކްޓިވް ފެކްޓާ މަތިކުރުމަށް މަސައްކަތް ކުރުމަކީ މުޅި ޕްރޮގްރާމްގެ މައިގަނޑު އަމާޒެވެ. އެގޮތުން މި ހަތަރު ރަށުގައި ހިންގާ ޕްރޮގްރާމް ވެގެން ދާނީ ހޯދޭ މައުލޫމާތުގެ އަލީގައި ތައްޔާރު ކުރެވިގެން ހިންގޭ ވަރަށް ފުރިހަމަ ޕްރޮގްރާމަކަށެވެ.