ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ޖުމްލަ ކެންޑިޑޭޓުންގެ އަދަދު ސާފު ކުރަމުން ގެންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަދި އިސް ތަރުޖަމާން އަހުމަދު އަކްރަމް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު ވަރަށް ގިނަ އަދަދެއްގެ ފޯމް ލިބިފައިވާ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކާއި، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުުރުމަށް އެތައް ހާސް ފޯމެއް ލިބިފައިވާ ކަމަށެވެ.
އަކްރަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ސައުވީސް ގަޑިއިރު ފޯމްތައް ޕްރޮސަސް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި އެންމެ އިސްކަން ދެނީ އިންތިހާބާބެހޭ ގަވާއިދުގައި ބުނާ ގޮތުުން ފޯމް ހުށައަޅާތާ 48 ގަޑިއިރުގެ ތެރޭގައި ކެންޑިޑޭޓުންނަށް ޖަވާބު ދިނުމަށް ކަމަށް އަކްރަމް ވިދާޅުވިއެވެ.
މިހާތަނަށް 3000 ވުރެ ގިނަ ފޯމް ބަލާ، އެ ފޯމްތައް ހުށައެޅި ބޭފުޅުންގެ ކެންޑިޑަސީ ބަލައިގެންފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގާފައެވެ.
އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި އެންމެ ގިނަ ބަޔަކު ފޯމް ހުށައަޅާފައިވަނީ އިއްޔެއެވެ. ކެންޑިޑޭޓުންގެ ޖުމްލަ އަދަދު ސާފުކުރުމަށް ވަގުތު ބޭނުންވަނީ އެހެން ވެެގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
2020 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބު
- ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދު 372
- ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދު 372 (އަންހެން، ފިރިހެން)
- ރަށު ކައުންސިލްތަކުން ރައީސުންގެ އަދަދު 179
- ރަށު ކައުންސިލްތަކުގެ ޖުމްލަ އަދަދު 923
- ސިޓީތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދު 14
- ސިޓީ ކައުންސިލަރުންގެ އަދަދު 28 (އަންހެން، ފިރިހެން)
- ސިޓީ ކައުންސިލްގެ މޭޔަރުންގެ އަދަދު 4
- ސިޓީތަކުގައި ޖުމްލަ ތިބޭނެ އަދަދު 46
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި 6000 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ބެލެވޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ އިންތިހާބެވެ.
މިފަހަރުގެ އިންތިހާބުގައި 2،69562 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބޭނެއެވެ.