ބޮލީވުޑް

ރާޖްކުމާރު ރާއޯ އާއި ކްރީތީގެ އާ ފިލްމެއް މާޗް މަހު ފަށަނީ

"ބަރީލޭ ކީ ބަރްފީ" އަށް ފަހު ރާޖްކުމާރް ރާއޯ އާއި ކްރީތީ ސަނަން އެކުގައި ކުޅޭ ފިލްމެއް އިއުލާން ކޮށްފި އެވެ.

ދިނޭޝް ވިޖަންގެ މަޑޮކް ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ފިލްމަކީ ހެއްވާ މަޖާ ހާދިސާތަކެއް ފެންނާނެ ކޮމެޑީ ފިލްމެކެވެ. ރާޖްކުމާރާއި ކްރީތީގެ އިތުރުން ޑިމްޕަލް ކަޕާޑިއާ އާއި ޕަރޭޝް ރާވަލް ވެސް މި ފިލްމުގައި ބައިވެރިވެ އެވެ.

ފިލްމުގެ ނަމެއް އަދި އިއުލާން ނުކުރާ މި ފިލްމާ ބެހޭ ގޮތުން އިންޑިޔާގެ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމުގައި ރާޖްކުމާރާއި ކްރިތީ އަކީ މައިންބަފައިން ނެތް ޔަތީމު ބައެކެވެ. އެހެންވެ އެމީހުން މައިންބަފައިން އެޑޮޕްޓްކުރަނީ އެވެ. އަދި އެޑޮޕްޓްކުރާ މައިންބަފައިންގެ ސަބަބުން އެމީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތައް މި ފިލްމުގައި ވަރަށް މަޖާ ކޮށް ފެނިގެން ދާނެ އެވެ.

އަންނަ މާޗް މަހު ޝޫޓިން ފަށާ މި ފިލްމުގެ ޑައިރެކްޓަރަކީ އަބީޝެކް ޖެއިން އެވެ. އޭނާ އަކީ ގުޖްރާތީ ބައެއް ފިލްމުތައް މީގެ ކުރިން ޑައިރެކްޓްކޮށްފައިވާ މީހެކެވެ. އަދި ސަންޖޭ ލީލާ ބާންސާލީ އާއި ސުބާޝް ގާއީގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ވެއެވެ.

މަޑޮކް ފިލްމްސް އިން ޕްރޮޑިއުސްކުރި "ސްތުރީ" އާއި "މޭޑް އިން ޗައިނާ" އަދި "ރޫހީ އަފްޒާނާ"ގައި ރާޖްކުމާރު ލީޑް ރޯލު ކުޅެފައިވާއިރު ހަމަ އެ ޕްރޮޑަކްޝަން ހައުސްގެ "ލުއްކާ ޗުއްޕީ" އާއި "މިމީ" ގައި ކްރީތީ ލީޑް ރޯލު ކުޅެފައި ވެއެވެ.