ގައުމީ ފުޓްބޯޅް ޓީމް

ޗައިނާ އާއި ރާއްޖޭގެ މެޗު ތައިލެންޑަށް ބަދަލު ކޮށްފި

ޗައިނާގައި ހަލުވިކޮށް ފެތުރެމުންދާ، ކޮރޯނާ ވައިރަސް (ކޯވިޑް 19) ގެ ނުރައްކާ ބޮޑުވުމުން، ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޗައިނާ އާއި ރާއްޖޭގެ މެޗު، ތައިލެންޑްގައި ކުޅެން ނިންމައިފި އެވެ.

އޭއެފްސީން އިއްޔަ އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ކޯވިޑް 19 ގެ ސަބަބުން، ރާއްޖެ އާ ދެކޮޅަށް ޗައިނާގެ ހޯމް މެޗު ނިއުޓްރަލް ވެނޫއެއްގައި ކުޅުމަށް ފީފާއިން އެޕްރޫވް ކޯށްފައިވާ ކަމަށެވެ. އެ މެޗު ތައިލެންޑްގައި ކުޅުމަށް އެދުނީ ޗައިނާއިންނެވެ.

އަންނަ މާޗް މަހުގެ 26 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗު ކުޅޭނީ ތައިލޭންޑްގެ ބުރިއަމްގެ ޗޭންގް އެރީނާގަ އެވެ. އަދި މާޗް 31 ގައި ގުއާމް އާ ދެކޮޅަށް ކުޅޭ ޗައިނާގެ ހޯމް މެޗުވެސް އޮންނާނީ އެ ދަނޑުގަ އެވެ.

ރާއްޖެ އާއި ޗައިނާގެ ދެ ވަނަ ލެގް މެޗަށް ނުކުންނައިރު ދެ ޓީމު ކޯޗުންވެސް ވަނީ ބަދަލުވެފަ އެވެ. ޗައިނާގެ ކޯޗްގެ ގޮތުގައި ހުރި، އިޓާލީގެ މާސެލޯ ލިއްޕީ މިދިޔަ އަހަރު ނޮވެމްބަރު މަހު ޗައިނާގެ ކޯޗް ކަމުން އިސްތިއުފާ ދީފަ އެވެ. އޭނާގެ ބަދަލުގައި ކޯޗް ކަމަށް ހަމަޖެއްސީ އެވަޓަން އަށް ކުރިން ކުޅުނު ޗައިނާގެ މިޑްފީލްޑާ ލި ޓައި އެވެ.

ޑިސެމްބަރު މަހު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ނާކާމިޔާބާއެކު ރާއްޖޭގެ ކޯޗްގެ މަގާމުގައި ހުރި ކްރޮއޭޝިއާގެ ޕީޓާ ޝެގަޓް މަގާމުން ވަކި ކުރުމަށް ފަހު، ރާއްޖޭގެ ކޯޗް ކަމަށް މި މަހު ހަމަޖެއްސީ، ގައުމީ ޓީމަށް ކުރިން ކޯޗް ކޮށްދިން ހޮލެންޑްގެ މާޓިން ކޫޕްމަން އެވެ.

މި ގުރޫޕްގެ އެއް ވަނައިގައި އޮތީ، ސީރިއާ އެވެ. އެ ޓީމު ވަނީ ކުޅުނު ފަސް މެޗުންވެސް މޮޅުވެ 15 ޕޮއިންޓް ހޯދާފަ އެވެ. އެއް މެޗު މަދުން ކުޅެ ޗައިނާ ދެ ވަނައިގައި އޮތީ ހަތް ޕޮއިންޓާއެކު އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެއަށް އޮތީ ބާކީ ތިން މެޗެވެ. މި އަންނަ މަހު 26 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅުމަށް ފަހު، 31 ވަނަ ދުވަހު ނުކުންނާނީ ސީރިއާ ދެކޮޅަށް މާލޭގަ އެވެ. ކޮލިފިކޭޝަންގައި ރާއްޖޭގެ ޓާގެޓަކީ 2023 ވަނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ކަޕަށް ކޮލިފައި ވުމެވެ.