ނިއު ރޭޑިއަންޓަށް 2015 ވަނަ އަހަރު ކޯޗް ކޮށްދިން ބޮސްނިއާގެ އާމިރު އަލަގިޗް، އަވަށްޓެރި ޝްރީލަންކާގެ ގައުމީ ޓީމުގެ ކޯޗް ކަމާ ހަވާލު ވެއްޖެ އެވެ.
އަލަގިޗް ވަނީ، 2015 ވަނަ އަހަރު ކުރީ ކޮޅު ނިއުގައި މަސައްކަތް ކޮށްފަ އެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން ނިިއު އިން ކުޅުނީ އޮފިޝަލް ދެމެޗެވެ. އެއީ އެ އަހަރުގެ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗާއި އޭއެފްސީ ކަޕްގައި މިޔަންމާގެ އަޔެވާދީ ޔުނައިޓަޑާ ދެކޮޅަށް މާލޭގައި ކުޅުނު މެޗެވެ. އެ ދެ މެޗުންވެސް ނިއު ބަލިވީ އެވެ.
އޭޕްރީލް 2015 ގައި ނިއުގެ ކޯޗް ކަމުން އޭނާ އިސްތިއުފާ ދިނީ އައިލީ ކަމެއްގައި ގައުމަށް ބަދަލުވާން ޖެހުމުންނެވެ. އޭނާ ނިއުގައި މަސައްކަތް ކުރީ ގާތްގަނޑަކަށް އެއް މަސް ދުވަހު އެވެ.
ލަންކާގެ ކޯޗްގެ މަގާމުގައި ކުރިން ހުރި ފަކީރު އަލީގެ ކޮންޓްރެކްޓް ވަނީ ހަމަވެފަ އެވެ. އޭނާގެ ކޮންޓްރެކްޓް އާ ނުކުރަން ލަންކާގެ ފެޑްރޭޝަނުން ނިންމީ އޭނާގެ ކޯޗު ކަމުގައި ޓީމުގެ ނަތީޖާ ރަނގަޅު ނުވުމުންނެވެ. އޭނާ މަސައްކަތް ފެށިއިރު ލަންކާ އޮތީ ފީފާގެ ރޭންކިންގެ 198 ވަނަ އިގައެވެ. އޭނާގެ ކޯޗު ކަމުން ވަކިވިރު ލަންކާ އޮތީ 205 ވަނަ އިގަ އެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން ކުޅުނު 24 މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ.
އަލަގިޗް ކޯޗް ކަމަށް ހަމަޖެއްސުމުގެ ކުރިން ލަންކާގެ ފެޑްރޭޝަނުން ވަނީ ބައެއް އެހެން ކޯޗުންނާވެސް ވާހަކަ ދައްކާފަ އެވެ. އެގޮތުން ބެލްޖިއަމްގެ އީވާން މިނަގް، ސްޕެއިންގެ ޑޭވިޑް ގަންޒާލިސް އަދި އިޓަލީގެ އަލްބާޓޯ އަނޭސީ އާވެސް ވާހަކަ ދެއްކި އެވެ.
ލަންކާގެ ފުޓްބޯލް ފެޑްރޭޝަންގެ ރައީސް އަނޫރާ ޑި ސިލްވާ ވިދާޅުވީ، ޝޯޓްލިސްޓް ކުރި ހަތަރު ކޯޗުންގެ ތެރެއިން، ލަންކާގެ ފުޓްބޯޅަ ކަލްޗާއާ އެންމެ ރަށްޓެހި ކޯޗަކީ އަލްގިޗް ކަމަށެވެ.
ނިއުގައި އަލަގިޗް މަސައްކަތް ކުރި ދުވަސްވަރު އޭނާ ވަނީ ކުޅުންތެރިން ޑިސިޕްލިން ރަނގަޅު ކުރަން ޖެހޭ ކަމަށް ވާހަކަ ދައްކާފަ އެވެ. އަދި ވަޒީފާއި އުޅެ ޕްރޮފިޝަނަލް ގޮތެއްގައި ފުޓްބޯޅަ ކުޅުމަކީ އުނދަގޫ ކަމެއްކަމަށް ފާހަގަކޮށް ރާއްޖޭގެ ފުޓްބޯޅައިގެ ހަލާތު ބަދަލުވާން ޖެހޭ ކަމަށް އޭނާ ބުނެފައި ވެއެވެ.