ރޭގެ އެމްޑީޕީގެ ޖަލްސާއަށް މީހުން ދިޔަ މިންވަރު މަދުކަން ގަބޫލުފުޅު ކުރައްވާ ކަމަށާއި އެހެން ދިމާވީ ރައްޔިތުންގެ އުއްމީދުތަކާ އެއް ވަރަށް ކަންކަން ފުރިހަމަވަމުން ނުދާތީ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަޕޯޓަރުންގެ އަދަދާ ބަލާއިރު، ރޭގެ ޖަލްސާގައި މީހުން ބައިވެރިވި މިންވަރު މަދު ކަމަށެވެ. ސަރުކާރާއި އެމްޑީޕީއާ ވަރަށް ގިނަ ރައްޔިތުންގެ އުއްމީދުތަކެއް ގުޅިފައިވާ ކަމަށާއި ނަމަވެސް އެ އުއްމީދުތައް ރައްޔިތުން އެންމެ ގަބޫލު ކުރާ މިންވަރަށް ފުރިހަމަވަމުން ނުދާކަން ހުދު އެމަނިކުފާނު ވެސް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އޭގެ ބައެއް މިސާލުތައް ވެސް ރައީސް ނަޝީދު ދެއްކެވި އެވެ. އެގޮތުން މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވެހިކަމުގެ މައްސަލަ އާއި މަގުތަކުގެ މައްސަލައަށް ވެސް އަދި އެކަށީގެންވާ ހައްލެއް ނުލިބޭކަން ފާހަގަ ކުރެއްވި އެވެ. އޭގެ އިތުރުން މިދިޔަ ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތައް ބަލައި ފިޔަވަޅު އެޅުން ލަސްވެފައިވުމާއި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ވެސް ލަސްވެފައިވުމަކީ ޖަލްސާއަށް މީހުން މަދުން ދިޔަ ސަބަބެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ހުރި ނަމަވެސް އެ ރައްޔިތުންނަށް ވެސް ސާފުވާނެ ކަމަކީ އެ ޝަކުވާތައް އަޑުއަހައި އެއަށް ހައްލުތައް ވެސް ހޯދައިދޭނެ ބަޔަކީ އެމްޑީޕީ ކަމަށެވެ. ޝަކުވާތައް ހުރި ނަމަވެސް އެ ޕާޓީ ދޫކޮށް ސަޕޯޓަރުން ނުދާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަބަދުވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުންނާނެ ކަމަށާއި އެގޮތުން އެ ޕާޓީގެ އެތެރޭގައި ވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އަންނަ އިންތިހާބުގައި މާލޭގެ ހުރިހާ ގޮނޑިއަކާއި މޭޔަރުކަން ވެސް ހޯދާނީ އެމްޑީޕީއިންނެވެ. އެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މާލޭގެ ޖަލްސާއަށް ދިޔަ ސަޕޯޓަރުން މަދުކަމުގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު ރޭ އެހެން ރަށްރަށުގައި ބޭއްވި އެމްޑީޕީގެ ޖަލްސާތަކަށް ވެސް ލިބުނީ ފިނި ތަރުހީބެކެވެ. މިއީ މިފަހުން އެމްޑީޕީގެ ހަރަކާތަކަށް މިހާ ފިނި ތަރުހީބެއް ލިބުނު ފަހަރެވެ. ރޭގެ ޖަލްސާގައި ރައީސް ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.