މާލޭ ސިޓީ ކައުންސިލް

މޭޔަރުގެ ގޮނޑި ވާދަވެރި ވެއްޖެކަން އެމްޑީޕީން ގަބޫލުކޮށްފި

މާލޭގެ މޭޔަރުގެ ގޮނޑި ވާދަވެރި ވެއްޖެކަން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ގަބޫލުކޮށްފިކަން ރޭ އެ ޕާޓީން ބޭއްވި ޖަލްސާއިން ހާމަވެފައިވާ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެންޕެއިން ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ އިިދިކޮޅު ޕީޕީއެމަށް އަމާޒު ކުރައްވާ ރައީސް ނަޝީދު ވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމަށް މެޖޯރިޓީ ދިނުމަކީ ޑްރެކިއުލާ އަކާ ބްލަޑް ބޭންކެއް ހަވާލުކުރުމާ އެއްވަރުގެ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މާލެ މި ފަހުން ހަލާކުކޮށްލުމުގައި އެންމެ އިސްކޮށް ހުރީ "ހޮޅި މުއިއްޒު" ކަމަށް ވިދާޅުވެ ކުރީގެ މިނިސްޓަރު މުއިއްޒުއަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

އެކަމަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ ކައުންސިލް އިންތިހާބަށް ބައެއް ބޭފުޅުންގެ ޔަގީންކަން ނެތް މިންވަރު ރޭގައި ފެނިގެންދިޔަ ކަމަށެވެ. އަދި މުޅި ޖަލްސާ ޑރ. މުއިއްޒުއަށް ފާޑުކިޔުމުގައި ހޭދަކުރުމުން މުއިއްޒުގެ ހިދުމަތް އެމްޑީޕީންވެސް ބަލައިގަންނަކަން ހާމަވެފައިވާ ކަމަށް ވިދާޅުވިއެވެ.

"ބައެއް ބޭފުޅުންގެ ހާސްކަން ރޭގައި ފެނުނު. އެންމެ ކުޑަ އުޖޫރައާ އެކު ބަސް ހުއްޓުނު. މުޅި ޖަލްސާގެ އަމާޒް ޑރ. މުއިއްޒުއާ ދިމާލަށް ހިފުމުން މުއިއްޒުގެ ހިދުމަތް އެމްޑީޕީންވެސް ބަލައިގަނެ، މޭޔަރުގެ ގޮނޑި ވާދަވެރި ވެއްޖެކަން އަމިއްލަ އަށް އިއުލާންކޮށްފި. މޭވާ އަޅާ ގަސް އެނގިއްޖެ." ޖަމީލްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓަށް 12،000 ވޯޓް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ކުރިން ވަނީ ވިދާޅުވެފައެވެ.

މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުން އެމްޑީޕީއަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބިވަޑައިގަންނަވާނެ ކަމަށާ އެކަމާ އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.

ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރަށް ތައުރީފުކުރައްވާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި އަނަސް 12،000 ވޯޓް ނަންގަވާނެ ކަމަށެވެ. އަދި އަނަސްއާ އެންމެ ގާތުން ވާދަކުރާ ކެންޑިޑޭޓަކަށް 1500 ވޯޓްވެސް ލިބިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު މި ދަންނަވަނީ، ބައްލަވަން ތިއްބަވާ އަނަސް 12،000 މާލޭ ވޯޓް ނަގާނެ. އަޅުގަނޑު ވަރަށް ރަނގަޅަށް، އިރާދަކުރެއްވިއްޔާ 12،000 މާލޭ ވޯޓް އަނަސް ނަންގަވާނެ. މިކަމާ އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝައްކެއްނެތް. އެންމެ ގާތްކުރާ މީހާއަށް 1500 ވޯޓްވެސް ނުނަގާނެ، ބައްލަވާތި." ރައީސް ނަޝީދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެންޕެއިން ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ އިިދިކޮޅު ޕީޕީއެމަށް އަމާޒު ކުރައްވާ ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވިއިރު ބޭނުން ކުރެއްވި ބަސްމަގާމެދު އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.