ވިޔަފާރި

ރަޒީގެ "ޑިޒައިނާރަޒީ" ހުޅުވައިފި

ގިނަ ހިދުމަތްތަކާއެކު "ޑިޒައިނާރަޒީ" ހުޅުވައިފި އެވެ.

"ޑިޒައިނާރަޒީ" އަކީ ދިވެހިންގެ މެދުގައި މަގުބޫލް ޑިޒައިން ކުރުންތެރިޔާ އަދި ފެހުންތެރިޔާ ރަޒީނާ ތައުފީގް (ރަޒީ)ގެ ވިޔަފާރިއެކެވެ.

ރޭ "ޑިޒައިނާރަޒީ" ހުޅުވާފައިވަނީ ގިނަ ހިދުމަތްތަކެއް ލިބޭނެ އިންތިޒާމާއެކުގައެވެ. އެ ފިހާރަ ހުޅުވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

ކުރިން "ރަޒީކަލެކްޝަން" ގެ ނަމުގައި ހިންގި ފިހާރަ "ޑިޒައިނާރަޒީ" ގެ ނަމަށް ބަދަލުކޮށް އަލުން ހުޅުވާފައިވާއިރު އެންމެ ހާއްސަ ކަމަކީ ވެޑިންގެ ފުކް ޕެކޭޖް ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމެވެ.

އަވަސްއާ ވާހަކަ ދައްކަވަމުން ރަޒީ ވިދާޅުވީ ވިޔަފާރީގައި މިހާ ހިސާބަށް އާދެވުނީ ފިރިމީހާ މުހައްމަދު ހަސަން އަދި މުޅި އާއިލާގެ ވަރަށް ބޮޑު ސަޕޯޓެއް ލިބިގެން ކަމަށެވެ. އަދި "ޑިޒައިނާރަޒީ" ހުޅުވައިދެއްވުމަށް މިނިސްޓަރު މާރިޔާ ވަޑަައިގެން ދެއްވީތީ ޝުކުރުވެރިވާ ކަމަށެވެ.

އަވަސްއާ ވާހަކަދައްކަމުން "ޑިޒައިނާރަޒީ" ގެ މެނޭޖިންގ ޑައިރެކްޓަރު ޚުޒައިމާ ތައުފީގު ވިދާޅުވީ "ޑިޒައިނާރަޒީ" އިން ވެޑިންގެ ފުލް ޕެކޭޖް މިހާރު ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން މޭކަޕް ކުރުމާއި، ވެޑިން ޑްރެސް ފަހައިދިނުން، އަދި ބޭނުންކުރާ ބޫޓް ފަދަ ތަކެއްޗާއި، ބެކްޑްރޮޕް ހަދައިދިނުން ފަދަ ހުރިހާ ކަމެއް "ޑިޒައިނާރަޒީ" ކޮށްދޭނެއެވެ.

"ފުލް ޕެކޭޖެއް އަޅުގަނޑުމެން މި ދެނީ. 'ޑިޒައިނާރަޒީ' އިން މިހާރު މި ހުރިހާ ކަމެއް ކޮށްދޭނެ. އަޅުގަނޑު ފާހަގަކޮށްލަން މޭކަޕް ކޮށްދިނުމުގައި މޭކަޕް ހަސަންވެސް މަސައްކަތްކޮށްދޭނެ. އެހެންވީމަ އެ ހިދުމަތް ބޭނުންފުޅުވާނަމަ ވަޑައިގަންނަވަންވީ"

މީގެ އިތުރުން ފޮޓޯ ނެގުމާއި އެ ނޫން ހިދުމަތްވެސް މިހާރު "ޑިޒައިނާރަޒީ" ލިބޭނެ އެވެ.

ޚުޒައިމާ ވިދާޅުވީ މި ނޫންވެސް ބައެއް ތަކެތި "ޑިޒައިނާރަޒީ" ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން ކުޑަކުދިންނާ، އަންހެނުންނަށް ބޭނުންވާ ބޫޓް ފަދަ ތަކެތި އެ ކަސްޓަމަރަކު ބޭނުންވާ ގޮތަކަށް ޑިޒައިންކޮށްދީ ތައްޔާރު ކޮށްދޭނެ އެވެ.

"އަޅުގަނޑުމެން މި ދެނީ ކަސްޓަމައިޒް ހިދުމަތެއް. އައިސް ބޭނުންވާ ގޮތަކަށް އެ ބޭފުޅަކު ވިދާޅުވާންވީ ޝޫޒް ހުންނަންވީ ގޮތް. އެގޮތަކަށް ޑިޒައިންކޮށް ތައްޔާރުކޮށްދޭނެ."

މީގެ އިތުރުން އަންހެންގެ އޮފީސް ޓޮޕްވެސް "ޑިޒައިނާރަޒީ" ލިބެން ހުންނާނެ އެވެ. "ޑިޒައިނާރަޒީ" ގައި މުޅިންވެސް ހުންނާނީ ރަޒީގެ ޑިޒައިންތަކެވެ. މުޅިންވެސް ރަޒީގެ ކުޅަދާނަ ފެހުންތަކެވެ.

ދެ ފަންގިފިލާއަށް ހިންގަމުންދާ "ޑިޒައިނާރަޒީ"ގެ ފުރަތަމަ ފަންގިފިލާއިން ފޮތި ލިބެން ހުންނާނެއެވެ. އެގޮތުން ބޭނުންވާ ފޮއްޗެއް އިހުތިޔާރުކޮށް އެ ތަނުން ފެހުމުގެ ހިދުމަތް ދޭނެއެވެ.

މީގެ އިތުރުން ފޮތި ގެނެސްގެންވެސް "ޑިޒައިނާރަޒީ" ފަހައިދޭނެ އެވެ.

"ޑިޒައިނާރަޒީ" ފިހާރަ ހުންނާނީ ހެންވޭރު ޝީރާޒް ގޭގައެވެ.