ކަރަން ޖޯހަރް

"ކަލަންކް"ގެ ނާކާމިޔާބީގެ ޒިންމާ ނަގަން: ކަރަން

މިދިޔަ އަހަރު ރިލިޒްކުރި ބޮޑު ބަޖެޓް ފިލްމް "ކަލަންކް"އަކީ މަޝްހޫރު ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރްގެ ޑްރީމް ޕްރޮޖެކްޓެކެވެ. މި ފިލްމު ތައްޔާރު ކުރުމުގައި އޭނާ ގެންގުޅެފައި ވަނީ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ ފިލްމުތަކުގައި ހުންނަ ގޮތްތަކެކެވެ. ނަމަވެސް ކަރަންގެ ޑްރީމް ޕްރޮޖެކްޓަށް ބޮކްސް އޮފީހުގައި ކުރިމަތިވީ ބޮޑު ނާކާމިޔާބީން ކަރަން އަށް ވެސް ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ.

މިހާރު އަނެއްކާވެސް ކަރަން ހަމަ މި ކަހަލަ ބޮޑު ޕްރޮޖެކްޓެއް ފަށައިގެން ކުރިޔަށް އެބްގެންދެ އެވެ. އެއީ ކުރީ ޒަމާނުގެ ހާދިސާތަކަކަށް ބިނާކޮށް އުފައްދާ "ތަޚްތު" އެވެ. ކަރަން ބުނި ގޮތުގައި "ކަލަންކް" އަކީ އޭނާގެ ބައްޕަ ޔާޝް ޖޯހަރްގެ ޑްރީމާ ޕްރޮޖެކްޓަކަށް ވާތީ އެ ފިލްމުގެ ނާކާމިޔާބީގެ ފުރިހަމަ ޒިންމާ އޭނާ ނަގަ އެވެ.

އިންޑިޔާ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ކަރަން ބުނީ "ކަލަންކް" ފެއިލްވީ އޭނަގެ ސަބަބުންނެވެ. އެ ފިލްމު ޑައިރެކްޓްކުރަން އެހެން މީހަކާ ހަވާލުނުކޮށް އޭނާ އެ މަސައްކަތް ކުރިނަމަވެސް ފިލްމަށް އެފަދަ ބޮޑު ނާކާމިޔާބީއަކާ ކުރިމަތި ނުވީސް ކަމަށް ކަރަން ގަބޫލު ކުރެ އެވެ. ނުވަތަ އެ ފިލްމުގެ ޑައިރެކްޓަރަށް މަގު ދައްކައިދީ ރަނގަޅަށް ފިލްމު ގެންދަން އެހީތެރިވީ ނަމަވެސް އެގޮތަކަށް ފިލްމު ފްލޮޕެއް ނުވީހެވެ.

ނަމަވެސް ފިލްމުގެ ނާކާމިޔާބީގެ ޒިންމާ ޑައިރެކްޓަރު އަބީޝެކް ވަރުމާގެ ބޮލުގައި އަޅުވާކަށް ކަރަން ބޭނުމެއް ނުވެ އެވެ. އޭނާ ބުނީ ވަރުމާ އަކީ އާދަޔާޚިލާފު ހުނަރުވެރި ޑައިރެކްޓަރެއް ކަމަށެވެ. ނަމަވެސް "ކަލަންކް"ގެ މަންޒަރުތައް ރީތިކުރުމަށާއި ސްޓޯރީލައިން އަށް އޭނާ ވަރަށް މަސައްކަތް ކޮށްފައިވިޔަސް ކާމިޔާބުވާގޮތް ނުވީ ކަމަށެވެ.

"އަހަރެން ބުނިން ޑައިރެކްޓަރު ކައިރީވެސް އޭނާއަށް ދާންވީ މަގު ރަނގަޅަށް ކިޔައި ނުދެވުނީމަ އަހަރެންނޭ ހަގީގަތުގައި ފެއިލްވީ. އޭނާއެއް ނޫނޭ. ދެން އަހަރެމެން ދެ މީހުން ވެގެން އުފައްދާ ފިލްމަކަށް މިހެން ނުވާނެކަމަށް އުންމީދުކުރަން،" ކަރަން ބުންޏެވެ.

ސަންޖޭ ދަތު، މާދުރީ ޑިކްޝިޓް، ވަރުން ދަވަން، އާލިއާ ބަޓް، އަދިތުޔާ ރޯއި ކަޕޫރު، ސޮނާކްޝީ ސިންހާ މުހިއްމު ރޯލުތައް ކުޅެފައިވާ "ކަލަންކް" އަށް ކުރިމަތިވީ ބޮޑު ނާކާމިޔާބުން ފިލްމުގައި ބައިވެރިވި ހުރިހާ ތަރިންގެ ފިލްމީ ކެރިއަރަށް ވެސް ނޭދެވޭ އަސަރުތައް ވަނީ ކޮށްފަ އެވެ.

ކަރަންގެ އާ ފިލްމު "ތަޚްތު" ގައި ވެސް ވަރަށް ގިނަ ތަރިން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ރަންވީރު ސިންގް، ވިކީ ކޯޝަލް، އަނިލް ކަޕޫރު، ބޫމީ ޕެޑްނޭކަރް، އާލިއާ ބަޓް އަދި ޖާންވީ ކަޕޫރު ހިމެނެ އެވެ.

"ތަޚްތު" އަކީ ހިސްޓޯރިކަލް ޑްރާމާ އެކެވެ. މި ފިލްމުގައި ކިޔައިދެނީ މުޣުލް ރަސްގެފާނު އޮރަންގްޒޭބް އާއި އޭނާގެ ބޭބެ ދާރާ ޝީކޯ ރަސްކަމުގެ ތާޖު ހޯދަން ކުރާ ހަނގުރާމަ އެވެ. އޮރަންގްޒޭބްގެ ރޯލު ކުޅެނީ ވިކީ އެވެ. ރަންވީރު ކުޅެނީ ދާރާ ޝިކޯގެ ރޯލެވެ. އޮރަންޒޭބްގެ ބޭބެ ޝާހްޖަހާން ރަސްގެފޭނުގެ ރޯލު ކުޅެނީ އަނިލް ކަޕޫރެވެ.