ނައުޝާގެ ހެލްތު ކޮލަމް

ހާޓް އެޓޭކެއް ޖެހުމުން ރައްކާތެރި ވެވިދާނެބާ؟

ހާޓް އެޓޭކަކީ ހިތަށް ލޭ ގެންގޮސްދޭ ލޭ ހޮޅިއެއް ބްލޮކްވެ ހިތުގެ މަސްގަނޑުން ބަޔަކަށް ލޭ ނުލިބުމުގެ ސަބަބުން ހިތުގެ މަސައްކަތްތައް ހުއްޓުމަށް ކިޔަ ނަމެކެވެ. އާންމުކޮށް ހާޓް އެޓޭކް ޖެހެން މެދުވެރި ވަނީ ހިތަށް ލޭ ފޮނުވައިދޭ ލޭ ހޮޅިތަކުގެ އެތެރޭގައި ލޭ ނުވަތަ ކޮލެސްޓްރޯލް އެކުލެވޭ ގަނޑުކޮޅެއް އުފެދި، ލޭ ހޮޅިން ލޭ ދައުރު ކުރުމަށް ހުރަސް އެޅޭތީ އެވެ. އަދި ބައެއް ހާލަތްތަކުގައި ލޭ ހޮޅިތައް ހިމަވެ ފިތުމުގެ ސަބަބުން ވެސް ހާޓް އެޓޭކެއް ޖެހެން މެދުވެރި ވެދާނެ އެވެ.

ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތުތައް އިތުރުކޮށްދޭ ކަންކަން

އުމުރު މަތިވުން

45 އަހަރުން މަތީގެ ފިރިހެނުންނާއި 55 އަހަރުންމަތީގެ އަންހެނުންނަށް ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތުތައް ބޮޑެވެ.

  • ދުންފަތުގެ އިސްތިއުމާލު ކުރުން
  • ލޭ މައްޗަށް ދިއުން
  • ލޭގައި ކޮލެސްޓްރޯލް މަތިވުން
  • ސިއްހަތަށް ނުރައްކާވާ ވަރަށް ފަލަވުން
  • ހަކުރުބަލި ހުރުން އަދި އެންމެ އެދެވޭ ފަރުވާ ނުލިބުން
  • އާއިލާގައި ހާޓް އެޓޭކެއް ޖެހިފައި ހުރި މީހަކު ހުރުން
  • ހެލިފެލިވެ ނޫޅުން
  • ސްޓްރެސް ނުވަތަ ކަންކަމާ ހާސްވެ ކަންބޮޑުވުން

ހާޓް އެޓޭކެއް ޖެހުމުގެ އަލާމާތްތައް

  • މޭ މައްޗަށް ވާންވާ، ފިތޭހެން އިހްސާސް ކުރެވޭ ތަދެއް ވެދާނެއެވެ. މި ތަދު ބައެއް ހާލަތްތަކުގައި ދަތްދޮޅިއާއި ދަތްތަކަށް އަދި ވާތް ފާރާތުގެ ކޮނޑު ހުޅަށާއި އަތަށް ދަތުރުކުރުންވެސް އެކަށޭނައެވެ.
  • ހޮޑުލެވުން އަދި މޭނުބައިކުރުން
  • ނޭވާލާން އުނދަގޫވުން
  • ދާހިތްލުން
  • ބޯ އެނބުރުންް

މަތީގައި ފާހަގަ ކުރެވިފައި މިވަނީ އާންމުކޮށް ހާޓް އެޓޭކެއް ޖެހޭ މީހުންނަށް ކުރިމަތިވާ އުނދަގޫތަކެވެ. ނަމަވެސް ބައެއް މީހުންނަށް ހާޓް އެޓޭކެއް ޖެހޭ އިރު، މާ ގިނަ އަލާމާތްތަކެއް ނުފެނިވެސް ދެއެވެ. އެހެންނަމަވެސް އާންމު ގޮތެއްގައި ހާޓް އެޓޭކެއް ޖެހުމުގެ ދުވަސްކޮޅެއް ކުރިން މޭގައި ރިއްސުމަކީ ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. އެހެނީ މަސައްކަތްކޮށް ހެލި ފެލިވެ އުޅޭ އިރު މޭގައި ރިއްސިނަމަވެސް އަރާމު ކުރުމުން މި ރިހުން އާންމު ގޮތެއްގައި ރަގަޅު ވާނެއެވެ. ވީމަ މިފަދަ ކަންކަން ފާހަގަ ކުރެވޭ ނަމަ ލަސް ނުކޮށް ޑޮކްޓަރަކަށް ދައްކަންވާނެއެވެ.

ފަރުވާ އާއި ރައްކާތެރިވުން

ހާޓް އެޓޭކެއް ޖެހޭ މީހާއަށާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް ދެވޭ ފަރުވާތައް އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަދި ދެވޭ ފަރުވާގެ ފެންވަރުވެސް ރަގަޅުވަމުންނެވެ. ނަމަވެސް ހަގީގަތަކީ ބަލިން ރައްކާތެރިވުމަށް ވުރެން ރަގަޅު ފަރުވާއެއް މިފަދަ ބަލި ތަކަކަށް ނޯންނާނޭ ކަމެވެ. ވީމާ އާންމު ދިރިއުޅުމަށާއި ކެއުން ބުއިމުދެ އާދަތަކަށް ގެނެވޭ ބަދަލުތަކާ އެކު ވީހާވެސް ބޮޑަށް ހިތުގެ ބަލިތަކަށް މަގުފަހި ކުރުވާ ކަންތަކުން ދުރުހެލިވުމަކީ ދުޅަހެޔޮ ސިއްހަތަކަށް ތިމާ ކުރަންވާނޭ ކަމެކެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކަށް ބަލައިލާއިރު:

  • ދުންފަތުގެ އިސްތިއުމާލު ނުކުރުން
  • ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުން
  • ލޭގެ ކޮލެސްޓްރޯލް އެދެވޭ މިނެއްގައި ބެހެއްޓުން
  • ކަސްރަތުކުރުން

އެންމެ މަދުވެގެން ހަފްތާއަކު 5 ދުވަހު، ދުވާލަކު 30 މިނެޓް ކަސްރަތު ކުރުމަކީވެސް ހިތުގެ ބަލިތަކުންނާއި އެހެނިހެން ސިއްހީ ގިނަ މައްސަލަތަކުން ރައްކާތެރިކޮށްދިނުމަށް ނުހަނު އެހީތެރިވެދޭނޭ ކަމެކެވެ.

  • ބަރުދަން އެދެވޭ މިނެއްގައި ދެމެހެއްޓުން
  • ކާ ކެއުމަކީ ތެޔޮ، ކޮލްސްޓްރޯލް، ލޮނު ފަދަ ތަކެތި މަދު ކެއުމަކަށް ހެދުން އަދި ވީހާވެސް ގިނަިއން ތަރުކާރީއާއި މޭވާ ކެއުން
  • ހަކުރުބަލި ހުންނަނަމަ އެންމެ އެދެވޭ ފަރުވާއާއެކެ ހަކުރު ހުންނަވަރު ކޮންޓްރޯލް ކުރުން
  • ސްޓްރެސް މެނޭޖްކުރުން

ލޭ މައްޗަށް ދިއުން، ހަކުރު މަތިވުން، ކޮލެސްޓްރޯލް މަތިވުން ފަދަ ކަންކަމަކީ ހިތުގެ ބަލިތައް މެދުވެރި ކުރުވާ އެންމެ އާންމު ކަންކަމެވެ. ހާއްސަކޮށް އާއިލާގައި މި ބަލިތައް ހުންނަ މީހުން އުޅޭނަމަ މިއީ ތިމާ އެކަމަށް އިތުރަށް ސަމާލުވާންވާނޭ ކަންކަމެވެ. ވީމާ ކުރީގައި އެނގިފައި ނެތަސް، މިފަދަ ސިއްހީ މައްސަލައެއް ހުރިތޯ ދެނެގަތުމަށް ގަވައިދުން ޑޮކްޓަރަށް ދައްކާ ހެލްތް ޗެކަޕްއެއް ހަދާލުން ބުއްދިވެރި ވާނެއެވެ.