މާދަމާއިން ފެށިގެން މާލެ ސަރަހައްދުގެ ލޮކްޑައުންއަށް އިތުރު ލުއި ދޭން ވަނީ ނިންމާފަ އެވެ. މިއީ ގިނަ ބަޔަކަށް، ހާއްސަކޮށް ކަސްރަތު ކުރުމަށް އާންމުކޮށް ބޭރަށް ނިކުމެ އުޅޭ ފަރާތްތަކަށް ވަރަށް އުފާވެރި ހަބަރެކެވެ. މާދަމާއިން ފެށިގެން ލިބޭ ލުއިތަކާއެކު ކަސްރަތު ކުރުމަށް ލޯބި ކުރާ ގިނަ ބަޔަކު މާލެ ވަށައި ދުވެލުމަށް ނުކުންނާނެ ކަމަށް ލަފާ ކުރެވެ އެވެ. ނަމަވެސް ދެނެގަންނަންވި ހަގީގަތަކީ ކޮވިޑް-19 ގެ ބިރުވެރިކަން އަދި އެއްގޮތަކަށް ވެސް ފިލައިން ނުދާ ކަމެވެ. އެހެން ކަމުން ގެއިން ބޭރަށް ނުކުންނަ ނަމަ މާސްކެއް އެޅުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. އަޅުގަނޑުމެން ނިއު ނޯމަލްއަކާ ދިމާލަށް ދަތުރު ކުރާއިރު މާސްކް އަޅައިގެން ރައްކާތެރި ކަމާއެކު ކަސްރަތު ކުރާނެ ގޮތް ދެނެގަތުން ވެސް މުހިންމެވެ.
މާސްކް އަޅައިގެން ކަސްރަތު ކުރުމުން
އާންމުކޮށް މާސްކްތައް ހަދާފައި ހުންނަނީ ފަސޭހައިން ވައި ދައުރު ކުރާނެ ހެނެވެ. ނަމަވެސް ކޮވިޑް-19 އާއެކު ފޮތި މާސްކް ފަދަ އެކި ވައްތަރުގެ މާސްތައް އާންމު ވެފައިވާއިރު މާސްކް އެޅައިގެން ކަސްރަތު ކުރާއިރު މާސްކްގެ ތެރެއިން ނޭވާލާ ނިޒާމަށް ވައި ދައުރު ކުރާ މިންވަރު ކޮންމެވެސް ވަރަކަށް މަދުވުން އެކަށީގެން ވެއެވެ. އެއީ ކަސްރަތު ކުރާއިރު އާންމުކޮށް ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެން ގިނައިން އޮކްސިޖަން ބޭނުންވާތީ އެވެ.
ކަސްރަތު ކުރާއިރު ހަށިގަނޑަށް އިތުރަށް ބޭނުންވާ ހަކަތަ ލިބި ދިނުމަށް އޮކްސިޖަން އެހީތެރި ވެދެ އެވެ. ވީމާ މާސްކް ހަދާފައިވާ މެޓީރިއަލްގެ ގޮތުން، އާންމުކޮށް ނޭވާލާ އިރަށްވުރެ މާސްކްއެއް އަޅައިގެން ނޭވާލާއިރު ނޭވާލާ ނިޒާމުގެ ތެރެއަށް، ފުއްޕާމޭއަށް ވަންނަ ވައިގެ މިންވަރު މަދުވުން އެކަށީގެން ވެއެވެ. މިއާއެކު ފުއްޕާމެއަށް ލިބޭ އޮކްސިޖަން އަދި އެއާ ގުޅިގެން ލޭގައި ދައުރު ކުރާ އޮކްސިޖަން މަދުވެ އެވެ.
މާސްކާއެކު ކަސްރަތުކުރުން ރައްކާތެރި ބާ؟
ގިނަ މީހުނަށް މާސްކެއް އަޅައިގެން ކަސްރަތު ކުރުމަކީ ސިއްހަތަށް ނުރައްކަލެއް ހުރި ކަމެއް ނޫނެވެ. ނަމަވެސް މާސްކް އެޅުމުގެ ސަބަބުން ހަށިގަނޑަށް ލިބޭ އޮކްސިޖަން މަދުވާނަމަ އުނދަގޫތަކެއް ކުރިމަތިވުން އެކަށީގެން ވެއެވެ. ވީމާ ކަސްރަތު ކުރަމުންދާއިރު އަންނަ ބަދަލުތަކާ މެދު ސަމާލުވާން ވާނެ އެވެ. ބޯ އެނބުރުން އަދި ނޭވާ ކުރުވުން ފަދަ ކަންކަން އިހުސާސް ކުރެވޭނަމަ ކަސްރަތު މަޑު ޖައްސާލުން ބުއްދިވެރި ވާނެ އެވެ. ހާއްސަކޮށް ގިނަ ދުވަހު ކަސްރަތާ ދުރުވެ ހުރެފައި އަލުން ފަށާނަމަ އިތުރަށް ސަމާލުވާން ޖެހެ އެވެ.
މީގެ އިތުރުން އެސްމާ، ސީއޯޕީޑީ ފަދަ ނޭވާލުމުގެ ނިޒާމާއި ލޭ ދައުރު ކުރުމާ ގުޅިފައިވާ ބަލިތައް ހުންނަ ފަރާތްތައް ވެސް މާސްކް އަޅައިގެން ކަސްރަތު ކުރާނަމަ އިތުރަށް ސަމާލުވުން މުހިންމެވެ.
ކަސްރަތު ކުރަން ބޭރަށް ނުކުންނަ ނަމަ
- މަގުމަތީގައި ގައި ދުރުކަން ބެހެއްޓުން
- މާސްކް އެޅުން
- ބޯ އަނބުރާ ނޭވާ ކުރުވުވެ އިނގިލިތައް އައްސިވާ ނަމަ މަޑު ޖައްސާލުން
- ބޭރުގައި އުޅޭ އިރު ތަންތަނުގައި އަތް ނުލުން އަދި ހާއްސަކޮށް މޫނުގައި އަތް ނުލުން
- ކުޑަ ސެނިޓައިޒާ ފުޅިއެއް ގެންގުޅެވިދާނެ
- ގެއަށް އައިސް މާސްކް އެއްލާލުން / ދޮވުން
- ރޯގާގެ އެއްވެސް އަލާމާތެއް ހުރިއްޔާ ނުނިކުތުން
ލޮކްޑައުންގެ ލުއި ތަކެއް ލިބުނު ނަމަވެސް ކޮވިޑް-19 އަހަރުމެންގެ ތެރޭގައި އަދިވެސް އެބަ އުޅެއެވެ. އަދިވެސް އެންމެ އެދެވިގެންވަނީ ގޭގައި ކަސްރަތު ކުރެވޭނަމަ ގޭގައި ކަސްރަތު ކުރުމެވެ. ނަމަވެސް ބޭރަށް ގޮސް ހިނގާލުން ނުވަތަ ދުވެލުމަކީ ސާފު ވައި ޖެހި ތިމާ ހިތްހަމަ ޖައްސައިދޭނޭ ކަމެކެވެ. އަދި ނަފްސާނީ ބަލިތައް ގިނަ ވެފައިވާ މި ދުވަސްވަރު ބޭރަށް ނުކުމެލައި ކަސްރަތު ކޮށްކުމުގެ ގޮތުން ހިނގާލާ ދުވެލުމަކީ ރަނގަޅު ކަމަކަށް ވާނެއެވެ. އެކަމަކު ފަރުދީ ޒިންމާ ނުނަގައިފި ލަތު އިތުރަށް ގޯސް ވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.