ފިރިހެނުންނަކީ އާންމުކޮށް އެމީހުންގެ އިހްސާސްތައް އެހެން މީހުނާ ހިއްސާ ކުރަން ޖެހިލުންވާ ބަޔެކޭ ބުނުން ދޮގަކަށް ނުވާނެ އެވެ. ގިނަ ފަހަރު ހިތުގައި އުފެދޭ އުދާސްތަކާއި ނުތަނަވަސްކަމާ ކުރިމަތުލުމުގެ ބަދަލުގައި އެއީ މާ ބޮޑު ކަމެއް ކަމަށް ނުބަލައި އެކަންކަމަށް ދޭންވާ ސަމާކުކަން ނުދީ ދޫކޮށްލެވެއެވެ. ނަމަވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ކޮންމެ މީހަކުވެސް ހިތް ނޭދޭ އެތައް ކަމަކާ ހަޔާތުގައި ކުރިމަތިލާން ޖެހޭ ކަމެވެ. އަދި އޭގެ ސަބަބުން މާޔޫސް ވުމާއި ހާސްވުން ފަދަ ހިތް ނުތަނަވަސް ކުރުވާ އެތައް އިހްސާސްތަކެއް ކުރުވާ ކަމެވެ. މިއީ އަންހެނަކަސް ފިރިހެނަކަސް، އެމީހެއްގެ ހަޔާތުގެ ކޮންމެ ދުވަހަކުހެން ކޮންމެވެސް މިންވަރަކަށް ކުރެވޭ އިހްސާސް ތަކެކެވެ.
މިފަދަ އިހްސާސްތައް ތަކުރާރުކޮށް ކުރެވޭއިރު އެކަމަށް ދޭން ޖެހޭ ސަމާލުކަން ނުދެވިއްޖެނަމަ، ދިރިއުޅުމުގެ ހުރިހާ ދިމާލަކުން އެކަމުގެ ނޭދެވޭ އަސަރު ފެންނަން ފެށުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. އަދި ބައެއް ހާލަތްތަކުގައި ވަކި ހާއްސަ ސަބަބެއް ނެތި މީހާ އިންތިހާއަށް މާޔޫސްވާކަން ވެސް ފާހަގަ ކުރެވިދާނެ އެވެ. މިއީ ޑިޕްރެޝަން ނުވަތަ ހިތާމަ ކުރުމުގެ ބަލީގެ އަލާމާތަކަށް ވެދާނެ އެވެ.
ޑިޕްރެޝަން އާއި ފިރިހެނުން
ދިރާސާތައް ދައްކާ ގޮތުގައި ފިރިހެނުންނަށް ވުރެން އަންހެނުންނަށް ނަފްސާނީ ބައްޔެއް ކަމަށްވާ ޑިޕްރެޝަން މެދުވެރިވުން އިތުރެވެ. ނަމަވެސް އަންހެނުންނަން ވުރެން ހަތަރު ގުނަ އިތުރު އަދަދަކަށް އަމިއްލައަށް މަރުވާ ފިރިހެނުން ގިނަ ކަމަށްސް ދިރާސާތަކުން ދައްކަ އެވެ. ޑިޕްރެޝަނަކީ އަމިއްލައަށް މަރުވާން މެދުވެރި ކުރުވާ އެންމެ ބޮޑު އެއް ސަބަބުކަމުގައި ދިރާސާތައް ނިންމާފައިވާ އިރު، މިއިން އަންގައި ދެނީ ޑިޕްރެޝަންގެ އަނދިރި ކަމުގެ ތެރެއަށް ފިިރިހެނުން ވެސް ގެނބިގެން ދިޔުމަކީ ދުރުގައިވާ ކަމެއް ނޫންކަމެވެ. އެހެން ކަމުން މާއާއި ތިމާގެ ލޯބިވާ މީހުންނަށް އޭގެ ގެއްލުން ފޯރުމުގެ ކުރިން، ބަލި އިންތިހާއަށް ގޯސްވުމުގެ ކުރިން ބަލި ދެނެގަނެ އެއިން ސަލާމަތްވުމަށް މަސައްކަތްކުރުން ވަރަށް މުހިންމެވެ.
ޑިޕްރެޝަންގެ އަލާމާތްތައް
ޑިޕްރެޝަން އާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ކުރި އެއް ދިރާސާ ކަމަށްވާ "ސިކުއެންސްޑް ޓްރީޓްމަންޓް އޯލްޓަނޭޓިވް ޓު ރިލީވް ޑިޕްރެޝަން ސްޓަޑީ" އިން ހާމަވި ގޮތުގައި އަންހެނުންނާއި ފިރިހެނުންގެ ފަރާތުން ފެނުނު ޑިޕްރެޝަންގެ އަލާމާތްތަކުގައި ތަފާތުތަކެއް ފާހަގަ ކުރެވުނެވެ.
މާޔޫސް ވުމާއި ގޮތް ހުސްވުން ފަދަ އިހްސާސްތައް ދެބައި މީހުންނަށް ވެސް އިހްސާސް ކުރެވުނު އިރު ޑިޕްރެޝަނާއެކު ފިރިހެނުންގެ ބަރުދަން ދަށްވުމުގެ ފުރުސަތު ބޮޑު އިރު އަންހެނުންގެ ބަރުދަން ޑިޕްރެޝަނާއެކު އިތުރުވުން ގާތް ކަމުގައި ހާމަވި އެވެ. އަދި އަންހުނުންނަށް ޑިޕްރެޝަންގެ އަލާމާތްތަކާއެކު އެންޒައިޓީ ނުވަތަ ކަންކަމާމެދު މާ ބޮޑަށް ހާސްވެ ކަންބޮޑުވުމުގެ ފުރުސަތު ބޮޑު އިރު ފިރިހެނުންނަށް ޑިޕްރެޝަނާއެކު ރުޅިގަދަ ވުން ފަދަ އިހްސާސްތައް ކުރެވުމުގެ ފުރުސަތުތައް އިތުރު ކަމަށް ވެސް ފާހަގަ ވިއެވެ. ދިރާސާތަކުގައި މިހެން ހާމަ ވިޔަސް މި ބަލި މެދުވެރިވާ ކޮންމެ މީހަކަށްވެސް އެމީހަކަށް ކުރެވޭ ތަޖުރިބާ ބަލި ހުންނަ އެހެން މީހަކަށް ކުރެވޭ ޖަތުރިބާ އާ ތަފާތުވެދާނެ އެވެ.
ޑިޕްރެޝަންގައި އާންމު ބައެއް އިހްސާސްތައް
- މާޔޫސްވުން (ހޭލާ އިރުވެސް މާޔޫސްވެފައި ހުރުން ނުވަތަ ދުވަހުގެ ވަކި ވަގުތެއްގައި ބޮޑަށް އެކަން އިހްސާސްވުން)
- އާންމުކޮށް ކޮށް އުޅޭ ކަންކަން ކުރާ ހިތް ނުވުން
- މީހުންނާ ބައްދަލުވެ ވާހަކަ ދައްކާ ހިތް ނުވުން
- އެކަނިވެރިވާން ބޭނުންވުން
- ކަންކަމަށް ދޭން ޖެހޭ ސަމާލުކަން ދިނުމަށް އުނދަގޫވުން
- ގޮތް ހުސްވުން
- މަރުވާން ހިތަށް އެރުން
ޑިޕްރެޝަންގައި މީހެއްގެ ހަށިގަނޑަށް އަތުވެދާނެ ބަދަލު
- ކާހިތް ނުވުން އަދި ބަރުދަން ލުއިވުން
- ބެލުމެއްނެތި ގިނައިން ކެއުން އަދި ބަރުދަން އިތުރުވުން
- ނިދި ނައުން ނުވަތަ ނިދިން އަބަދު ހޭލެވުން / ހަމަ ނިދި ނުލިބުން
- އާދަޔާ ހިލާފަށް ގިނައިން ނިދުން
ޑިޕްރެޝަން މީހެއްގެ ފަރާތުން ފާހަގަ ކުރެވިދާނެ ކަންކަން
- މީހުންނާ ދުރުވެ މާ މަޑުން އިނުން
- މަސައްކަތްތަކުގައި ކުށް ގިނަވުން/ މަސައްކަތްތައް ރަނގަޅަށް ނުކުރުން
- ކަންކަމާ މެދު މާ ބޮޑަށް ފިކުރު ކުރާކަން ފާހަގަވުން
- ރުންކުރުވެ ފަސޭހައިން ރުޅި އައުން
- ރީތިކޮށް ހުރުމަށް ސަމާލުކަން ނުދިނުން
- އުޅޭ ތަން ތަރުތީބުކޮށް ތާހިރު ނުކުރުން
ފާހަގަކޮށް ލެވުނު ފަދައިން ޑިޕްރެޝަނަކީ ވަކި ޖިންސަކަށް ބެލުމެއް ނެތި ކޮންމެ މީހަކަށްވެސް މެދުވެރިވެދާނެ ނަފްސާނީ ބައްޔެކެވެ. މި ބަލީގެ ސަަބަބުން ތިމާގެ ހަޔާތައް ކޮށްފާނެ ގިނަ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު އަދި ފުރަތަމަ ކަމަކީ ބަލި ދެނެގަތުމެވެ.