ބޮލީވުޑް

ވަރުން އަށް އިތުރު ކޮމެޑީ ފިލްމެއް

ވަރުން ދަވަންގެ އެންމެ ފަހުން ރިލީޒްވި ފިލްމު "ސްޓްރީޓް ޑާންސާ 3ޑީ"އަށް ހީކުރިވަރުގެ ކާމިޔާބެއް ނުލިބުނެވެ. ބޮޑު ބަޖެޓަކުން އުފެއްދި މި ފިލްމަށް 100 ކްރޯޑުގެ ވިޔަފާރި ނުވެ މިހާރު ވަނީ ސިނަމާތަކުން ނަގާފަ އެވެ. މިއީ ފްރެންޗައިސް އެއް ނަމަވެސް މި ފްރެންޗައިސްގެ ކުރީގެ ފިލްމުތަކަށް ލިބުނު ވަރުގެ ކާމިޔާބެއް މި ފިލްމަށް ލިބޭ ގޮތެއް ނުވި އެވެ.

އޭނާގެ ފިލްމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ރަނގަޅު ވިޔަފާރިއެއް ކުރެވިފައިވަނީ "ޖުޅްވާ 2" އަށެވެ. އެހެންކަމުން "ސްޓްރީޓް ޑާންސާ 3ޑީ" ރަނގަޅަށް ނުހިނގުމުން ލިބުނު ޝޮކްގައި ވަރުން މިހާރު ބޭނުންވަނީ އަނެއްކާވެސް ކޮމެޑީ ފިލްމެއް ކުޅޭށެވެ. ވަރުން މިހާރު ގަބޫލުކުރަނީ ފޭނުންނަށް އެންމެ ކަމުދަނީ އޭނާ ކުޅޭ ކޮމެޑީ ރޯލުތަކެވެ. އެހެންވެ މަޝްހޫރު ކޮމޭޑިއަން އެއްގެ ވާހަކަ ކިޔައިދޭ އިތުރު ފިލްމެއް ކުޅެން މިހާރު އޭނާ ވަނީ ނިންމާފަ އެވެ.

ވަރުން އަކީ ސޮނީ ޓީވީން ދައްކާ ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" އާއްމުކޮށް ބަލާ އެކްޓަރެކެވެ. އަދި މިފަހަރު އޭނާ ކުޅޭ ފިލްމަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ގިނަ ސްޓޭންޑް-އަޕް އެކްޓްސް މިހާރު އޭނާ ގެންދަނީ ބަލަމުންނެވެ. ވަރުން މިފަހަރު ކުޅޭ ކޮމެޑީ ފިލްމަކީ އަޔުޝްމާން ކުރާނާގެ "ޑްރީމް ގާލް" އުފެއްދި ރާޖް ޝަންދިލްޔާގެ ފިލްމެކެވެ. މިހާރު މި ފިލްމުގެ ދެ ވަނަ ނެރޭޝަން ވެސް އަޑުއެހުމަށްފަހު ފިލްމު ކުޅޭނެކަމުގެ ޔަގީންކަން ވަރުން ވަނީ ދީފަ އެވެ.

ދެން އެންމެ އަވަހަށް ރިލީޒްކުރާ ވަރުންގެ ފިލްމަކީވެސް ކޮމެޑީ ފިލްމެކެވެ. އެއީ އޭނާގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކުރާ "ކޫލީ ނަންބަރު 1" އެވެ. އޭނާ މިހާރު ކުޅެމުންދާ ޑައިރެކްޓަރު ޝްރީރާމް ރަގްވަންގެ ފިލްމަކީ ވަރަށް ސީރިއަސް ފިލްމެކެވެ. އެއީ ގައުމަށްޓަކައި ފުރާނަދޫކޮށްލި ހިތްވަރުގަދަ ފަހުލަވާނެއް ކަމަށްވާ އަރުން ކެޓަރްޕާލްގެ ހަޔާތުގެ މައްޗަށް ކުޅޭ "މިސްޓަ ލެލޭ" އެވެ.

ވަރުން ގަބޫލުކުރާ ގޮތުގައި ސްކްރިޕްޓްތައް އަޑުއަހާ ރަނގަޅު ސްކްރިޕްޓް ވަކިކުރަން މިހާރު އޭނާއަށް ދަސްވެއްޖެ އެވެ. ފިލްމީ އާއިލާއަކަށް ނިސްބަތްވާ އެކްޓަރަކަށް ވާތީ ފިލްމު އިންޑަސްޓްރީގައި ކަންތައްތައް ވަމުންދާ ގޮތް އޭނާއަށް ވަރަށް ރަނގަޅަށް ވަނީ ދަސްވެފަ އެވެ. ހާއްސަކޮށް ފިލްމެއް ފްލޮޕްވުމުން ދެން ކަންތައް ވާ ގޮތެވެ. އެ ފިލްމު ނާކާމިޔަބުވީ ސަބަބު ދެނެގަނެ އެކަމާ ދޭތެރޭ އެކަށީގެންވާ ރަނގަޅު ފިޔަވަޅު އަޅަން އެނގިއްޖެނަމަ ނާކާމިޔާބީން އަރައިގަންނަން ފަސާހެވެ އެކަން ހަނދާން ނައްތާލުމުގައި މައްސަލައެއް ދިމަލެއް ނުވާނެ އެވެ.

އެހެންވެ ވަރުން ވެސް ބޭނުންވަނީ "ކަލަންކް" އާއި "ސްޓްރީޓް ޑާންސާ 3ޑީ"ގެ ނާކާމިޔާބީން އިބްރަތް ހާސިލުކޮށްގެން ކުރިޔަށް ދިއުމަށެވެ. މިފަހަރު އަލަށް ސޮއިކުރި ކޮމެޑީ ފިލްމަކީ ނާކާމިޔާބީން ލިބުނު ފިލާވަޅުން އޭނާ ނިންމި ނިންމުމެކެވެ.