ބޫޓާނުން ވަނީ އެ ގައުމުގެ ރަސްގެފާނު ޖިގްމޭ ކޭސަރް ނަމްގިލް ވަންޗުކްގެ އުފަން ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފަ އެވެ. އުފަން ދުވަސް ފާހަގަކުރުމަށް އެ ގައުމުގެ އެންމެ މަޝްހޫރު އެއް ސްޓޭޑިއަމްގައި އޮތް ހަފުލާއަށް ބޭރު ގައުމުތަކުގެ މަންދޫބުންނާއި ބޫޓަންގެ ކަމުވޮށިވެގެންވާ ހުރިހާ ބޭފުޅުން ވަޑައިގަތެވެ. ނަމަވެސް ރަސްގެފާނުގެ އުފަން ދުވަހާ ގުޅުވައިގެން އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ލިބުނީ އެ ގައުމުގެ ބޮޑުވަޒީރު ޑރ. ލޮޓޭ ޝަރިންގް ކުރެއްވި ޓުވީޓަކަށެވެ.
އެ ޓުވީޓްގައި ވިދާޅުވެފައިވަނީ ރަސްގެފާނުގެ އުފަން ދުވަސް ފާޙަގަކުރުމަށް ހުރިހާ އާއިލާއަކުން ވެސް ވަކި ކަމެއް ކޮށްދިނުމަށެވެ. އެއީ މަގުމަތީގައި އުޅޭ ކުއްތާތަކުގެ ތެރެއިން މަދުވެގެން އެއް ކުއްތާ ކޮންމެ އާއިލާއަކުން ވެސް އެޑޮޕްޓްކޮށްދިނުމެވެ. އަދި ކޮންމެ މީހަކު ވެސް ގަހެއް އިންދައިދިނުމެވެ.
ބޫޓަންގެ މަގުތަކުގައި ކުއްތާ ގިނަކަމުން އިންސާނުންގެ ދިރިއުޅުމަށް އުނދަގޫވެފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުގައިވާ މި ރިޕޯޓުގައި ބުނެފައި ވެއެވެ. ބޮޑުވަޒީރުގެ ޓުވީޓްގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ރަސްގެފާނުގެ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެމަނިކުފާނުވެސް ވަނީ ތިން ކުއްތާ އެޑޮޕްޓްކޮށްފަ އެވެ.
މި ޓުވީޓް ސޯޝަލް މީޑިއާގައި ވައިރަލް ވުމުން ވަރަށް ގިނަ ބަޔެއްގެ ތަރުހީބާއި ތައުރީފު ރަސްގެފާނަށާއި ބޮޑުވަޒީރަށް ލިބިވަޑައިގަތެވެ. ގިނަ ބަޔަކު ބުނެފައިވަނީ މިއީ ވަރަށް ރަނގަޅަށް ނިންމެވުމެއް ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ބައެއް މީހުން ބުނެފައިވަނީ އެމީހުންގެ ދިރިއުޅުން ބޫޓާނަށް ބަދަލުކުރަން ބޭނުން ކަމަށެވެ.
ފޭސްބުކްގައި ޝެއާކޮށްފައިވާ ޕޯސްޓަކަށް ކޮމެންޓްކުރަމުން މީހަކު ބުނެފައިވަނީ މިއީ ވަރަށް ރަނގަޅު އިސްނެގުމެއް ކަމަށައި ބޫޓާން އަކީ އަވަށްޓެރި ގައުމުތަކުގެ ތެރެއިން ނަމޫނާ ގައުމެއް ކަމަށެވެ.