ހަބަރު

މުވައްޒަފަކާމެދު އަސްލެއްނެތް ވާހަކަ ދައްކާނަމަ ފިޔަވަޅު އަޅާނަން: އައިޖީއެމްއެޗް

ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާމެދު އަސްލެއްނެތް ވާހަކަ ދައްކާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗް އިން މިހެން ބުނެފައިވަނީ އެ ހޮސްޕިޓަލުގެ ޑޮކްޓަރެއްގެ ފޮޓޯ އާންމުކުރުމަށްފަހު، އެ ޑޮކްޓަރަކީ ގޫގުލް ސާޗް ކޮށްގެން ބަލި މީހުންނަށް ބޭސް ދޭ ޑޮކްޓަރެއް ކަމަށްބުނެ އޭނާގެ ގާބިލް ކަމާމެދު ސުވާލު އުފައްދައި މީހަކު ކުރި ޓުވީޓަކަށް ރައްދުދީ ނެރުނު ބަޔާނެއްގަ އެވެ.

ބަޔާނުގައި ބުނެފައިވަނީ ބޭހެއް ދިނުމުގެ ކުރިން އެ ބޭހެއްގެ ޑޯޒް ކަލްކިއުލޭޝަން ކަށަވަރު ކުރުމަށް ސިއްހީ ހިދުމަތްތެރިން ރިއާޔަތްކުރާ ޑޭޓާ ބޭސްތަކާއި ސޮފްޓްވެއާތައް ހުންނައިރު މިފަދަ ވަސީލަތެއްގެ ބޭނުން މުވައްޒަފަކު ހިފުމަކީ އެ މުވައްޒަފެއްގެ ގާބިލް ކަމާމެދު ސުވާލު އުފައްދަންޖެހޭ ކަމެއް ނޫން ކަމަށެެވެ. އަދި މިއީ ބަލިމީހާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާ ކަމުގެ އެއް ހެކި ކަމަށާއި އެ ހޮސްޕިޓަލުން އަބަދުވެސް ތަރުހީބު ދޭނެ ކަމެއް ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ ސިއްހީ ހިދުމަތްތެރިންނަކީ އަހަރަކު ކޮންމެ ދުވަހަކުވެސް 24 ގަޑިއިރު އިންސާނީ ގައުމީ ހިދުމަތުގައި ތިބޭ ބައެއް ކަމަށާއި އެއްވެސް ކަހަލަ އަސާސެއްނެތި މި ފަރާތްތަކުގެ ގާބިލިއްޔަތާމެދު ރައްޔިތުންގެ މެދުގައި ސުވާލު އުފައްދާ އިތުބާރު ގެއްލުވާލައި އެފަދަ ފަރާތްތަކަށް ފުރައްސާރައާއި މަލާމާތްކުރުމަށް މަސައްކަތް ކުރުމަކީ އެއްގޮތަކަށްވެސް އެ ހޮސްޕިޓަލުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި މިގޮތަށް އަމަލު ކުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ލިބިދީފައިވާ އިހްތިޔާރުގެ ދަށުން ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށްވެސް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

"..... ހުއްދަ ނެތި މުވައްޒަފުންގެއާއި އަދި އެނޫންވެސް މީހެއްގެ ފޮޓޯ އާންމު ނުކުރެވޭއިރު ހޮސްޕިޓަލްގެ ކޮންސަލްޓަންސީ ރޫމްފަދަ ތަންތަނުގައި ފޮޓޯ ނެގުންފަދަ ކަންކަން ކުރުމަކީވެސް ދުނިޔޭގެ އެހެނިހެން ހޮސްޕިޓަލްތަކުގައިވެސް ޒަމާނުއްސުރެން މަނާކުރެވިފައިވާ ކަންކަމެވެ. އެހެން ކަމުން މުވައްޒަފުންގެ ފޮޓޯ އާންމުކޮށް އޭނާގެ ގާބިލްކަމާމެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭ ގޮތަށް ކަންކަން ކުރާނަމަ ގާނޫނީ ގޮތުން ލިބިދީފައިވާ އިހްތިޔާރުގެ ދަށުން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަން އަންގަމެވެ." ބަޔާނުގައި ބުންޏެވެ.

އައިޖީއެމްއެޗްގެ އެއްވެސް މުވަޒަފަކާއި މެދު ޝަކުވާއެއް އޮތްނަމަ ނުވަތަ މުވައްޒަފަކު އަމަލުކުރި ގޮތަކާއިމެދު ސުވާލު އުފެދޭނަމަ ހޮސްޕިޓަލް ނުވަތަ ކަމާބެހޭ އިދާރާއެއް މެދުވެރިކޮށް އެކަންކަން ބެލޭނެ ފުރިހަމަ އިންތިޒާމް ހަމަޖެހިފައި ހުންނާނެކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އަދި ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި، ނަރުހުންނާއި، އަދި އެހެނިހެން ސިއްހީ އެހީތެރިންނަކީ ބައިނަލްއަގްވާމީ މިންގަނޑުތައް ގަބޫލުކުރާ ތައުލީމާއި ތަމްރީންތައް ފުރިހަމަކޮށްފައިވާ ބައެއްކަމަށާއި އެމީހުންނަނީ ރާއްޖޭގެ ކަމާއިބެހޭ ކައުންސިލްތަކުންދޭ އިމްތިހާނުތަކާއި، އެހެނިހެން އިޖުރާއަތްތައް ފުރިހަމަކޮށް، މި ކައުންސިލްތަކުގައި ރެޖިސްޓްރީވެފައިވާ ގާބިލު ފަންނީ މުވައްޒަފުންކަންވެސް ބަޔާނުގައި ބުންޏެވެ.