ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮރޯނާ ވައިރަސް: އިރާނުގެ ސްކޫލްތައް ބަންދުކޮށްފި

Feb 23, 2020

ތެހެރާން (ފެބްރުއަރީ 23) - ޗައިނާ އިން އުފަންވެ، ބާރު ދުވެލީގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް ޖެހިގެން އިރާނުގައި މިހާތަނަށް ހަ މީހަކު މަރުވުމާ ގުޅިގެން، އެ ގައުމުގެ 12 ސަރަހައްދެއްގައި ހުރި ސްކޫލްތަކާއި ޔުނިވާސިޓީތަކުގެ އިތުރުން އިޖުތިމާއީ މަރުކަޒުތައް ބަންދުކޮށްފި އެވެ.

އިރާނުގައި "ކޯވިޑް-19"ގެ ނަން ދީފައިވާ އާ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިހާރު 28 އަށް އަރާފައިވާއިރު، ޗައިނާ ނޫން އެހެން ގައުމަކުން އެ ވައިރަސް ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވަނީ އިރާނުންނެވެ.

މަރުވި ހަ މީހުންނަކީވެސް އިރާނުގެ ރައްޔިތުންކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީން ފުރަތަމަ ފެނުނު އެ ވައިރަހުގެ ސަބަބުން، ޗައިނާ އިން އެކަނި މިހާތަނަށް 2،300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އެ ވައިރަސް އިރާނުގައި ފެތުރުނު ބާރު މިނުގެ ސަބަބުން ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އިރާނުގެ އަވަށްޓެރި ޔޫއޭއީގައި އިތުރު ދެ މީހަކު އެ ވައިރަހަށް ޕޮސިޓިވްވެފައިވާއިރު، ލެބަނާނުންވެސް އެ ވައިރަސް ވަނީ ފެނިފަ އެވެ. ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، އިރާގުން ވަނީ އިރާނާ ގުޅޭ ބޯޑަރު ބަންދުކޮށް އެ ގައުމުގެ ރައްޔިތުން އެތެރެވުން މަނާކޮށްފަ އެވެ.