ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ވައިރަސް ފެތުރުން ހުއްޓުވަން އިރާނުން 54،000 ގައިދީން މިނިވަންކޮށްފި

Mar 4, 2020

ތެހެރާން (މާޗް 4) - ޗައިނާ އިން އުފަންވެގެން މުޅި ދުނިޔެއަށް ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އިރާނުގެ ޖަލުތަކުގައި ތިބި 54،000 ގައިދީން ވަގުތީ ގޮތުން މިނިވަންކޮށްފި އެވެ.

އިރާނުގެ ޖުޑީޝަރީގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، "ކޮވިޑް-19"ގެ ނަން ދީފައިވާ އެ ވައިރަސް އެ ގައުމުގައި ވަރަށް ހަލުވިކޮށް ފެތުރެމުންދާ ކަމަށާއި އެ ބަލި މިހާރު ޖަލުތަކުންވެސް ފެންނަން ފަށާފައިވާ ކަމަށެވެ.

އެގޮތުން، ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން އެ ވައިރަހަށް ނެގެޓިވްވެފައިވާ މީހުން، ކަފާލާތުގެ ދަށުން ވަގުތީ ގޮތުން މިނިވަންކޮށްފައިވާ ކަމަށެވެ. ނަމަވެސް، ނުރައްކާތެރި ގައިދީން މި އުސޫލުގެ ދަށުން ދޫނުކުރާނެކަމަށްވެސް ޖުޑީޝަރީން ބުންޏެވެ.

މި އުސޫލުގެ ދަށުން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އިރާނު އަދި އިނގިރޭސިވިލާތަށް ނިސްބަތްވާ ޒަގްހަރީ ރެޓްކްލިފް ވެސް މިނިވަންކުރާނެކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ދަރުމަވެރިއެއްގެ ގޮތުން މަސައްކަތް ކުރާ ރެޓްކްލިފް އަށް ޖަލުން ކޮރޯނާ ވައިރަސް ޖެހިފައިވާކަމަށް އޭނާގެ ފިރިމީހާ ބުނަމުންދިޔަ ނަމަވެސް، އެކަން އިރާނުން ވަނީ ދޮގުކޮށްފަ އެވެ.

ރެޓްކްލިފްގެ މައްޗަށް ޖާސޫސު ކުރުމުގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ 2016 ވަނަ އަހަރެވެ.

ވައިރަސް ޖެހުނު މީހުންގެ އަދަދު 92،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު އޭގެ ތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

އިރާނުގައި ވެސް އެ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 2،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، މިހާތަނަށް 77 މީހުން މަރުވެފައިވާކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.