ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެމެރިކާގެ އެހީ އިރާނުން ގަބޫލެއް ނުކުރި

Mar 23, 2020

ތެހެރާން (މާޗް 23) - ކޮވިޑް-19 އަކީ އެމެރިކާ އިން އުފެއްދި އެއްޗެއް ކަމަށް ތުހުމަތުކޮށް، އެ ބައްޔާ ގުޅިގެން އެމެރިކާއިން ހުށަހެޅި އެހީ ގަބޫލުނުކުރާނެކަމަށް އިރާނުން ބުނެފި އެވެ.

އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލް ހާމަނާއި އެ ތުހުމަތު ކުރައްވާފައިވަނީ އިރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް، ބައިނަލްއަގުވާމީ މާކެޓުގައި އިރާނުގެ ތެޔޮ ވިއްކުން ތާށިކޮށްފައިވަނިކޮށެވެ.

އެ ފިޔަވަލުތަކާ ގުޅިގެން އިރާނުގެ ސަރުކާރުގެ އިސް އޮފިޝަލުން ފާޑުވިދާޅުވަމުން ދަނިކޮށް، ހާމަނާއި ވަނީ ކޮވިޑް-19 އާ ގުޅިގެން އެމެރިކާއަށް ޗައިނާއިން ކުރާ ތުހުމަތުތަކަށް ބާރު ލިބޭގޮތަށް ވާހަކަ ދައްކަވައިފަ އެވެ.

"އަޅުގަނޑުކަށް ނޭނގެ އެ ތުހުމަތުތަކުގައި ކިހާ ހަގީގަތެއްވާކަމެއް. އެކަމަކު އެ ތުހުމަތުތައް އެގޮތަށް ކުރަނިކޮށް ކިހިނެއްތޯ އަޅުގަނޑުމެނަށް ދޭ ބޭހެއް ގަބޫލުކުރާނީ؟" ހާމަނާއީ ސުވާލު ކުރެއްވި އެވެ.

ކޮވިޑް-19 "ޗައިނާ ވައިރަސް" އެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ގެންދަވަނީ ސިފަކުރައްވަމުންނެވެ.

ޓްރަމްޕް މި ގޮތަށް ވިދާޅުވެފައިވަނީ، ކޮވިޑް-19 އަކީ އެމެރިކާއިން އުފައްދާފައިވާ ވައިރަސްއެއް ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ދާދި ފަހުން ވިދާޅުވެފައިވަނިކޮށެވެ.

ކޮވިޑް-19 އެއްވެސް ގައުމަކަށް ނުވަތަ ނަސްލަކަށް ނިސްބަތް ނުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ކުރި އިލްތިމާސް އާ ހިލާފަށް ދުނިޔޭގެ އެންމެ ގަދަ ދެ ބާރުގެ ދެމެދުގައި ތުހުމަތުތައް ދަނީ ބަދަލު ކުރަމުންނެވެ.

ޗައިނާގެ ވޫހާން ސިޓީން އެންމެ ފުރަތަމަ ފެނުނު އެ ވައިރަސް މިހާރު ވަނީ މުޅި ދުނިޔެއަށް ފެތުރިފަ އެވެ.

ޓްރަމްޕްގެ އިތުރުން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯވެސް ވަނީ މީގެ ކުރިން ކޮވިޑް-19 "ވޫހާން ވައިރަސް"ގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން ނުރުހުން ފާޅު ކުރައްވައި، ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަނީ ހަގީގަތެއްނެތް ތުހުމަތުތައް ކުރުން ހުއްޓާލައި، ހެދުނު ގޯހަށް މައާފަށް އެދުމަށް އެމެރިކާއަށް ގޮވާލައިފަ އެވެ.

އަދި ޗައިނާ ސަރުކާރަށް ވާގިދޭ ޒިންހުއާ ނޫހުގައިވެސް ބުނެފައިވަނީ، ދުނިޔެއަށް ކުރިމަތިވެފައިވާ ބަލާއާފާތެއް އެހެން ގައުމުތަކުގެ ބޮލުގައި އަޅުވައިގެން، ބައެއް ސިޔާސީ ލީޑަރުންގެ ނާގާބިލުކަން ފޮރުވަން މަސައްކަތް ކުރުމަކީ ވައިރަހާ ގުޅިގެން މުޅި ދުނިޔޭގައި އޮތް ބިރުވެރިކަން އިތުރުވެގެންދާނެ ކަމަށެވެ.

އަނެއް ބަޔަކު ބުނަމުންދަނީ، އެ ވައިރަސް ޗައިނާއަށް ނިސްބަތް ކުރުމުން، އެމެރިކާގައި ދިރިއުޅޭ ޗައިނާ ދަރިކޮޅުގެ ރައްޔިތުންނާމެދު ނަފުރަތު އުފެދި، އެމީހުން އިތުރު ނުރައްކަލަކަށް ހުށަހެޅިގެން ހިނގައިދާނެ ކަމަށެވެ.