ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(20 ފެބްރުއަރީ 2020 އާ ގުޅޭ)

ބެލްކަނީގައި ހުރި ގޮނޑީގައި މޫނުގައި ދެއަތް އަޅާލައިގެން ދާރިއަން އިންތަން އެ ކޮޓަރިއަށް ވަން އައިކުއަށް ފެނުނެވެ. އޭނާ ވަގުތުން އެ ކޮޓަރިން ނުކުތެވެ.

"ހީ އިޒް ކްރައިން..." ޒުކަންގެ ކުރިމަތީ އައިކު ހުރީ ބިރުގެންފައި ހުރި މީހަކު ފަދައިންނެވެ.

އައިކު ބުނި އެއްޗެއް އިވިފައި ޒުކަންއާއި ތަހުމީނާއަށް އެކަކުއަނެކަކަށް ބަލާލެވުނެވެ. ތަހުމީނާ ނިކަން އަވަސްއަވަހަށް ޒުކަންއަށް ބޮލުން އިޝާރާތްކޮށްލިއެވެ. ހަލުވިކޮށް ދާރިއަންގެ ކޮޓަރިއާ ދިމާއަށް ޒުކަން އައެވެ. އޭނާގެ ފަހަތުން އައިކު ވެސް އައެވެ. ތަހުމީނާ ކަންބޮޑުވެފައި ހުރެ ސޯފާގައި މަޑުމަޑުން އިށީނީއެވެ.

"ފަހުން ދެރަވާރުކަމެއް ނުވަނީސް... ޔާ ﷲ، އިބާއަށް ހެޔޮވިސްނުން ދެއްވާށި..." ތަހުމިނާއަށް ހިތާހިތުން ދުޢާކުރެވުނެވެ.

ބެލްކަނީގައި ހުރި ގޮނޑީގައި ދާރިއަން އިންތަން ޒުކަންއަށް ފެނުނެވެ. އޭނާގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. ފަހަތުގައި އައިކު ހުރިކަން އެނގޭތީ އޭނާ ބަލާލިއެވެ. ބޮލުން އިޝާރާތްކޮށްލީ އެތަނުން އައިކު އިހަށް ދާށޭ ބުނާ ފަދައިންނެވެ. ބައްޕަކޮށްލި އިޝާރާތް ދެނެގަނެ އައިކު އެ ކޮޓަރިން ނުކުންނަން ދިޔައެވެ.

"ދާރިއަން..." ދަރިފުޅުގެ ގާތުގައި ހުއްޓިލަމުން ޒުކަން ގޮވާލިއެވެ.

ދެކަކުލުގައި އުޅަންބޮށިކޮޅު ވިއްދާލައިގެން މޫނުގައި ދެއަތްއަޅައިގެން އިން ދާރިއަން އަނގަޔަކުން ނުބުންޏެވެ. ޒުކަން އިހުނަށްވުރެ ގާތްވެލައި ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. ވަކިންބޮޑަށް ދާރިއަން އިސްއޮބާލިއެވެ. އޭނާ ނޭފަތް ދާމާލާ ގޮތުން ރޮނީކަން ޒުކަންއަށް ޔަގީންވިއެވެ.

"ދަރިފުޅު ރޮނިކޮށް އެންމެ ފަހުން ބައްޕަ ދުށީ އުމުރުން ހަތް އަހަރުގައި... ތީ ވަރަށް ކެތްތެރި ކުއްޖެއް، އެކަމަކު މިއަދު ތި ރޮނީ ހިތަށް ކުޅަދާނަނުވީމާކަން ބައްޕައަށް އެނގޭ، މަންމަ ދެކޮޅު ހެދިޔަސް ދަރިފުޅު ބޭނުންވާނަމަ ކައިވެންޏާގެން ކުރިއަށް ދާންވީ، ދެން ނުރޮއެ ހުއްޓާލާ... ދަރިފުޅަށް ހޭޒަލް ވަރަށް ކަމުގޮސްފިކަން އެނގޭ، ބައްޕަ ހަދަންވީ ގޮތެއް ބުނެބަލަ، ހޭޒަލްގެ ޢާއިލާ ގާތަށް ބައްޕައާއި މާމަ ހިނގައިދާނަން، ކައިވެނި ކުރާނޭ ދުވަހެއް ދަރިފުޅު ބުނޭ... ބައްޕަ ހުރިހާކަމެއްގައި ދާރިއަންއާ އެހީވާނަން" ޒުކަން މަސައްކަތްކުރީ ދާރިއަން ރުއްސޭތޯއެވެ.

"މިހާތަނަށް މަންމަ އެދުނު އެންމެ ކަމެއް އަޅުގަނޑަށް ނުވީ... އެއީ ސާރާއާ ކައިވެނިކުރުން، އަޅުގަނޑަށް ހޭޒަލް ލިބޭނޭކަމަށް ދުވަހަކުވެސް ހިޔެއްނުކުރަން، އޭނާއަށް ހާދަ އިންތިޒާރެއްކުރީމޭ... އޭނާ އަޅުގަނޑާ ކައިވެނިކުރަން އެއްބަސްވީ ނޫނެކޭ ބުނަން ނުކެރިގެން، ނޫނީ އެކަމުގައި އަޅުގަނޑަށް ވެސް ނޭނގޭ ސަބަބެއް އޮތީ... އެހެންވިޔަސް އޭނާއަށް އަޅުގަނޑު އިތުބާރުކުރަން، އެކަމަކު މަންމަ އެ ދެއްކި ވާހަކަތަކުން ހޭޒަލްގެ ނިންމުން ބަދަލުނުކުރާނެކަމެއް ނޭނގެ... އޭނާ ވެސް ދުށީ މަންމަ ދެއްކީ ރަނގަޅުވާހަކަތަކެއް ކަމަށް، އެނގޭ ކީއްވެކަން... ބައްޕާ!... މަންމަ ބޭނުންވި ގޮތަށް އަޅުގަނޑު މިއުޅެނީ، މަންމަ ބޭނުންވީ އަޅުގަނޑު ކިޔަވާ މޮޅުކުއްޖަކަށް ހަދަން، މަންމައަށް ޓަކައި ކިޔެވުމުގައި ހުރިހާ ވަގުތެއް ހޭދަކުރީން، އެންމެ މަތީ ދަރަޖައިގައި ފާސްވީން، މަންމަ ބޭނުންވީ ބައްޕަގެ މަސައްކަތުގެ ދާއިރާއިން އަޅުގަނޑު މަތީ ތަޢުލީމު ހާސިލުކުރަން، އެ ދާއިރާއިން ކިޔެވެން ހުރި އެންމެ މައްޗަށް މިހުރީ ކިޔަވައިގެން... ބައްޕަ ނެތް ދުވަހަކުން ވެސް ބައްޕަ ކޮޅަށްޖަހާފައިވާ ކުންފުންޏަށް ވާނޭ ގޮތެއް ނޭނގޭތީ، އެކަމުގެ ތެރެއަށް ވަދެ އެ މަސައްކަތުގައި ބައްޕައާ އެންމެ ގާތުން އަޅުގަނޑު މަސައްކަތްކުރާތަން ދުށުމަށް މަންމަ ބޭނުންވި... މަންމަގެ އެ އުންމީދު ވެސް އަޅުގަނޑު ފުރިހަމަކޮށްދެމުން މިދަނީ... ދެން ކީއްވެތަ ބައްޕާ... އަޅުގަނޑު ލޯބިވާ މީހުންދެކެ ހޭޒަލް ވެސް ލޯބިވާނެކަން ޔަގީން، މަންމަ އޭނާއަށް ހަމަ އެންމެ ފުރުޞަތެއް ވެސް ނުދީން... އަޅުގަނޑުގެ ހޮވުމެއް ހޭޒަލްއަކީ... ދެން ކީއްވެ މަންމައަށް އެކަން ބަލައިނުގަނެވެންވީ، ހޭޒަލްއަކީ މަންމަ ހީކުރާ ކަހަލަ އަންހެންކުއްޖެއްނޫން، އޭނާ އައީ ތަނަވަސް ރަނގަޅު ޢާއިލާއަކުން، ހޭޒަލްއާ އިންނާނޭ ބައިވަރު މީހުންވާނެކަން ޔަގީން، އެކަމަކު އަޅުގަނޑު ބޭނުމީ އޭނާ އަޅުގަނޑުގެ އަނތްބަކަށްވާން... މަންމައަކީ ވެސް އަޅުގަނޑަށް މުހިންމު މީހެއް، އަޅުގަނޑު ޚިޔާރުކުރާ އަނބީމީހާއާދެކެ މަންމަ ވެސް ލޯބިވާނެނަމަ" ދާރިއަންގެ ކުރެހިފައިވާ އަޑު އިވި ޒުކަންގެ ހިތް ފަޅައިގެން ދިޔަ ކަހަލައެވެ. ދަރިފުޅުގެ ވާހަކައަށް ބުނާނޭ އެއްޗެއް ޒުކަންގެ ސިކުނޑިއަކަށް ނޭރިއެވެ. ހިމޭންވެފައި ހުރެވުނީއެވެ. ދާރިއަންގެ ބޮލުގައި ފިރުމާލެވުނެވެ.

އިރުގަނޑަކު މޫނުގައި ދެއަތް އަޅައިގެން އެ އިން ގޮތަށް ދާރިއަން އިނުމަށްފަހު ދެއަތުން މޫނު ފުހެން ފެށިއެވެ. އަދި އޭނާ ތެދުވިއެވެ. އިސްޖަހައިގެން ހުރެ އޭނާ އައިސް ވަނީ ފާޚާނާއަށެވެ. ބެލްކަނީގައި ހުރެފައި ޒުކަން އެތެރެއަށް ވަނެވެ. ދާރިއަންގެ އެނދުގައި އޭނާ އައިސް އިށީނެވެ. ނަމަވެސް ދާރިއަން ނުކުތުމުގެ ކުރީން އެކޮޓަރިން ޒުކަން ހިނގައްޖެއެވެ.

ސިޓިންރޫމުގައި އިން ތަހުމީނާއަށް ދާރިއަންގެ ކޮޓަރިން ނުކުމެ އަމިއްލަ ކޮޓަރިއާ ދިމާއަށް ޒުކަން ދާތީ ފެނުނެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ދާރިއަން ކޮޓަރިން ނުކުމެގެން އަންނާތީ ފެނުނެވެ. މިވަނީ ކިހިނެއްކަމެއް ނޭގި ސުވާލު އުފެދިފައި ތަހުމީނާ އިނެވެ. ދާރިއަން އައި ގޮތުން އޭނާ ގެއިން ބޭރަށް ދަނީކަން އެނގި ތަހުމީނާއަށް ސޯފާއިން ތެދުވެވުނެވެ. އޭނާ ތެދުވިތަން ފެނި އެތަނުގައި އިން އައިކުގެ ނަޒަރު އަތުގައި އޮތް ފޯނާ ވަކިވެއްޖެއެވެ.

"ދާރިއަން... ކޮންތާކަށް؟..." ތަހުމީނާއަށް އަހާލެވުނީ ކަންބޮޑުވުމާއެކުއެވެ.

"ބޭރަށް..." ދާރިއަންއަށް މާމައާ ނަޒަރު ސީދާކޮށްލާކަށް ނުކެރުނެވެ.

"މިރޭގަނޑު... ބޭރަށް ކޮންތާކަށް" ތަހުމީނާ އޮޅުންފިލުވަން ބޭނުންވިއެވެ. އޭނާއަށް ދާރިއަންގެ މޫނަށް ވެރިވެފައި ހުރި ރަތްކަން ފެނުނެވެ. އިސްއޮބާލައިގެން ހުރީތީ އެ ދެ ލޯ ފެންނަގޮތެއްނުވިއެވެ. ނަމަވެސް ދާރިއަންގެ އަޑު ބަދަލުވެފައިވާކަން ތަހުމީނާއަށް ފާހަގިއެވެ. އެމީހުންނަށް ބަލަން އައިކު ހުއްޓެވެ.

"މިސްކިތައް..." ބުނަން ބޭނުންނުވެފައި ހުރި ކަހަލަ ގޮތަކަށް ދާރިއަން ބުންޏެވެ. މާމަ އެއްޗެކޭ ނުބުނުމުން އޭނާ ނިކަން އަވަހަށް ހިނގައްޖެއެވެ.

"ބައްޕައަށް ގޮވަންތަ؟" އައިކު އަހާލިއެވެ.

ތަހުމީނާ ދެ ފަރާތަށް ބޯހޫރާލިއެވެ. އޭނާ ވެސް ހިނގައިގަތީ އެނބުރި ކޮޓަރިއަށް ދާށެވެ. އެތަނުގައި ދެން ހަދަންވީ ގޮތެއް ނޭނގިފައި އައިކު ހުއްޓެވެ. އޭނާ ކަމެއް ހިތަށް އަރައިގެން ކަހަލަ ގޮތަކަށް ކުއްލިއަކަށް މައިދޮރުން ނުކުންނަން އައެވެ. ހަލުވިކޮށް އައިސް މަގުމައްޗަށް ނުކުމެ ދެކޮޅު ހޯދާލިއެވެ. ދާރިއަން ފެނޭތޯ ކަމަށް ވެދާނެއެވެ.

* * * * *

ކޮޓަރިއަށް ވަން ގޮތަށް ހޭޒަލް ނުނިކުމެވެ. ރިޒްވާނު އެ ކޮޓަރިއަށް އައީ ނިދަން ދިއުމުގެ ކުރީން ދަރިފުޅު ދުށުމަށެވެ. ދާރިއަންގެ ޢާއިލާއާ ބައްދަލުވެ ކަންތައް ހިނގާ ދިޔަ ގޮތުގެ އެއްވެސް ޚަބަރެއް ރިޒްވާނާއި ސާއިރާއަށް ލިބިފައެއްނެތެވެ. އެކަމާ އެމީހުންގެ ދަރިފުޅާ ސުވާލެއް ވެސް ނުކުރެއެވެ.

ފިކުރަކަށް ގެއްލިފައި ހޭޒަލް އިން ގޮތުން ހީވަނީ އޮށޯންނަން ވެސް ބޭނުންނުވެފައި އިންނެވެ. ރިޒްވާނު އައިސް ހޭޒަލްގެ ގާތުގައި އެނދުގައި އިށީނެވެ. އޭނާގެ ކޮނޑުން ހޭޒަލްގެ ކޮނޑުގައި ޖެހިލިއެވެ. ހޭޒަލްގެ ސަމާލުކަން ލިބުމަށް އެދިއެވެ. ލުއި ހިނިތުންވުމަކާއެކު ހޭޒަލް ބަލާލިއެވެ.

"ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަށް" ރިޒްވާނު ވެސް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"ދާރިއަން ދެރަވާ ކަހަލަ އެއްޗެއް އަޅުގަނޑަށް ބުނެވިއްޖެ" އިރުކޮޅަކަށް މަޑުޖެހިލާފައި ހޭޒަލް ބުންޏެވެ. ބައްޕަގެ ޚިޔާލަކަށް ބޭނުންވެފައި އިން ކަހަލައެވެ.

"ޒެލް ގަސްދުގައި ނުބުނާނޭކަން އެނގޭ... ކަންތައްވީގޮތް ކިޔާދީބަލަ" ރިޒްވާނު ބުންޏެވެ.

ދާރިއަންގެ މަންމަ ކަންތައްކުރި ގޮތް ހޭޒަލް ބުނެދިނެވެ. އަދި އަމާޒުކުރި ބަސްތަކުގެ ސަބަބުން ހޭޒަލްއަށް ދޫރައްކާތެރިނުކުރެވުނު ގޮތް ވެސް ކިޔާދިނެވެ. ކައިވެނީގެ ކަންކަން ހުއްޓާލިޔަސް ހޭޒަލްއަށް އެންމެ ރަނގަޅުކަމުގައި ބުނެވުނުއިރު އެ އަޑު އަހަން ދާރިއަން ހުރިކަމާއި އެކަމުގެ ސަބަބުން އޭނާގެ ހިތުގައި ޖެހިއްޖެހެން ހޭޒަލްއަށް ހީވަނީއެވެ.

"ދާރިއަންއާ އޭނާގެ މަންމައާ ދެމެދު އޮތް ޚިޔާލު ތަފާތުން އޭނާ އަމިއްލައަށް ހައްލުކުރަން ދޫކޮށްލުން ރަނގަޅުވާނީ، ކޮންމެ ގޮތެއްވިޔަސް އޭނާގެ މައްޗަށް އެންމެ އިސް އަންހެނަކީ އޭނާގެ މަންމަ... ދާރިއަންއަކީ ރަނގަޅު ޒުވާނެއް، އޭނާގެ ނިންމުން ގޯސްވާނެއޭ ހިތެއްނުބުނޭ" ރިޒްވާނު ބުންޏެވެ.

* * * * *

އައު ދުވަހެކެވެ. ދާރިއަން މިސްކިތުން ނުކުތީ އިރުއެރިފަހުންނެވެ. އޭނާ އައިސް ގެއަށް ވަންއިރު ތަހުމީނާ އިނީ ސިޓިންރޫމު ސޯފާގައެވެ. ގޭތެރެއިން އިތުރު މީހަކު ފެންނާކަށް ނެތެވެ. ދާރިއަންއަށް ގޮވާލައި ސާފޯގައި އިށީނުމަށް ތަހުމީނާ ބުންޏެވެ.

"ރޭ ގެއަކަށް ނާންނަމެންނު" ތަހުމީނާ ބުންޏެވެ. އޭނާ ދަމު ނަމާދަށް ތެދުވެފައި ވެސް ދާރިއަންގެ ކޮޓަރި ބެލިއެވެ. ފަތިސް ނަމާދަށް ތެދުވެފައި ވެސް އެ ކޮޓަރި ބެލިއެވެ. ދާރިއަން ގެއަށް ނާންނަކަން އޭނާއަށް ޔަގީންވީ އެހެންވެއެވެ.

"މިއައީ ރުޅިމަޑުވީމަ..." ދާރިއަން ތެދު ހާމަކުރިއެވެ.

"ނުވެސް ނިދަންތަ؟" ތަހުމީނާ އިނީ ކަންބޮޑުވެފައެވެ.

"މިހާރު ނިންޖެއްނެތް... އަޅުގަނޑު ފެންވަރާލަން މިދަނީ" ދާރިއަން ބުންޏެވެ. ތަހުމީނާ ބޯޖަހާލުމުން ދާރިއަން ތެދުވެގެން ހިނގައްޖެއެވެ. އެހެންވިޔަސް ދާރިއަން ދިޔަ ދިމާއަށް ބަލަހައްޓައިގެން ތަހުމީނާއަށް އިނދެވުނެވެ.

ބެލްކަނީގައި ހުރެފައި ކޮޓަރިތެރެއަށް ޒުކަން ވަނެވެ. ފާޚާނާއިން އިބާ ނުކުތީ އެވަގުތެވެ. ރޭސުރެން އަނބިމީހާއާ ޒުކަން ވާހަކައެއް ނުދައްކައެވެ. އޭނާ އައިސް އެނދުގައި އިށީނެވެ. ރީތިވާ މޭޒުދޮށުގައި އިން އިބާއަށް ފުރަގަސްދީގެންނެވެ. އިބާގެ ނަޒަރު ފަރުވާކުޑަ ގޮތަކަށް ފިރިމީހާއަށް ދަތުރުކޮށްލިއެވެ. ނަމަވެސް އޭނާގެ ތުންފަތަށް ހަދާލި ގޮތުން އޭނާ ވެސް އެ ހުރީ ގޮތުގައި ހިފަހައްޓައިގެން ކަހަލައެވެ. އެ ދެމަފިރިންގެ ސަމާލުކަން އަތުލީ ދޮރުގައި ޓަކިޖެހި އަޑެވެ. ޒުކަން ތެދުވީ ދޮރުހުޅުވުމަށެވެ. އެހިސާބަށް އޭނާއަށް ނުދެވެނީސް ދާރިއަންގެ އަޑު އިވިއްޖެއެވެ. އޭނާ ވަނުމުގެ ހުއްދައަކަށް އެދުނެވެ. ޒުކަން ހަލުވި ފިޔަވަޅުގައި އައިސް ދޮރުހުޅުވާލިއެވެ. ދަރިފުޅާ ހަތަރުކަޅި ބައްދަލުވިއެވެ. ދާރިއަންގެ މޫނުން ފާޅުވަނީ ތާޒާކަމެވެ. ފެންނަފެނުމަށް އޭނާ ހީވަނީ ހަމަޖެހިފައި ހުރި ހެންނެވެ. އެއައީ ފެންވަރައިގެންކަން އޭނާގެ ހަށިގަނޑާއި އިސްތަށިގަނޑު ހެކިދެއެވެ. ޒުކަން އަނގައިން ބުނުމުގެ ކުރީން ދާރިއަން ވާހަކަދެއްކިއެވެ. މަންމައާ ވާހަކަދައްކާލަން ބޭނުންވާކަން ދާރިއަން ބުނެލިއެވެ. އަދި ބޭނުންވަނީ މަންމައާ އެކަނި ވާހަކަދައްކާލަންކަން ދާރިއަން ބުންޏެވެ. ޒުކަންއަށް ލިބުނީ ހައިރާންކަމެވެ. އޭނާ އެތެރެއަށް ޖެހިލައި އިބާއަށް ބަލާލިއެވެ. އެ މޫނުން ވެސް ފެންނަނީ ހައިރާންކަމެވެ. ދާރިއަންގެ ކޮނޑުގައި ފިރުމާލާފައި ޒުކަން އެ ކޮޓަރިން ނުކުތެވެ. ދާރިއަން އައިސް މަންމަ ފެންނަ ހިސާބު ކައިރީގައި ހުއްޓުނެވެ.

"ހޫން!... ބުނެބަލަ..." ދާރިއަން ބަލަން ހުންނަން ފެށުމުން އިބާ ބުނެލިއެވެ. އެއަޑުގައި އަދިވެސް ހުރީ ފޫހިކަމެވެ. ނުރުހުމެވެ.

"މަންމައަށް ހޭޒަލް ކަމުނުދިޔައީ އޭނާ ކުރީން ކައިވެންޏެއްކޮށްފަ ހުރީމަތަ؟" ދާރިއަން ސުވާލުކުރިއެވެ.

"އާން... ހަމައެހެންވެގެން... ކީއްކުރަންތަ މީހަކާ އިނދެފަހުރި އަންހެނަކާ ތިހާވަރުން އިންނަން ތިއުޅެނީ... އަންހެނުން ހުސްވީކީނޫންވިއްޔަ" އިބާގެ ނުރުހުމާއެކު އަޑުވެސް ބާރުވިއެވެ.

"މަންމައަށް އެނގޭތަ މަންމަގެ ތި އުޒުރަކީ ކިހާ ތާކުންތާކުނުޖެހޭ ވިޔާނުދާ ވިސްނުމެއްކަން، އަޅުގަނޑު ހީކުރީ މަންމައަކީ ވިސްނޭ އަންހެނެއްކަމަށް، ދުނިޔެއާއި އާޚިރަތާމެދު ވިސްނާ ފިކުރުކުރާނޭ މީހެއްކަމަށް...." ދާރިއަންގެ ވާހަކަ ފެށިގޮތުން އިބާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.

"ކީކޭ ކިޔަންތަ ދާރިއަން ތިއުޅެނީ... އަހަރެންނާ ދިމާއަށް އެއްޗެހިކިޔަނީތަ؟" އިބާއަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. ހީވީ ދުވަހަކުވެސް އުންމީދުނުކުރާވަރު ކަމެއް ދާރިއަންގެ ފަރާތުން ފެނުނީހެނެވެ.

"އެހެނެއްނޫން... މަންމައަށް ވިސްނޭނެނަމައޭ ހިތަށް އަރަނީ... ނޭނގި އޮތްނަމް ބުނެދޭނަމޭ ހިތަށް އެރީ، މަންމާ ޕްލީޒް... އާދެބަލަ... މިތާ އިށީނދެބަލަ... ސުކޫންތަކަށް ވިޔަސް ނިކަން ރުޅިއާ ދުރުވެބަލަ... ރުޅިވަނީ ޝައިތާނާގެ ޢަމަލަކަށް، ޕްލީޒް މަންމާ..." އިބާގެ އަތްތިލާގައި ހިފާލުމާއެކު ދާރިއަންއާއެކު ގެނެސް އެނދުގައި ބޭންދިއެވެ. މަންމަގެ އަތުގައި ދެފަހަރަކު ފިރުމާލިއެވެ. އެ އަތްތިލަ ނަގައި ދާރިއަންގެ މޭގައި އޭނާ ޖައްސާލިއެވެ. މަންމަގެ އަތުން އޭނާގެ މޭގައި ފިރުމިއެވެ. ފިނިނޭވާއެއްލުމާއެކު މަންމައަށް ދާރިއަން ބަލާލިއެވެ.

"އެންމެން ބުންޏަސް މަންމަގެ ރުހުމާނުލާ ކައިވެންޏެއް ނުކުރާނަން... މީ އަދިވެސް މަންމައާއިބައްޕަގެ ބަސްއަހާ ދާރިއަން، މަންމަމެން އެދެފި ކޮންމެކަމެއް ހެޔޮ ހިތުން އަޅުގަނޑު ކުރާނަން... މަންމާ!... ކައިވެންޏެއް ކުރުމުގައި ދެފަރާތުގެ ރުހުމަކީ މުހިންމު ކަމެއް، އިސްލާމްދީން ބާރުއަޅާކަމެއް... ވަރިވެފައިވާ އަންހެނާއާއި ހުވަފަތްވެފައި އިންނަ އަންހެނުންނާ ކައިވެނި ކުރުމަކީ ތިމާގެ އަބުރާއި ޢިއްޒަތައް އުނިކަމެއް ލިބޭނޭކަމެއްނޫން، މަންމާ... މުޖުތަމަޢު ކޮންމެ އެއްޗެކޭ ބުންޏަސް އެކަމާ ފަރުވާލެއްނެތް... މަންމަ އެކަމަށް ތަބާވާކަށް ނުޖެހޭ، އެފަދަ ޤަބޫލުނުކުރުންތައް ގޯހީ، ވަރިއަކީ ހައްލެއް، ސަޒާއެއްނޫން... ވަރިވެފައި އިން އަންހެނާއަކީ ދުނިޔެމަތީގައިވި އެންމެ ނުބައި އަންހެނާއެއްނޫން، އެ އަންހެނާގެ ޤަދަރަށް އެކަމުން އުނިކަމެއް ލިބިގެންނުވޭ، މަންމައަށް އެނގޭތަ، ޚަދީޖަތުގެ ފާނު ދެ ފަހަރުމަތިން ކައިވެނި ބައްލަވައިގަތް، އެކަނބުލޭގެއާ އަޅުގަނޑުމެންގެ ނަބިއްޔާ ކައިވެނި ބަލައްވައިގަތީ ހުވަފަތްވެފައި އިންދާ، އޭރު އެކަމަނާގެ ކުރީގެ ދެ ކައިވެންޏަށް ތިންކުދީން ލިބިފައިވޭ، ޚަދީޖަތުގެ ފާނާއި ނަބިއްޔާގެ އުމުރުފުޅުގައި ފަރަގު ވަރަށް ބޮޑު... އެކަމަނާއަށް ސާޅީސް، ރަސޫލާގެ އުމުރުފުޅަކީ ފަންސަވީސް... މަންމަ ބުނެބެލަ... މަންމައަށް ވެސް މީ އަޑުއިވިފަ ހުރި ވާހަކަތައް، މަންމަ އިސްކަން ތިދޭ ކަންކަމާމެދު ރަސޫލާ އިސްކަންދެއްވިތަ... އެއްފަހަރު ކައިވެނިކޮށްފާ ހުރީމާ އެ އަންހެނާ އޭނީ ނަޖިސްވެފަތަ؟... މަންމާ... ހުރިހާކަމަކަށް ފަހިކޮށްދެއްވަނީ ﷲ... މި މުޖުތަމަޢުގެ ވިސްނުން ގޯސްވެއްޖެ... ފަސާދައިގެ ޚިޔާލުތަކާއި ޔޯލަ ވާހަކަތައް ފެތުރޭލެއް ގިނަވެއްޖެ، ފިރިހެނުން އަންހެނުންނަށްވުރެ މުހިއްމުވެ ޤަދަރުވެރި މާތް ވެއްޖެކަމުގައި ހީކުރެވުން އެއީ ގޯހެއް... އަންހެން ދަރީންގެ ނަފްސުތަކަށް އޮންނަ އިތުބާރާއި ޔަގީންކަން ބަލިކަށިވަނީ މަންމަ ފަދަ ވިސްނުން ގެންގުޅޭ މީހުންގެ ސަބަބުން، ވަރިއަށްފަހު އަލުން ދިރިއުޅުމެއް ފަށަން އެ އަންހެނުން ފަސްޖެހެނީ އެހެންވެ، އެމީހުން ބަލައިގަންނާނޭ ބަޔަކު ނެތުމުން... އެ އަންހެނުންނާ ގުޅޭން ތިބި ފިރިހެންދަރީންގެ މައްޗަށް މައިންގެ ނުޒޫޒު ވަރުގަދަވުން... ވަރިއަކީ އެމީހުންގެ މައްޗަށް ލެއްވޭ ކޯފާއެކޭ ހީވާވަރު އެމައިންކުރޭ.. މަންމަގެ އަންހެން ދަރިއަކު ހުރިނަމަ އެ ދަރިފުޅަށް އަލުން ދިރިއުޅުމެއް ހޯދާދޭން މަންމަ މަސައްކަތެއް ނުކުރާނަންތަ، މަންމަގެ އަންހެން ދަރިފުޅަށް ނަޞޭޙަތެއް ނުދޭނަންތަ؟... ޒުވާން އުމުރު އެކަހެރިކަމުގައި ނަގާނުލައި އެ ދަރިފުޅަށް އަލުން ދިރިއުޅުމެއް ފެށޭތޯއާއި އެ ދަރިފުޅުގެ މައްޗަށް އޯގާތެރިވާނޭ ފިރިއަކު ދެއްވުމަށް ނޭދޭނަންތަ؟... މަންމަގެ މި ފިރިހެން ދަރިފުޅުގެ ދިރިއުޅުން ގެއްލިއްޖެނަމަ އެއަށްވުރެ އުފާވެރި ދިރިއުޅުމެއް ދެއްވުމަށް ﷲއަށް ދަންނަވާނެކަން ޔަގީން، މަންމަދެކެ އަޅުގަނޑު ވަރަށް ލޯބިވޭ، ހޭޒަލް ޚިޔާރުކުރީ ވެސް އަޅުގަނޑު... މަންމާ... އިސްލާމީ އަޤީދާއާއި ރިވެތި އަޚުލާގު ހުރި ބައިވެރިއަކު ލިބުމުން އެވީ އަވަހަށް ކައިވެނިކުރާކަންނު، އަޅުގަނޑަށް މިހާރު ބައިވެރިއަކު ބޭނުންވޭ... މަންމަގެ ރުހުން ބޭނުން... މަންމަ ގާތު އާދޭސް މިކުރަނީ..." ދާރިއަންގެ އަޑު ކުރެހުމާއެކު އޭނާ ވަގުތުން ވާހަކަދެއްކުން ހުއްޓާލިއެވެ.

އިބާ އިނީ ޖެހިބުދެންހެންނެވެ. ދާރިއަން މަންމަގެ ދެއަތްތިލައިގަ ބޮސްދިނެވެ. އަދި މަޑުމަޑުން މަންމަގެ ކަނާއަތް ގެނެސް އެ މޭގައި ޖައްސާލިއެވެ. މަންމަގެ އަތުން އެ މޭގައި ފިރުމަން ފެށިއެވެ. ދާރިއަންގެ އަނގައިން ނުކުތް އާހުގެ އަޑު އިބާއަށް އިވުނެވެ. އެއްޗެއް ބުނަން އަނގަހުޅުވާލި ނަމަވެސް ފެންކަޅިވެފައިވީވަރުން ދާރިއަންއަށް ވާހަކައެއް ނުދެއްކުނެވެ. މަޑުމަޑުން ތެދުވެލަމުން މަންމަގެ ބޮލުގައި ފިރުމާލައި ބޮސްދީފިއެވެ. އަދި އަނގައިން ބުނުމެއްނެތި އެ ކޮޓަރިން ނުކުމެއްޖެއެވެ.

ދޮރުމަތީ ދަރިފުޅުގެ ވާހަކަ އަޑުއަހަން ހުރި ޒުކަންގެ ދެ ލޯ ފުރިގެން އައެވެ. އޭނާ އައިސް އިބާގެ ގާތުގައި އިށީނެވެ. އޭރު ވެސް އިބާ އިނީ ހަރަކާތެއްކޮށްލަން ނޭގިފައެވެ. އަނބިމީހާގެ ކޮނޑުގައި ޒުކަން ބޯއަޅާލިއެވެ. އޭނާގެ ކަރުނަތައް ނުހިފެއްޓުނެވެ. ނަފްސު ހަމައަކަށް އަޅުވަން އޭނާ މަސައްކަތް ކުރި ނަމަވެސް އެކަމެއްނުވިއެވެ.

"އެ ދަރިފުޅުގެ ވާހަކަ އިބާއަށް ދޮގުކުރެވިދާނެތަ؟ އަދިވެސް ބުނާނަންތަ އެ ދަރިފުޅުގެ ހޮވުމަކީ އޭނާ ހެދި ގޯހެކޭ... ބުއްދި ގޯސްވެފައި އެ ދަރިފުޅޭ" ޒުކަންއަށް ވާހަކަދެއްކޭ ގޮތްވުމުން ބުނެލިއެވެ. އޭނާ ދެއަތްތިލައިން މޫނު ފުހެލިއެވެ. އިބާއާ ދުރަށް ޖެހިލިއެވެ. އަދި އިބާގެ ކުރިމަތީ ދެކަކޫ ޖަހާލައި އަނބިމީހާގެ ދެއަތްތިލައި ހިފާ ބާރުކޮށްލިއެވެ.

"އޭނާގެ ހިތަށް ކުޅަދާނަނުވެގެންކަން އެއައީ އެނގޭތަ؟... އަހަރެމެންގެ ކުޑަދަރިފުޅަކީ ފީކުއްޖެކޭ އިބާ ކިޔަމެންނު، ކުޑައިރު ކިރިޔާކަމެއްވާއިރަށް ރޯނެ، އިބާއެއްނު އެ ދަރިފުޅު ގާތު ބުނީ މަންމަ ފިރުމާލައިފިއްޔާ އެއީ ކޮންމެ ޒަޚަމެއްވިޔަސް ﷲ ފަސޭހަކޮށްދެއްވާނޭ، ތަދާއި ވޭން ލުއިވާނެޔޭ... އުމުރުން ހަތް އަހަރުން ފެށިގެން އެ ދަރިފުޅު ރޯތީ ދުށީންތަ؟... އެކަމަކު ރޭގައި އޭނާ ރޮއެފި... މިއަދު ވެސް އެދިޔައީ ރޮމުން... އޭނާ ތި ދެއަތުން... އޭނާގެ މަންމަގެ ދެއަތުން މޭގައި ފިރުމައިފި، އެކަމަކު އޭނާގެ ހިތަށް ލިބިފައިވާ ތަކުލީފު ލުއިނުވާކަން ޔަގީން.... މަންމަގެ ދެއަތުގައިވީ ފަސޭހަކުރުމުގެ ބާރު ނެތިއްޖެ... ކީއްވެކަން އެނގޭތަ؟" ޒުކަންގެ ފެންކަޅިވެފައިވާ ދެ ލޮލަށް އިބާ ބަލާލިއެވެ. ދެން އޭނާ އުފުލާލައިގެން އިން އިބާގެ ދެއަތްތިލައަށް ނަޒަރު ހިންގާލިއެވެ. އެ ދެ ލޯ ފުރެމުންދިޔައެވެ. އެ ހިތް ވިރެމުންދާ ފަދައެވެ.

* * * * *

ހޭޒަލްއައި ފޯނުކޯލު ނެގުމުގެ ކުރީން އޭނާ ބަލާލިއެވެ. ގުޅަނީ ދާރިއަންއެވެ. ކޯލު ނެގުމާއެކު ދާރިއަންގެ އަޑު ޖެހިއްޖެއެވެ. އެ އަޑުގައިވީ އަސަރު ހޭޒަލް ދެނެގަތެވެ. ދާރިއަން ބައްދަލުކޮށްލަން އެދުމުން ހޭޒަލް ދެކޮޅު ނުހެދީ އެހެންވެއެވެ. އެހާ ހެނދުނާ ދާރިއަން ގެންނަންވުމުން އުނދަގޫވިޔަސް ހޭޒަލް އަވަސްވެލީ މަންމައާއި ބައްޕަގެ ހުއްދަ ހޯދާށެވެ. އެމީހުން ރުހުން ދޭނެކަން އެނގިހުރެއެވެ.

"ސޮރީ... އުނދަގޫވާނެތޯ ވެސް އަހާނުލެވުނު" ދޮރޯށިން ވަން ދާރިއަން ބުނެލިއެވެ.

"އިޓްސް އޯކޭ... ވަރަށް ވަރުބަލިހެން ހީވޭ، އޮފީހަށް ދަމުންތަ ތިއައީ؟.. ސައިބޮއެފިންތަ؟..." ދާރިއަންއާއެކު ހިނގައިގަންނަމުން ހޭޒަލް ވާހަކަދެއްކިއެވެ.

"ކުޑަވަގުތުކޮޅަކު ހޭޒަލް ގާތު މަޑުކޮށްލަން ބޭނުންވެގެން މިއައީ... އެންމެ ރަނގަޅުތަ؟" ދާރިއަން އަހާލިއެވެ. ހޭޒަލް ނިކަން އަވަހަށް ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

"ޔޫ އާ ހެވިންގ އަ ހާޑް ޓައިމް... ސޮރީ ރޭގަ ދާރިއަންގެ މަންމައަށް ޖަވާބު ދެވުނު ގޮތުން، ދާރިއަން އިންނަން ހުރިއްޔާ އަހަރެން މިހުރީ ކައިވެނި ކުރާގޮތަށް" ހޭޒަލް ބުންޏެވެ. ދާރިއަން ޖަވާބެއް ނުދިނެއްކަމަކު ލުއިލުއި ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ. ދާރިއަންގެ މޫނުން ދުވަހަކުވެސް މާޔޫސްކަން މިނޫނީ ހޭޒަލް ނުދެކެއެވެ. އޭނާގެ ނުތަނަވަސްކަމަށް ލުޔެއްލިބުމަށް ހޭޒަލްއަށް ހިތާހިތުން އެދެވުނީ ބޭއިޚްތިޔާރުގައެވެ. ދާރިއަންގެ މޫނުން އޭނާ ދުށުމަށް އާދެވެފައި ހުރީ ހިތްހަމަޖެހުން އެކުލެވިގެންވީ ހިނިތުންވުމެކެވެ.

"ދާރިއަން އަންނަ ވާހަކަ ބުނުމުން މަންމަ މަޑުކޮށްގެން ހުރީ އެންމެން އެކުގައި ސައިބޯން" ލިފްޓަށް އަރަމުން ހޭޒަލް ވާހަކަދެއްކިއެވެ. އެހެންޏާ އިސްވެ ގިނަ ވާހަކަތަކެއް ދައްކަނީ ދާރިއަންއެވެ. ހޭޒަލް ފުށުން ފެންނަ ޢަމަލުތަކުން ދާރިއަންގެ ބޮލުގައިވި ރިހުން ކުޑަވެ ހިތަށް ލުއިވިއެވެ.

"މަންމަގެ ރުހުން އަހަރެން ހޯދާނަން... އެ ރުހުން ލިބެންދެން ހޭޒަލް މަޑުކޮށްދޭނަންތަ؟" މައްޗަށް އަރަމުން ދިޔަ ލަފްޓުތެރޭގައި ހުރެފައި ދާރިއަން އެނބުރިލީ ހޭޒަލްއާ ދިމާއަށެވެ. ރަކި ހިނިތުންވުމަކާއެކު ހޭޒަލް އިސްޖަހާލައިގެން ހުރެ ބޯޖަހާލިއެވެ.

"ތި އުނގުގައި މިވަގުތު ބޯއަޅާލެވޭނެނަމައޭ ހިތަށް އަރާ" ދާރިއަން ބުންޏެވެ.

(ނުނިމޭ)