ކޮރޯނާ ވައިރަސްގެ ސަބަބުން ޓޫރިޒަމް ލިބޭ ގެއްލުމުން އަރައިގަންނަން ސަރުކާރުގެ އެހީ ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު އަލީ ވަހީދު ދެއްވައިފި އެވެ.
ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އަހަރީ އާއްމު ޖަލްސާ ޝަރަފުވެރިކޮށްދެއްވަމުން މިނިސްޓަރު އަލީ ވިދާޅުވީ ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް 19 ވައިރަސްގެ ސަބަބުން ޓޫރިޒަމަަށް އަސަރުކުރާނެ ކަމަށާ، ވައިރަސްގެ ގެއްލުމުން ޓޫރިޒަމް ސިނާއަތު އަރައިގަތުމަށްޓަކައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
"ޓޫރިޒަމް ދާއިރާ އަށް ކޮވިޑްގެ ސަބަބުުން ދިމާވާ ގެއްލުން ތަކަށް ސަރުކާރުން އެހީތެރިކަން ދޭނެކަމުގެ ޔަގީންކަން އަޅުގަނޑު ސަރުކާރުންގެ ފަރާތުން ދެން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ޓޫރިޒަމް ސިނާއަތުން ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމަށް ސީދާ 25 ޕަސެންޓް ހިއްސާ ކުރާއިރު، ނުސީދާ ގޮތުން މި ސިނާއަތުގެ ހިއްސާ ޖީޑީޕީގެ 75 ޕަސެންޓަށް ވުރެ ބޮޑު ކަމަށެވެ.
މަޓީގެ އޭޖީއެމްގެ އެ ޖަމިއްޔާގެ ޗެއާމަން މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު(ވީއައިއޭ) ގައި އަލަށް ތަރައްގީކުރާ ޕެސެންޖާ ޓާމިނަލާއި ސީޕްލޭން ޓާމިނަލުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
ރާއްޖެ އަށް މިދިޔަ އަހަރު 1.7 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާ އިން އަންނަ މީހުންގެ އަދަދު މަދުވުމާއެކު މި އަހަރު ރާއްޖޭގެ ޓޫރިޒަމަށް ގެއްލުން ވާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ. މިހާރު އަންދާޒާ ކުރެވޭ ގޮތުގައި ޓޫރިޒަމަށް 25 ޕަސެންޓުގެ ވެއްޓުމެއް އަންނާނެ އެވެ. މިއީ ފައިސާ އަދަދުން ބަލާނަމަ ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ ގެއްލުމެކެވެ.