ކުޅިވަރު

އަސަދުﷲއަށް އަނިޔާވެ، މާޒިޔާ އުނދަގޫ ހާލަތަކަށް

ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް އަނިޔާވެ، ސީޒަންގެ މުހިންމު ހިސާބެއްގައި މާޒިޔާ އުނދަގޫ ހާލަތަކަށް ވެއްޓިއްޖެ އެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި، މިދިޔަ ބުދަ ދުވަހު މާލޭގައި ކުޅުނު މެޗުގެ 10 މިނެޓް ކުޅެވުނު ތަނުން އަސަދުﷲ އަށް އަނިޔާވެގެން ބަދަލު ކުރަން ޖެހުނެވެ. މާޒިޔާގެ އޮފިޝަލަކު ބުނީ އަސަދުﷲގެ ކަނާތު ފައިގެ ކަކުލު ހުޅުގެ ލިގަމެންޓަށް އަނިޔާވެފައިވާ ކަމަށެވެ. އެ އެ އަނިޔާއިން ރިކަވާވެ އޭނާއަށް ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ލަފާ ކުރެވޭނީ ހަތް މަސް ފަހުން ކަމަށް އޮފިޝަލް ބުންޏެވެ.

ދެހާސް ސަތާރަ ވަނަ އަހަރުގެ ސީޒަންގެ މެދުތެރެއިންވެސް ހަމަ އޭނާގެ ކަނަތުފައިގެ ކަކުޅުހުޅުގެ ލިގަމެންޓަށް އަނިޔާވި އެވެ. އޭރު އޭނާ އަށް ކުޅުމުގައި ބައިވެރި ވެވުނީ އަށް މަސް ދުވަހަށް ފަހު އެވެ.

އަސަދުﷲ އަކީ ގައުމީ ޓީމުގެވެސް އެންމެ މުހިންމު އެއް ސްޓައިކަރެވެ. އޭނާގެ އަނިޔާގެ ސަބަބުން ސެޕްޓެމްބަރު މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައިވެސް އޭނާ ނުކުޅެވޭނެ އެވެ. މާޒިޔާގެ ފޯވަޑުންގެ ތެރެއިން އަނިޔާގެ މައްސަލަ ކުރިމަތި ވެފައިވަނީ އަސަދުﷲ އަށް އެކަންޏެއް ނޫނެވެ. ހަސަން ނާއިޒު (ދާދު) އަށްވެސް ކުރިމަތިވި އަނިޔާ އާ ގުޅިގެން އޭނާ ހުރީ ކުޅުމާ ދުރުގަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން، މާޒިޔާގެ މިޑްފީލްޑާ އިބްރާހިމް ވަހީދު ހަސަން ވެސް ވަނީ އަނިޔާގެ މައްސަލަތައް ވަނީ ކުރިމަތި ވެފަ އެވެ.

ސެޕްޓެމްބަރު މަހު ގުއާމް އާއި ޗައިނާ އާ ދެކޮޅަށް ކުޅެން ގައުމީ ޓީމު ތައްޔާރީތައް ލަންކާގައި ކުރިއަށް ދިޔަ ދުވަސް ވަރު، ހދ. ނޮޅިވަރަންފަރުން ފުރައިގެން އެއަތޮޅު ހަނިމާދުއަށް ދަތުރު ކުރި ލޯންޗެއް ބަންޑުން ޖަހާލައި، އިއްބެގެ އާއިލާގެ ފަސް މެންބަރުން މަރުވި ހާދިސާއަށް ފަހު، ގައުމީ ޓީމުގެ ކެމްޕް ދޫކޮށް އޭނާ މާލެ އައެވެ. އޭގެ ފަހުން އަނިޔާގައި ގިނަ ދުވަސްތަކެއް ވަންދެން ހޭދަ ކުރުމަށް ފަހު އޭނާ ކުޅުމުގެ ތެރެއަށް ނުކުތީ މިދިޔަ ޑިސެމްބަރު މަހު އެވެ. ޖަނަވަރީ މަހު އަނެއްކާވެސް އިއްބެއަށް އަނިޔާވި އެވެ.

މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮވްސްކީ ބުނީ، ބިދޭސީ ފޯވަޑް ކޯނޭލިސް ސްޓްވާޓްގެ ކަކުލަށްވެސް ކޮންމެވެސް ވަރަކަށް އަނިޔާ ވެފައިވާ ކަމަށެވެ. މުހިންމު ހަތަރު ކުޅުންތެރިންނަށް އަނިޔާ ވެފައިވާއިރު، އޭފްސީ ކަޕް ޕްލޭފް ބުރުގެ ފަހު ލެގްގައި މާޒިޔާ މިއަންނަ ބުދަ ދުވަހު ނުކުންނާނީ ބެންގަލޫރު އެފްސީއާ ދެކޮޅަށް އެ ޓީމުގެ ދަނޑުގަ އެވެ. ޓީމަށް ކުރިމަތިވެފައިވާ މިހާލަތާ ބެހޭގޮތުން ސެކްލޮވްސްކީ ބުނީ، މިހާލަތު ސިފަ ކުރަންވެސް އޭނާއަށް އުނދަގޫ ކަމަށެވެ.

"ކީކޭ އަހަރެން ބުނާނީ، އަހަރެމެންގެ ކެޕްޓަނަށް ސީރިއަސް އަނިޔާއެއް، އަދި އަހަރެމެންގެ އަނެއް ފޯވަޑް [ދާދު] ހުރީ އަނިޔާއެއްގައި، އިއްބެއަށް މިއަހަރު ކުރިމަތިވި އުނދަގޫ ހާލަތުން އަދިވެސް އަރައި ނުގަނެވޭ، ކޯނޭ ގެ ކަކުލަށްވެސް ކޮންމެވެސް ވަރަކަށް އަނިޔާވެފަ ވަނީ،" ބެންގަލުރުގެ މެޗަށް އިންޑިއާގައި ހުރެ މިއަދު އަވަސް އާ ވާހަކަ ދައްކަމުން ސެކްލޮސްކީ ބުންޏެވެ. "އަހަންނަށް އޮތީ ފުޓްބޯޅައިގައި މިހާލަތު ކުރިމަތިވާނެކަމާ އެއީ ފުޓްބޯޅައިގެ ބައެއް ކަމަށް ގަބޫލުކޮށްގެން އެހެން ހައްލު ތަކެއް ހޯދަން މަސައްކަތް ކުރުން، އަހަންނަށް ވީ އެންމެ ރަނގަޅަކަށް ހައްލު ހޯދަން މަސައްކަތް ކުރާނަން."

ފުރަތަމަ ލެގްގައި މާލޭގައި ކުޅުނު މެޗުން، މާޒިޔާ ވަނީ 2-1 ން ބެންގަލޫރު ބަލި ކޮށްފަ އެވެ. ބުދަ ދުވަހު ބެންގަލޫރުގެ ކަންޓީރަވާ ސްޓޭޑިއަމްގައި ކުޅޭ މެޗު ލަނޑެއް ނުވަދެ އެއްވަރު ކޮށްލިޔަސް މާޒިޔާ ގުރޫޕް ސްޓޭޖަށް ކޮލިފައި ވާނެ އެވެ.