ހަބަރު

ސެޓްލްމަންޓް ކޮމެޓީގެ މެންބަރުންނަށް ދައުވާ ކުރެވޭނެ: ޝިޔާމް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެޓްލްމެންޓް ކޮމިޓީން ނިންމައިގެން ބޮޑެތި އަދަދުތަކުން ކުންފުނިތަކަށް ބަދަލު ދިނުމުގެ ނަމުގައި ފައިސާ ދެމުންދާއިރު، އެ ކޮމެޓީގެ މެންބަރުންގެ މައްސަލަތައް ބަލާނެ ދުވަހެއް އަންނާނެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ނާއިބް ރައީސްގެ މަގާމުގައިވެސް ހުންނެވި ޝިޔާމް ވިދާޅުވީ ނޫމަޑިން ދައުލަތަށް ދޭންޖެހޭ 92 މިލިއަން ރުފިޔާވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ހެޔޮފުޅު ކަމުން ކޯޓުން ބޭރުން ދެއްވާފައިވާ ކަމަށެވެ. ޝިޔާމް އިޝާރާތް އެ ކުރައްވަނީ ހުޅުމާލޭގައި ސިފައިންގެ ފްލެޓްތައް އަޅަން އެމްއެންޑީއެފްގެ ސިފްކޯއިން ނޫމަޑިއަށް އެޑްވާންސްގެ ގޮތުގައި ދިން ފައިސާގެ ތެރެއިން ސިފްކޯއަށް އަނބުރާދޭން ޖެހޭ ކަމަށް އޮޑިޓް ރިޕޯޓްތަކުގައިވާ 92 މިލިއަން ރުފިޔާ ވެސް ދޭން ނުޖެހޭ ކަމަށް ސަރުކާރުން އެ ކުންފުންޏާއެކު ވެފައިވާ ސެޓްލްމަންޓް އެގްރީމަންޓްގައި ހިމަނާފައިވާތީ އެކަމަށެވެ.

ޝިޔާމް ވިދާޅުވީ އެ ކޮމެޓީގެ މެންބަރުން ގޮވައިގެން ދިވެހި ރައްޔިތުން ދައުވާ ކުރާނެ ދުވަސް އަންނާނެ ކަމަށެވެ.

"ތިޔަ ސެޓްލްމަންޓް ކޮމެޓީ ގޮވައިގެން ދިވެހި ރައްޔިތުން ދައުވާ ކުރާނެ ދުވަހެއްވެސް އަދި އަންނާނެ. އިންޝާﷲ، ރައްޔިތުންގެ މާލިއްޔާ ހުސްކޮށްލަނީ ރޯމާ ދުވާލު." މިއީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދިނުންތޯ ސުވާލު ކުރައްވާ ޝިޔާމް ވިދާޅުވިއެވެ.

ނޫމަޑިން ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އެވެ.

އެއް މައްސަލައަކީ ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީ ކުރަން ޖެނުއަރީ، 20، 2011، ގައި ސޮއި ކޮށްފައިވާ އެއްބަސްވުން ބާތިލު ކުރުމެވެ. އަދި އަނެއް މައްސަލައަކީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކަކާއި ތިން ރަށެއްގައި ނަރުދަމާގެ ނިޒާމު ތަރައްގީ ކުރަން މެއި، 30، 2013 ގައި ވެފައިވާ އެއްބަސްވުން ބާތިލް ކުރުމެވެ. މިއެއްބަސްވުންތައް ބާތިލު ކޮށްފައި ވަނީ މިދިޔަ ސަރުކާރުން، ހައުސިން މިނިސްޓަރަކަށް ޑރ. މުހައްމަދު މުއިއްޒު ހުންނަވަނި ކޮށެވެ.

މި ސަރުކާރުން ވަނީ ކޯޓް ބޭރުގައި މައްސަލަ ހައްލުކޮށް އެ ކުންފުންޏަށް 55 މިލިއަން ޑޮލަރު (849 މިލިޔަން ރުފިޔާ) ދީ ހަލާސް ވެސް ކޮށްފަ އެވެ.

މި ނޫންވެސް އެތައް ކުންފުންޏަކަށް ބޮޑެތި އަދަދުތަކުން ސަރުކާރުން ވަނީ ބަދަލު ދީފައެވެ. އެއިން ކޮންމެ ކުންފުންޏަކަށްވެސް ސަރުކާރުން ބަދަލު ދެނީ ކޯޓުން ބޭރުގައި މަޝްވަރާތަކެއް ކުރުމަށްފަހު ސެޓްލްމަންޓް ކޮމެޓީގެ މަޝްވަރާގެ މަތިންނެވެ.