ދައުލަތުގެ ބަޖެޓް

2020 އަށް 40 ބިލިއަން ރުފިޔާގެ ބަޖެޓެއް؟!

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ފޮނުވަން ތައްޔާރުވަނީ 40 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް އިދިކޮޅު ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ މި ސަރުކާރުގެ އިގުތިސޯދީ ސިޔާސަތުތަކާމެދު ކަންބޮޑުވުން ފާޅު ކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އޭނާ ވިދާޅުވީ ދައުލަތަށް އާމުދަނީ ހޯދޭނެ އެއްވެސް އިތުރު ގޮތެއް ނުހޯދާ، އަދި ސަރުކާރުގެ މަތިފަޑި އިންތިހާއަށް ބަރުކޮށް، ހިންގުމުގެ ޚަރަދު އިތުރު ކުރުމަށްފަހު، އަންނަ އަހަރަށް ލަފާކޮށް 40 ބިލިއަން ރުފިޔާގެ ބަޖެޓެއް ފޮނުވަން ތައްޔާރުވަމުންދާ ކަމަށެވެ.

ޝިޔާމް ވަނީ މި އަހަރުވެސް ދައުލަތުގެ ބަޖެޓް އަށް ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެކަން ޔަގީންވާ ކަމަށް ވިދާޅުވެފަ އެވެ.

"ދައުލަތުގެ އާމުދަނީ ހޯދޭނެ އެއްވެސް އިތުުރު ގޮތެއް ނުހޯދާ، އޮބި ނޯންނަ ވަރަށް ސަރުކާރުގެ މަތިބަރުކޮށްފަ، ހިންގުމުގެ ޚަރަދު އިންތިހާއަށް ބޮޑު ކޮށްފަ އަނެއްކާވެސް މަޖިލީހަށް މި ފޮނުވަނީ 40 ބިލިއަންގެ ބަޖެޓެއް 2020 އަށް ފާސް ކުރަން. މިއަހަރުވެސް ދައުލަތުގެ ބަޖެޓް އަށް ބިލިއަނުން ޑެފިސިޓްވާނެ ކަން ޔަގީން." ޝިޔާމް ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 56 ވަނަ މާއްދާއާއި ދައުލަތުގެ މާލިއްޔަތުގެ ގާނޫނު ގައިވާ ގޮތުގެ މަތިން ކޮންމެ މާލީ އަހަރެއް ފެށުމުގެ ދެ މަސް ކުރީން ދައުލަތުގެ އަންދާޒާ ބަޖެޓު ތައްޔާރުކޮށް ރައްޔިތުންގެ މަޖުލީހަށް ހުށަހަޅަން ޖެހެ އެވެ. އެހެންކަމުން އަދި ބަޖެޓް ހުށައަޅަން މަހެއްހާ ދުވަސް އެބައޮތެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުން ފިނޭސް މިނިސްޓްރީން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި އަންނަ އަހަަރަށް ލަފާކޮށް ހުށައަޅާނީ ކިތަށް ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ފޮނުވުމަށް ތައްޔާރުވަމުން ދަނީ 40 ބިލިއަން ރުފިޔާގެ ބަޖެޓެއްކަން ޝިޔާމަށް އެނގިވަޑައިގެންނެވި ގޮތެއް އޭނާ ވިދާޅުވެ ދެއްވާފައެއް ވެސް ނުވެއެވެ.

ދައުލަތުގެ އާމުދަނީ ހޯދޭނެ އެއްވެސް އިތުުރު ގޮތެއް ނުހޯދާ، އޮބި ނޯންނަވަރަށް ސަރުކާރުގެ މަތިބަރުކޮށްފަައި ހިންގުމުގެ ޚަރަދު އިންތިހާއަށް ބޮޑު ކޮށްފައި އަނެއްކާވެސް މަޖިލީހަށް މި ފޮނުވަނީ 40 ބިލިއަންގެ ބަޖެޓެއް 2020 އަށް ފާސްކުރަން. މިއަހަރުވެސް ދައުލަތުގެ ބަޖެޓް އަށ ބިލިއަނުން ޑެފިސިޓްވާނެ ކަން ޔަގީން
އަހުމަދު ޝިޔާމް | ނައިފަރު ދާއިރާގެ މެންބަރު

މި އަހަރަށް ލަފާކޮށް މިދިޔަ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެވެ. ނަމަވެސް އޭގެ ފަހުން މިއަހަރު 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހުން ވަނީ ފާސް ކޮށްދީފަ އެވެ.

ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހުނު މައިގަނޑު ސަބަބެއް ކަމުގައި ސަރުކާރުން ބުނެފައި ވަނީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތައް ފުއްދުމުގެ އިތުރުން އަލަށް އުފެދުނު ގާނޫނުތަކުގެ ދަށުން ދައުލަތުން ކުރަންޖެހޭ ހަރަދުތައް ލަފާ ކުރެވުނު ވަރަށް ވުރެ އިތުރުވުމެވެ.