މުހައްމަދު ސައީދު

ބަޖެޓާއި ރައީސްއާ އޮތް ބީރައްޓެހިކަން ހާމަވެއްޖެ: ސައީދު

2021 ވަނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްކެވި ވާހަކަފުޅުން ބަޖެޓާއި ރައީސާ އޮތް ބީރައްޓެހިކަން ވަރަށް ބޮޑަށް ހާމަވެއްޖެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށައަޅާފައެވެ. އެ ބަޖެޓްގައި ބޮޑެތި މަޝްރޫއުތަކެއް ފެށުމަށް ހިމަނާފައިވެއެވެ. ނަމަވެސް 2020 ވަނަ އަހަރު ނިމިގެން މި ދަނީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި ކަމުން އަންނަ އަހަރު ބޮޑެތި މަޝްރޫއުތައް ހިންގުމަކީ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެ މޭރުމުން ސަރުކާރު ހިންގާ އެމްޑީޕީގެ މެންބަރުންވެސް ވާހަކަ ދެއްކެވިއެވެ. އަދި މިއަހަރުގެ ބަޖެޓަކީ މިހާތަނަށް ހުށައަޅާ އެންމެ ދަރަނި ބޮޑު ބަޖެޓަށް ވުމުން މެންބަރުން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. މިފަހަރުގެ ބަޖެޓްގައި 15 ބިލިއަން ރުފިޔާއަކީ ދަރަންޏެވެ. މިދިޔަ ދެ އަހަރު މި ސަރުކާރުން އުފެއްދި ދަރަނީގެ ނިސްބަތަކީވެސް 15 ބިލިއަނެވެ. އެެހެން ކަމުން ތިންވަނަ އަހަރެއް ނިމިގެންދާއިރު މި ސަރުކާރުން އުފެއްދި ދަރަނި 30 ބިލިއަނަށް އަރާނެ އެވެ.

ހޯރަފުށީ އެއާޕޯޓް ހުޅުވުމަށް މިއަދު ހަވީރު އެ ރަށުގައި އޮތް ރަސްމިއްޔާތުގައި ރައީސް ވަނީ 2021 ވަނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކަވާފައެވެ. އަދި މެންބަރުންގެ ކަންބޮޑުވުންތަކަށް ރައީސް ޖަވާބުވެސް ދެއްވިއެވެ. ރައީސް ވިދާޅުވީ އައު އަހަރުގެ ބަޖެޓްގައި ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމަނާފައިވަނީ ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމާއި އައްޑޫ އެއާޕޯޓް ތަރައްގީ ކުރުމާއި ތިލަމާލެ ބްރިޖާއި މާލޭ ޕޯޓާއި ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމު ގާއިމް ކުރުމާއި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރުން ކަމަށެވެ.

މިއީ ބޮޑެތި މަޝްރޫއުތައް ނަމަވެސް މި މަޝްރޫއުތަކަށް ބޭނުންވާ ހުރިހާ ފައިސާ ހުރީ ހަމަޖެހިފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން ކަނޑައެޅިގެން ލިބިފައި ހުރި ފައިސާއިން ހިންގަން ނިންމާފައިވާ މަޝްރޫއުތަކެއް ހުއްޓާލަން ޖެހޭ ސަބަބެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއިން އެއްވެސް މަޝްރޫއެއް މެދުނުކެނޑި ކުރިއަށް ގެންދަވާނެ ކަމަށެވެ.

"އަޅުގަނޑު މި ދެންނެވި މުހިންމު ބޮޑެތި ޕްރޮޖެކްޓްތަކުގެ ފައިސާ ހުރީ ހަމަޖެހިފައި. ބަޖެޓާމެދު ބަހުސް ކުރަމުންދިޔައިރު ބައެއް މެންބަރުން ދެއްކެވި ބައެއް ވާހަކަތައް އަޅުގަނޑު އަޑުއެހިން. ބައެއް މެންބަރުން ވިދާޅުވަމުން ގެންދެވި ބަޖެޓް ކުޑަކުޑަން. އަޅުގަނޑު ދަންނަވާނީ މިއީ މި ޕްރޮޖެކްޓްތައް ހުއްޓާލަންވީ ވަގުތެއް ނޫނޭ. ސަރުުކާރުން ކުރަން ޖެހޭ ކަމަކީ މިދަނޑިވަޅުގައި އިގްތިސާދު ހިންގުމޭ. މިއީ ކަނޑައެޅިގެެން ލިބިފައި ހުރި ފައިސާ ކަމަށްވާތީ މި ޕްރޮޖެކްޓްތައް މެދުނުކެނޑި އިދާރަކުރެއްވިއްޔާ ހުއްޓުމެއްނެތި އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވިއެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވީ އިގްތިސާދު ހިންގުމަކީ ރައީސް އޮފީސް ހިމެނޭ ގޮތަށް ފަސް މިނިސްޓްރީ އެއްގެ އިދާރީ ހަރަދު އާންމު އަހަރުތަކަށްވުރެ 300 މިލިއަން ބޮޑުކޮށް ކައުންސިލް އިންތިހާބަށް ސިޔާސީ ވަޒީފާތައް ފުނި ޖެއްސުން ނޫން ކަމަށެވެ.

"ބަޖެޓާއި ރަައީސް ސޯލިހާ އޮތް ބީރައްޓެހިކަން ވަރަށް ބޮޑަށް ހާމަވެއްޖެ،" ސައީދު ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ ފިނޭންސް މިނިސްޓްރީން ހުށައަޅާފައިވާ 2021 ވަނަ އަހަރުގެ ބަޖެޓަކީ މިހާލަތަށް ހުށައެޅޭނެ އެންމެ ރަނގަޅު ބަޖެޓް ކަމަށެވެ. އަދި މިއީ ކިތަންމެ ދަތި ވަގުތެއް ނަމަވެސް މިއީ ފައިސާ ހޯދައިގެންވެސް ކަންކަން ކުރަންވީ ވަގުތު ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގަައި އެ ބަޖެޓަކީ މިއަދުގެ ހާލަތަށް ބަލާ ހުށައެޅޭނެ އެންމެ ރަނގަޅު ބަޖެޓް. ދުނިޔެއަށް ދިމާވެފައި މި އޮތް ކޮވިޑްގެ ދަތި އުނދަގޫ ހާލަތާއި ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައި އޮތް މި ދަތި ހާލަތުގައި ސަރުކާރުން ކުރަން ޖެހޭނެ އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުން. މި އަހަރުގެ މި ވޭތިވެދިޔަ ތަނަކަށް އަޅުގަނޑުމެން މި އައީ އެކަން ވަރަށް ރަނގަޅަށް ކުރަމުން،"

އެ ވާހަކަތަކަށްވެސް ސައީދު ރައްދު ދެއްވިއެވެ. ސައީދު ވިދާޅުވީ ދުނިޔެއަށް ފައިނޭންޝިއަލް ކްރައިސިސްއެއް ނާންނާނެ ކަމަށާ މިދުވަސްވަރު ބޮޑު ބޫމްއެއް ރާއްޖެ އަންނާނެ ކަމަށް ގަބޫލު ކުރައްވާ ރައީސަކު އެހެން ވިދާޅުވުމުން ހައިރާން ނުވާ ކަމަށެވެ. ސައީދު އެ އިޝާރާތް ކުރައްވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ކުރީކޮޅު ރައީސްއާ މި ސަރުކާރުގެ އިސްވެރިން ދެއްކެވި ވާހަކަތަކަށެވެ. ރައީސް ސޯލިހާއި ސަރުކާރުގެ އިސްވެރިން ކުރިން ވަނީ ކޮވިޑްގެ ބަލިމަޑުކަމަކީ އިގްތިސާދީ ކާރިސާއަކަށް ނުވާނެ ކަމަށް ވިދާޅުވެފައެވެ.

"ގޮތް ދޫކޮށް ރަނގަޅު ލަފާ ހޯއްދަވާ،" ރައީސްގެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވިއެވެ.