އަންހެނުން

ހިކަނދި ފަތް: އިސްތަށިގަނޑަށް އަޖައިބެއް ފަދަ ފައިދާތަކެއް

Sep 5, 2015

ހާސްވާ ވަރަށް ބޮލުން އިސްތަށި ފައިބާ ހެއްޔެވެ؟ ނޫނީ ލަދުގަންނަ ވަރަށް ބޮލުން ނުބައި ވަސް ދުވާ ހެއްޔެވެ؟

ކޮންމެ މަހަކު އެއްފަހަރު ޓްރީމެންޓް އެއްޗިހި ނަގަން ސެލޫނަށް ދިއުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި ގިނަ ލާރި އެކަމަށް ހަރަދުވާތީ ގިނަ އަންހެންވެރިން ބޮލުން އިސްތަށި ފޭބިޔަސް އަދި ނުބައި ވަސް ދުވިޔަސް ހެޔޮކަމަށް ތިބެނީ އެވެ.

ނަަމަވެސް ގޭގައި ކުޑަކަމެއް ކޮށްލައިގެން އިސްތަށިގަނޑު ދުޅަހެޔޮކަންމަތީ ބޭއްވިދާނެ ކަމަށް ގަބޫލުކުރަން ހެއްޔެވެ؟

ކާތަކެތި މީރުކުރުމަށް ހިކަދި ފަތަކީ ކޮންމެހެންވެސް ބޭނުންވާ އެއްޗެކެވެ. ހިކަދި ފަތުގެ ރަހަޔަކީ ބައެއް މީހުން މަ ގަޔަވާ ރަހަޔަކަށް ނުވިޔަސް، މިއީ އިސްތށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެކެވެ. މިފަތަކީ ބޮލުން އިސްތަށި ފޭބުން ހުއްޓުވައި، އިސްތަށިގަނޑު ވަރުގަދަ ކުރުމަށް އެންމެ ބޭނުންވާ ބީޓާ ކެރޮޓީނާ އާއި ޕްރޮޓީން ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެވެ. މީގެއިތުރުންވެސް ކެލްސިއަމް އާއި ފޮސްފަރަސް އަދި އަޔަން އާއި ފޮލިކް އެސިޑް ގިނަ އަދަދަކަށް ހިމެނޭއިރު، ހަންގަނޑަށާއި އިސްތަށިގަނޑަށް އެންމެ ބޭނުންވާ މާއްދާތައް ކަމަށްވާ ވިޓަމިން އޭ،ބީ،ޑީ، އަދި ސީ ވެސް ގިނަ އަދަދަކަށް ހިމެނެ އެވެ.

އެހެންކަމުން މިލިޔުމުގައި ބަލާލާނީ ކޮންމެ ގެއެއްގެ ބަދިގެއިންވެސް އެންމެ ފަސޭހަކާއެކު ލިބެން ހުންނަ އެކަތި ކަމަށްވާ ހިކަނދި ފަތް ބޭނުންކޮށްގެން އިސްތަށިގަނޑަށް ގޭގައި ދެވިދާނެ ފަރުވާތަކަށެވެ.

1. ހިކަނދި ފަތް ރަނގަޅަށް ފުނޑާ ހިމުންކޮށް ޕޭސްޓެއް ތައްޔާރުކުރާށެވެ. އަދި އިސްތަށިގަނޑާއި ބޮލުގެ ހަންގަނޑުގައި އުނގުޅާފައި 20-30 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ.

ހިކަނދި ފަތަކީ ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓް ހިމެނޭ އެއްޗަކަށް ވުމުން، އިސްތަށިގަނޑު ހަލާކުވުން ހުއްޓުވައި، ބޮލުގެ ހަންގަނޑު މޮއިސްޓަރައިޒް ވުމުގެ އިތުރަށް ހިކުމުން ވެސް ދުރުކޮށްދެ އެވެ.

2. ހިކަނދިފަތް ފުނޑައި ޕޭސްޓެއް ހެދުމަތްފަހު، އެއް މޭޒުމަތީ ސަމުސާ އޮލިވް އޮއިލް ނުވަތަ އެއް މޭޒުމަތީ ސަމުސާ ސެސަމީ ސީޑް އޮއިލް ކުރިން ފުނޑާފައި ހުރި ޕޭސްޓްގެ ތެރެއަށް އަޅައި އެއްކުރުމަށްފަހު، އިސްތަށިގަނޑާއި ބޮލުގެ ހަންގަނޑުގައި އުނގުޅާފައި ގަޑިއެއްހާއިރު ބެހެއްޓުމަށްފަހު ދޮވެލާށެވެ.

މިގޮތަށް ހެދުމުން ޑޭންޑަރްފް ނެތުމަށް އެހީވެދިނުމުގެ އިތުރުން މިފަތުގައި އެކުލެވޭ އެންޓި ބެކްޓީރިއަލް މާއްދާތައް ބޮލުގެ ހަންގަނޑުގައ އުފެދޭ އިންފެކްޝަންތައް ވެސް ނައްތާލުމަށް އެހީވެދީ އިސްތަށިގަނޑު ދުޅަހެޔޮ ކޮށްދެ އެވެ.

3.ކާށިތެޔޮ ފޮދެއްގެ ތެރެއަށް ހިކަނދި ފަތް ކޮޅެއް އެޅުމަށްފަހު، ތެޔޮ ފޮދު ކަޅު ކުލަޔަކަށް ބަދަލު ވަން ދެން ހޫނުކޮށްލާށެވެ. މިތެޔޮފޮދު ހިހޫވުމުން ބޮލުގެ ހަންގަނޑުގަޔާއި އިސްތަށިގަނޑުގައި އުނގުޅާށެވެ. ގަޑިއެއްހާއިރު މަޑުކުރުމަށްފަހު ދޮވެލާށެވެ. މިތެޔޮ ހަފްތާއަކު ދެދުވަހު ނުވަތަ ތިންދުވަހުވެސް ބޮލުގައި އުނގުޅިދާނެ އެވެ. އިސްތަށިގަނޑު ވަރުގަދަކޮށް ބޭއްވުމަށާއި ނުރަވުމުން ކުޑަކުރަން މިއީ ވަރަށް ރަނގަޅު އެއްޗެކެވެ.

5. ފުނޑާލެވިފައިވާ ހިކަނދިފަތުގެ ތެރެއަށް އެލޯވެރާ ޖެލް ކޮޅެއް އަޅައި ރަނގަޅަށް މިކްސް ކުރުމަށްފަހު، ބޮލުގައި އުނގުޅާފައި ބައިގަޑިއެއްހާއިރު ބެހެއްޓުމަށްފަހު ދޮވެލާށެވެ. އިސްތަށިގަނޑު ވަރުގަދަ ބޭނުންވާ މީހުންނާއި އަވަހަށް ދިގުކުރަން ބޭނުންވާ މީހުން މިޕޭސްޓް ހަފްތާއަކު އެއް ދުވަހު އުނގުޅަން ރަނގަޅެވެ.