ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ކޮރޯނާ ވައިރަސް: ހަތް ގައުމަކަށް ދަތުރު ކުރުމުގައި ސަމާލުވާން އަންގައިފި

މި ދުވަސްވަރު ހަލުވި ކަމާއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ހަތް ގައުމަކަށް ދަތުރު ކުރާއިރު ސަމާލު ވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޗައިނާގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުގައި، ޗައިނާއަށް ދަތުރުކޮށްފައި ނުވާ ފަރާތްތަކުގެ ކިބައިން ވެސް ކޮރޯނާ ވައިރަސްގެ ބަލި ފެނި، އެ ގައުމުތަކުގައި އެ ބަލި ފެތުރެމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހަތް ގައުމުތަކަށް ދަތުރު ކުރުމުގައި ސަމާލު ކަން ދިނުމަށެވެ. އެއީ ޖަޕާން، ސިންގަޕޫރު، ހޮންގް ކޮންގް، ސައުތު ކޮރެއާ، ތައިލެންޑް، އިރާން، އަދި އިޓަލީ އެވެ.

މީގެ އިތުރުން، ރާއްޖޭން ބޭރަށް ދަތުރު ކުރާ ފަރާތްތަކުން، ދަތުރު ކުރާ ގައުމެއްގައި ބަލި ފެތުރޭ މިންވަރާއި ސަރަހައްދު ދެނެގަތުމަށާއި އެ ގައުމެއްގެ ސަރުކާރުން ރައްކާތެރިވުމަށް އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް ދެނެގަނެ އެއަށް އަމަލު ކުރުމުގައި ސަމާލު ވުމަށްވެސް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

ޗައިނާގެ ވުހާން އިން ފެނުނު މި ނުރައްކާތެރި ވައިރަސް ހަލުވިކަމާ އެކު އެ ގައުމުގައި ފެތުރުމާ ގުޅިގެން ރާއްޖޭން ވަނީ ވަގުތީ ގޮތުން އެ ގައުމުން އެއްވެސް މީހަކު ރާއްޖެ އެތެރެވުން މަނާކޮށް ދެ ގައުމުގެ މެދުގައި ކުރާ ފްލައިޓް ދަތުރުތައް މަޑުޖައްސައިލާފަ އެވެ.

ކޮރޯނާ ވައިރަސްގައި 2،400 އަށް ވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވާއިރު، 78،000 އަށް ވުރެ ގިނަ މީހުންގެ ގައިން އެ ވައިރަސް ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ޗައިނާ ނޫން ގައުމުތަކުގެ މީހުން ވެސް ހިމެނެ އެވެ.