ވިޔަފާރި

ގިނަ ސިނާއަތްތައް ތަމްސީލް ކުރާ ޖަމިއްޔާގެ ރައީސްއަކަށް ޖަނާ

Feb 24, 2020

ރާއްޖޭގެ ގިނަ އަަދަދެއްގެ ސިނާއަތްތައް ހިމެނޭ ގޮތަށް އުފައްދާފައިވާ ޖަމިއްޔާ، ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީގެ) ގެ ރައީސްގެ މަގާމަށް މުހައްމަދު އަލީ ޖަނާހު ހޮވައިފި އެވެ.

ރާއްޖޭގެ މަސައްކަތުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތައް ކަމަށްވާ ރެސްޓޯރެންޓް އެސޯސިއޭޝަން އާއި ކޮންސްޓްރަކްޝަން އެސޯސިއޭޝަން އަދި ޔޮޓް އޮޕަރޭޓަރުންގެ ޖަމިއްޔާގެ އިތުރުން ވެސް ގިނަ ޖަމިއްޔާތައް ތަމްސީލް ކުރާ މި ޖަމިއްޔާ ގެ ރައީސްގެ މަގާމަށް ޖަނާ ހޮވާފައިވަނީ އެ ޖަމިއްޔާ އިން ރޭ ބޭއްވި ފުރަތަމަ އަަހަރީ އާއްމު ޖަލްސާގަ އެވެ.

އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަން (އައިއެލްއޯ) ގެ ދަށުން ހިންގާ ދަ އިންޓަނޭޝަނަލް އޮގަނައިޒޭޝަން އޮފް އެމްޕްލޮޔާސް (އައިއޯއީ) މެންބަރުންކަން ވެސް ލިބިފައިވާ ރާއްޖޭގެ އެމްއެންއެފްއެމްއީގެ އަހަރީ އާއްމު ޖަލްސާގައި ނައިބް ރައީސުން ހޮވުންވެސް އޮތެވެ. އެ ޖަމިއްޔާގެ ނައިބް ރައީސުންގެ ގޮތުގައި މުހައްމަދު ނަޒީރު (ސަންލޭޑް ނަޒީރު) ގެ އިތުރުން އަބްދުﷲ ސޯލިހު (ދަމާސް ސޯލިހު) އަދި އިބްރާހިމް އާމިރު (ސަލްސާ އާމިރު) ގެ އިތުރުން މުހައްމަދު އަލީ (ބަނީ) އަދި މުހައްމަދު ވަސީމް (އެންސިސް) ގެ އިތުރުން އިސްމާއިލް ހަމީދު (ހައިރައިޒް އިއްސޭ) އާއި ޝަހީދާ މުހައްމަދު އެވެ.

އެންއެފްއެމްއީގެ އިން ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އައިއެލްއޯ އިން ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރު ސިމްރިން ސިންގްގެ އިތުރުން އެމްޕޮލިއީސް އެކްޓިވިސްޓެއް ކަމަށްވާ ރަވިންދުރަ ޕިރިސްވެސް ބައިވެރިވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ) ގެ ރައީސްގެ މަގާމު ވެސް ފުރުއްވާ، ޖަނާ ވިދާޅުވީ ރާއްޖޭގައި 150 އަށްވުރެ ގިނަ ރިސޯޓުގައި އިންވެސްޓަރުން ހަރަކާތްތެރިވާއިރު ސިނާއަތްތަކުގެ މަސައްކަތުގެ މާހައުލުތަކުގައި ދިމާވާ މައްސަލަތައް ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ ކަމުގެ ޔަގީންކަން އެމީހުން ބޭނުންވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ދައުރަކީ ސަރުކާރާއެކު ތިން ފަރާތް ގުޅިގެން މައްސަލަ ތަކަށް ހައްލު ހޯދޭނެ ގޮތެއް ހޯދުން،" ޖަނާހު ވިދާޅުވި އެވެ.

އެންއެފްއެމްއީގެ އިން އަހަރީ އާއްމު ޖަލްސާގައި އެ ޖަމިއްޔާގެ ބަޖެޓު ފާސް ކުރުންވެސް އޮތެ އެވެ. މިއީ މިގޮތަށް ރާއްޖޭގައި އުފެއްދި ފުރަތަމަ ގައުމީ ޖަމިއްޔާ އެވެ.