ބޮލީވުޑް

އަދިތުޔާ ނާރަޔަން މިއަހަރު ކައިވެނިކުރާނެ: ނެހާ

އިންޑިއަން އައިޑަލްގެ ޖަޖް ނެހާ ކައްކަރް އާއި އެ ޝޯގެ ހޯސްޓް އަދިތުޔާ ނާރަޔަންގެ ކައިވެންޏާ ބެހޭ ގޮތުން ދެކެވުނު ވާހަކަ ތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ހުދް ނެހާ އެއްބަސް ވެއްޖެ އެވެ. އޭނާ ބުނި ގޮތުގައި އެއީ ޝޯ ބަލާ މީހުންގެ އަދަދު ގިނަކުރުމަށް ހެދި އުކުޅެކެވެ. ނެހާ ބުނި ގޮތުގައި އަދިތުޔާގެ ޒަމާންވީ ލޯބިވެރިއެއް ހުރެ އެވެ. އަދި މިއަހަރު އަދިތުޔާ އާއި އޭނާގެ ލޯބިވެރިޔާ ކައިވެނިކުރަން ވަނީ ހަމަޖެހިފަ އެވެ.

އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ނެހާ ވަނީ އަދިތުޔާއަށް ވަރަށް ތައުރީފުކޮށްފަ އެވެ. ނެހާ ބުނި ގޮތުގައި އަދިތުޔާ އަކީ ވަރަށް ރަނގަޅު އިންސާނެކެވެ. އަދި މީހުންނަށް ވަރަށް ހެޔޮ މީހެކެވެ.

"އަހަރެންގެ އެކުވެރިޔާ އަދިތުޔާ މިއަހަރު ކައިވެނިކުރާކަން އެންމެންނަށް ހާމަކުރުމުގެ އުފާ ލިބިގަންނަން،" ނެހާ ބުންޏެވެ.

ނެހާ އާއި އަދިތުޔާގެ ކައިވެނީގެ ވާހަކަތައް އެހާ ބޮޑަށް ވައިގައި ހިފާގޮތްވީ އަދިތުޔާގެ މައިންބަފައިންނާއި ނެހާގެ މައިންބަފައިން ޝޯގެ ބައިވެރިވެ އެމީހުން ވެސް މި ކައިވެންޏާ ރުހޭކަން ހާމަކުރީމަ އެވެ. އަދި ކައިވެންޏަށް ޚާއްސަ އެޕިސޯޑެއް ވެސް ދައްކައި ނެހާ އާއި އަދިތުޔާ ކަރުގައި މާފަތި އަޅުވާތަން ވެސް ދެއްކުމުން ހަމަ ހަގީގަތުގައި ވެސް މި ކައިވެނި ކުރާނެކަމަށް ގިނަ ބަޔަކަށް ހީވި އެވެ.

ނަމަވެސް ނެހާ ބުނުމުގެ ކުރިން އަދިތުޔާގެ ބައްޕަ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އުޑިތު ނާރަޔަން ވެސް ވަނީ މި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެފަ އެވެ. އަދި މިއީ ޝޯގެ ރޭޓިން މަތިންކުރަން "އިންޑިއަން އައިޑަލް"ގެ އޮގަނައިޒަރުން ކުރާ ކަމެއް ކަމަށް މީގެ ކުރިން ވެސް އުޑިތު ބުނެފައި ވެއެވެ. ކަން ވީވެސް ހަމަ އެހެންނެވެ. އެހާ ބޮޑަށް އަޑުގަދަކޮށްފައި ދެއްކި ކައިވެނީގެ ވާހަކަ މިވީ ހަމަ ބިލާހަކަށެވެ.