ބޮލީވުޑް

"މިސްޓަ އިންޑިއާ 2": މޮގެމްބޯގެ ރޯލު ކުޅެވޭނެ މީހަކު ނެތް

"މިސްޓަ އިންޑިއާ"ގެ ސީކުއަލްއެއް އުފައްދާކަން ޒީ ސްޓޫޑިއޯއިން މިދިޔަ ހަފުތާގައި އިއުލާން ކުރުމާއެކު ކުރީގެ ފިލްމުގައި އަމަލީ ގޮތުން ބައިވެރިވި ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ޒީ ސްޓޫޑިއޯއިން ބުނެފައިވާ ގޮތުގައި އަލީ އައްބާސް ޒަފަރް ޑައިރެކްޓްކުރާ "މިސްޓަ އިންޑިއާ"ގެ ޓްރައިލޮޖީ އެއް އުފައްދަން އެފަރާތުން ވަނީ ނިންމާފަ އެވެ.

އަނިލް ކަޕޫރާއި ޝްރީދޭވީ 1987 ގައި ކުޅުނު "މިސްޓަ އިންޑިއާ" ޑައިރެކްޓްކޮށްފައިވަނީ ޝޭކަރް ކަޕޫރެވެ. ނަމަވެސް އެ ފިލްމުގެ ދެ ވަނަ ބައެއް އުފައްދަން އުޅޭއިރު އެއްވެސް ވަރަކަށް އެކަމާ ގުޅޭ މަޝްވަރާތަކެއް އޭނާއާ ނުކުރާ ކަމަށް ބުނެ ޝޭކަރް ވެސް ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.

ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ކުރީގެ ފިލްމުގައި އަމްރިޝް ޕޫރީ އަދާކުރި ވަރަށް ތާރީޚީ ރޯލެއް ކަމަށްވާ މޮގެމްބޯގެ ރޯލު އަލަށް އުފައްދާ ފިލްމުގައި ކުޅޭނީ ޝާހްރުކް ޚާނެވެ. އަދި ޝާހްރުކް މި ރޯލަށް ފިޓްވޭތޯ ބަލަން ޓެސްޓް ޝޫޓެއް ވެސް ބާއްވާފައިވާ ކަމަށް ވެއެވެ.

ނަމަވެސް ޝޭކަރް ބުނީ މޮގެމްބޯގެ ރޯލު އަމްރިޝް ޕޫރީ އަށް ނޫން މީހަކަށް ކުޅެވިދާނެކަމަށް އޭނާއަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
"ކީކޭ ތި ބުނީ؟ މިސްޓަ އިންޑިއާ 2؟ މި ދުނިޔޭގައި އިތުރު މޮގެމްބޯއެއް އެބަހުރިތަ؟" ޝޭކަރް ކުރި ޓުވީޓެއްގައި ސުވާލުކޮށްފައި ވެއެވެ.

ޝޭކަރްގެ ޓައިމްލައިންގައި ވެސް އޭނާ އަމްރިޝް ޕޫރީގެ ނަމަކަށް ޖަހާފައި އިންނަނީ މޮގެމްބޯ" އެވެ. އަމްރިޝް ޕޫރީ މަރުވިތާ މިހާރު އެތައް އަހަރެއް ފާއިތުވެފައިވުމާއެކު އެ ރޯލު އެހެން އެއްވެސް މީހަކަށް ކުޅެވޭނެ ކަމަށް ޝޭކަރް ގަބޫލެއް ނުކުރެ އެވެ.
މި ފިލްމު އުފައްދާކަން އިއުލާން ކުރިއިރު ފިލްމުގެ ބަތަލު އަނިލް ކަޕޫރާ ވެސް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާތީ އަނިލްގެ ދަރިފުޅު ސޯނަމް ވެސް ހިތްހަމަނުޖެހިގެން ސޯޝަލް މީޑިއާގައި ވަރަށް ނުރުހުން ފާޅުކޮށްފައި ވެއެވެ. ސޯނަމް ބުނެފައިވާ ގޮތުގައި އޭނާގެ ބައްޕައަށް އަންގާ ނުލާ މިވަރުކަމެއް ކުރުމަކީ ބައްޕައަށް އިހުތިރާމް ކުޑަކުރުމެއް ކަމަށް އޭނާ ދެކެ އެވެ.

ނަމަވެސް ފިލްމު އުފައްދާ ފަރާތުން ސޯނަމް ސޯޝަލްމީޑިއާގައި ޝެއާކުރި މެސެޖަށް ޖަވާބު ދޭކަށް ބޭނުމެއް ނުވި އެވެ. އެމީހުންނާ ސުވާލު ކުރި ނޫސްވެރިން ކައިރީގައި އެމީހުން ބުނީ ބޯނީ ކަޕޫރުގެ ހެޔޮ ދުއާ އެމީހުންނާއެކު ވާކަމަށެވެ. "މިސްޓަ އިންޑިއާ"ގެ އޮރިޖިނަލް ފިލްމުގެ ޕްރޮޑިއުސަރަކީ ބޯނީ އެވެ. އެ ފިލްމުގެ ބަތަލާއަކީ މިހާރު މި ދުނިޔެއާ އަލްވަދާއު ކިޔާފައިވާ ކުޅަދާނަ ބަތަލާ އަދި ބޯނީގެ އަންހެނުން ޝްރީދޭވީ އެވެ.