ބޮލީވުޑް

އޭއާރް ރަހްމާންގެ ދަރިފުޅު މޫނުބުރުގާ އަޅާތީ ފާޑުކިޔަނީ

މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އޭ އާރް ރަހްމާންގެ ދަރިފުޅު ޚަދީޖާ މޫނުބުރުގާ އަޅާތީ ސޯޝަލް މީޑިއާގައި ފާޑުކިޔާ މީހުންނަށް އޭ އާރް ރަހްމާން ޖަވާބު ދީފި އެވެ. ޚަދީޖާ އަށް އެންމެ ބޮޑަށް ފާޑުކިޔާފައިވާ އެކަކީ އިސްލާމްދީނާ ދެކޮޅަށް ފޮތް ލިޔެފައިވާ ލިޔުންތެރިޔާ ތަސްލީމާ ނަސްރީނެވެ.

ތަސްލީމާގެ ޓުވީޓަށް ޖަވާބު ދެމުން އޭއާރް ރަހްމާން ބުނީ އޭނާއަށް ފާޑުކިޔާ މީހުން ދައްކާ ވާހަކަތަކަށް އޭނާ ވަރަށް މަދުން ނޫނީ ޖަވާބެއް ނުދެ އެވެ. ނަމަވެސް ތަސްލީމާގެ ޓުވީޓަށް އޭނާ ޖަވާބުދޭން ބޭނުންވީ ދަރިފުޅާ ބެހޭ ގޮތުން ވާހަކަ ދައްކާތީ އެވެ. އޭއާރް ރަހްމާން ބުނި ގޮތުގައި އޭނާގެ ދަރިފުޅު މޫނު ބުރުގާ އަޅައިގެން އުޅެނީ އޭނާ އެގޮތަށް ބޭނުންވާތީ އެވެ.

"ޚަދީޖާއަށް މިނިވަންކަން އިހްސާސް ކުރެވެނީ ބުރުގާ އަޅައިގެން ފޮރުވިގެން ހުރީމަ. އެއީ އެއްވެސް މީހަކު މަޖްބޫރުކޮށްގެން ކުރާ ކަމެއް ނޫނޭ. އޭނާގެ އަމިއްލަ ނަފްސުގެ ހިތްހަމަޖެހުމަށް ކުރާ ކަމެއް. އޭނާ ކިޔާފައިވާ ލަވަތައް 10 މިލިއަން މީހުން ރިންގް ޓޯނަށް ވެސް ލައިގެން އެބަ އުޅޭ. އެއީވެސް އޭނާ އެގޮތް ބޭނުންވާތީ ކުރާ ކަމެއް،" ރަހްމާން ބުންޏެވެ.

ރަހްމާން އިތުރަށް ބުނި ގޮތުގައި ފިރިހެނުން ބުރުގާ އަޅަން އިސްލާމް ދީނުގައި ހުއްދަ ނަމަ އޭނާވެސް ހުރީހީ ބުރުގާ އަޅައިގެންނެވެ. ސަބަބަކީ އޭރުން ފިހާރަތަކަށް ގޮސް އެއްޗެހި ގަނެ އުޅެން ފަސޭހަވާނެތީ އާއި ދިރިއުޅުން ފަސޭހަ ވާނެތީ އެވެ.
ތަސްލީމާ ނަސްރީންގެ ޓުވީޓަށް ގިނަ ބަޔަކު ވަނީ އޭނާއަށް ނުރުހުން ފާޅުކޮށްފަ އެވެ.

"އަހަރެންނަށް އޭ.އާރް ރަހްމާންގެ މިއުޒިކް ވަރަށް ރީތި. ނަމަވެސް އަހަންނަށް އޭނާގެ އަންހެންދަރިފުޅު ފެންނަ ކޮންމެ ފަހަރަކު ނޭވާ ހާސްވާގޮތްވޭ. މިޒަމާނުގެ ތައުލީމީ އަންހެނުންގެ ސިކުނޑި ދޮވެލައިގެން މި ކަހަލަ ކަންތައް ކުރުވާތަން ފެނުނީމަ ވަނީ ޑިޕްރެސްވޭ،" ތަސްލީމާގެ ޓުވީޓްގައި ބުނެފައި ވެއެވެ. މި ޓުވީޓަށް ޚަދީޖާ ވަރަށް އަވަހަށް ވަރަށް މޮޅަށް ޖަވާބު ދީފައި ވެއެވެ.

"ތަސްލީމަ ނަސްރީނު، އަހަރެން އަޅާ ހެދުމުން ތިބާއަށް ނޭވާ ނުލެވިގެން އުޅެން ޖެހޭތީ ވަރަށް ބޮޑަށް މައާފަށް އެދެން. ވައި ޖެހޭ ތަނަކަށް ގޮސް ތާޒާ ވަޔަށް ނޭވާ ލާ. އަހަރެންނަކަށް އެއްގޮތަކަށް ވެސް މި ހެދުމުން ނޭވާ ހާސްވާ ގޮތެއް ނުވޭ. އޭގެ ބަދަލުގައި އަހަންނަށް ބާރުވެރިކަން ލިބޭ. އެހެންވީމަ އަހަރެން މިގޮތަށް މި ހެދުން އަޅަނީ. ގޫގުލް ކޮށްލައިގެން އަންހެންވަންތަ ކަމަކީ ކޮބައިކަން ބަލާލުން ރަނގަޅުވާނެހެން ހީވަނީ. ސަބަބަކީ އަންހެންވަންތަ ވުމަކީ އެހެން މީހުންނަށާއި އެމީހުންގެ ބައްޕައިންނަށް ހިތަށް އެރިހާ އެއްޗެއް ގޮވުމެއް ނޫން. އަހަރެން ހަނދާނެއް ނުވޭ ތިބާއަށް އަހަރެންގެ ފޮޓޮއެއް ފޮނުވުނު ކަމެއް،" ޚަދީޖާގެ ޓުވީޓްގައި ބުނެފައި ވެއެވެ.