ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޗައިނާ

ކޮރޯނާވައިރަހަށް ފަރުވާދޭން ކައިވެނި ލަސްކުރި ޑޮކްޓަރު މަރުވެއްޖެ

ކޮރޯނާވައިރަސްގެ ސަބަބުން ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި އެތައް ސަތޭކަ މީހުންނަކަށް ފަރުވާ ދިނުމަށްޓަކައި އަމިއްލަ ކައިވެނި ފަސްކޮށްލި ޑޮކްޓަރަކު އެ ބަލީގައި ދުނިޔެ ދޫކޮށްފި އެވެ. ޕެންގް ޔިންހުއާ އަކީ ވޫހާން ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ދިޔަ ޑޮކްޓަރެކެވެ.

ޕެންގް އަކީ ވޫހާންގެ ޖިއަންގްޒިއާ ޑިސްޓްރިކްޓްގައި ހުންނަ ފަސްޓް ޕީޕަލްސް ހޮސްޕިޓަލްގެ ރެސްޕިރޭޓަރީ އެކިއުޓް ކެއާ މެޑިކަލް ޕްރޮފެޝަނަލް އަކަށް ވާތީ ކޮރޯނާވައިރަސް ޖެހިފައިވާ މީހުންނަށް މިފަދަ ޑޮކްޓަރުންގެ ބޭނުން އިންތިހާއަށް އޮތީ ޖެހިފަ އެވެ. އެހެންވެ ކައިވެނި ކުރުން ލަސްކޮށްފައި ބަލިމީހުންނަށް ޚިދުމަތް ކުރުމަށް ޕެންގް ހޮސްޕިޓަލުގައި މަޑުކުރީ އެވެ.

އުމުރުން 29 އަހަރުގެ ޑޮކްޓަރު ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރީ ޖެނުއަރީ 25 ވަނަ ދުވަހު އެވެ. އަދި ޖެނުއަރީ 30 ގައި އޭނާ ވަނީ ވުހާން ޖިނީޓަން ހޮސްޕިޓަލަށް ފަރުވާދޭން ގެންގޮސްފަ އެވެ. ޗައިނާގެ ހެލްތު ބިއުރޯއިން ބުނި ގޮތުގައި ޕެންގް މަރުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.

ޕެންގް ޔިންހުއާ އަކީ ކޮރޯނާވައިރަސް ފުރަތަމަ ފެތުރެން ފެށި ހޮސްޕިޓަލުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރި ޑޮކްޓަރެކެވެ.

ޗައިނާގެ ނޫހަކުން ބުނި ގޮތުގައި ޕެންގް އާއި އޭނާގެ ލޯބިވެރިޔާ ކައިވެނިކުރަން ހަމަޖައްސާފައި އޮތީ ޗައިނީޒް ނިއު އިޔާ އާ ދިމާކޮށެވެ. ނަމަވެސް ބަލި މީހުންނަށް ފަރުވާ ދޭން ވެގެން ކައިވެނި ފަސްކުރީ އެވެ. ކައިވެނީގެ ދައުވަތު ކާޑުތައް ތައްޔާރުކޮށްފައި ހުއްޓަސް އެ ބަހާނެ ވަގުތެއް ވެސް ޕެންގް އަކަށް ނުވި އެވެ. ކާޑުތައް އޭނާގެ އޮފީސް ވަތްގަނޑުގަ އޭނާ ބެހެއްޓި ގޮތަށް އަދިވެސް އެބަހުއްޓެވެ.

ޕެންގް މަރުވެފައި މިވަނީ ކޮރޯނާވައިރަސްގެ ސަބަބުން ވޫޗަންގް ހޮސްޕިޓަލްގެ ޑައިރެކްޓަރު ލިއު ޒީމިންގް މަރުވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.

ކޮރޯނާވައިރަސްގެ ސަބަބުން އެންމެ ފުރަތަމަ މަރުވެފައިވަނީ ވޫހާންގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރި ލޮލުގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ލީ ވެންލިއަންގް އެވެ. ކޮރޯނާވައިރަސްގެ ހަބަރެއް ދުނިޔެއަށް ވެސް އަދި ޗައިނާގެ އޮތޯރިޓީތަކަށް ވެސް ނޭނގެނީސް ޑރ. ލީ ވަނީ އޭނާއާއެކު މަސައްކަތްކުރާ ޑޮކްޓަރުންނަށް މިބަލީގެ ޚަބަރު ދީފަ އެވެ. ނަވާރަސަތޭކަ ނުވަދިހަ ތިނެއްގައި ފެތުރުނު ސާސް ވައިރަސް ކަހަލަ ވައިރަހެއް އެ ރީޖަންގައި ފެތުރެމުންދާ ކަމަށާއި ފަރުވާތެރިވެގެން އުޅުމަށް އޭނާ އާ އެކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް ވީޗެޓް ގްރޫޕެއްގައި ޑރ. ލީ އިންޒާރު ދިނެވެ.

ޑރ. ލީ އިންޒާރު ދިން ވާހަކަ ކޮންމެވެސް މީހަކު ކަމާ ބެހޭ އޮތޯރިޓީތަކަށް އެންގުމުން ވަގުތުން ފިޔަވަޅު އަޅަން ފެށުމުގެ ބަދަލުގައި ބިރުވެރިކަން ފަތުރަން މަސައްކަތްކުރާ ކަމަށް ބުނެ ޑރ. ލީ އަށް މައާފަށް އެދެން އެންގި އެވެ. އެއީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ޗައިނާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް މި ބައްޔާ ބެހޭ ގޮތުން ހޭލުންތެރި ވެވުނުއިރު ވަގުތު ފާއިތުވެ ވޫހާނުން އެތައް ބަޔަކު މަރުވެއްޖެ އެވެ.

ވެއިބޯގައި ޖެނުއަރީ 10 ވަނަ ދުވަހު ޑރ. ލީ ވަނީ ކެއްސަން ފަށައިފިކަމަށް ބުނެ މެސެޖެއް ޕޯސްޓްކޮށްފަ އެވެ. އޭގެ އަނެއް ދުވަހު ހުން އައިސް ދެ ދުވަސް ފަހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ޖެނުއަރީ 30 ގައި ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެ ފެބްރުއަރީ 6 ގައި އޭނާ ވަނީ މަރުވެފަ އެވެ.

މެޑިކަލް ސްޓާފުން މަރުވާލެއް އިތުރުކަމުން މި ބަލީގެ ނުރައްކާ ހުރި މިންވަރާއި މެޑިކަލް ސްޓާފުން މަސައްކަތްކުރަން ޖެހޭ ނުރައްކާތެރި ހާލަތު ވަޒަން ކުރެވެ އެވެ.

ޗައިނާގެ ސިއްހީ އިދާރާއިން ބުނެފައިވާ ގޮތުގައި 1700 އަށް ވުރެ ގިނަ މެޑިކަލް ސްޓާފުން ކޮރޯނާވައިރަސްގެ ސަބަބުން މިހާތަނަށް ބަލިވެފައި ވެއެވެ. މީގެ ތެރެއިން ގިނަ ސްޓާފުންނަކީ ވޫހާން އިން ބަލިވި މީހުންނެވެ.

މެޑިކަލް ސްޓާފުންނަށް ބޭނުންވާ ފޭސް މާސްކާއި ރައްކާތެރި ހެދުން ލިބޭލެއް މަދުވެގެން ބައެއް މީހުންނަށް ބޮޑީސޫޓް ފަދަ އެއްޗެތި ލައިގެން ވެސް އުޅެން ޖެހެ އެވެ. އެހާ ފަސޭހައިން ބަލި އަރާގޮތް ވަނީ މި ސަބަބާ ހުރެ ކަމަށް ބެލެވެ އެވެ.