އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައި ލެވެލް ސެގްމެންޓްގައި ބައިވެރިވެވަޑައިގަތުމަށް ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖެނީވާއަށް ވަޑައިގެންފި އެވެ.
މި ބައްދަލުވުމުގައި ކައުންސިލްގެ 80 މެމްބަރު ގައުމާއި، ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ އިންސާނީ ހައްގުތަކުގެ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މި ބައްދަލުވުމުގައި ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ދިވެހި ސަރުކާރުން އިންސާނީ ހައްގުތައް ރައްޔިތުންނަށް ހޯދައިދިނުމުގައި ހާސިލުކޮށްފައިވާ ކުރިއެރުންތަކުާއި، ބައިނަލްއަގްވާމީ ބައެއް މައްސަލަތަކާ ބެހޭގޮތުން މިނިސްޓަރު ޝާހިދު ތަގުރީރު ކުރައްވާނެއެވެ.
އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައި ލެވެލް ސެގްމެންޓުގައި ބައިވެރިވުމަށް ޝާހިދު ޖެނީވާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އދ.ގެ ހައި ކޮމިޝަނަރު ފޮރ ހިއުމަން ރައިޓްސް މިސް މިޝެލް ބެޝެލޭއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ބައެއް ގައުމުތަކުގެ ފޮރިން މިނިސްޓަރާއި، ބައެއް ޖަމްއިއްޔާތަކުގެ ވެރިންނާއިކު މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. މި މަޝްވަރާތަކުގެ ސަބަބުން މިހާރުވެސް ބައިނަލްއަގްވާމީ މަސްރަހުގައި ދިވެހިރާއްޖެ ގާއިމްކޮށްފައިވާ ގުޅުންތައް އިތުރަށް ބަދަހިވެ، އެ ފަރާތްތަކާ ގުޅިގެން މުސްތަގްބަލުގައި އިންސާނީ ހައްގުތަކުގެ ރޮނގުން އިތުރު މަސައްކަތްކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ހިއުމަން ރައިޓްސް ކައުންސިލް ބައްދަލުވުމުގެ ހަވާސާގައި އިތުރު ތިން ހަރަކާތެއްގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެއީ ކޮމަންވެލްތް އޮފް ނޭޝަންސްއާއި، އެލަޔަންސް ފޮ މަލްޓި ލެޓަރަލިޒަމް އަދި ކޮންޓެކްޓް ގްރޫޕް އޮން ކައުންސިލް މެމްބަރޝިޕްގެ ފަރާތުން ބާއްވާ ހަރަކާތްތަަކެކެވެ.