ހަބަރު

ބިލް ބޮޑުވާނެތީ ސްޓެލްކޯއިން ހޭލުންތެރިކުރަނީ

ހޫނުގަދަވެ، ކަރަންޓު ބިލްތައް ބޮޑުވާނެތީ އެކަމަށް އާންމުން ހޭލުންތެރިކުރުމަށް ސްޓެލްކޯއިން ކެމްޕެއިނެއް ފަށައިފި އެވެ.

ސެޓްލެކޯއިން މިއަދު އިފްތިތާހުކޮށްފައިވަނީ އެނާޖީ ސޭވިން ކެމްޕެއިންނެވެ. އެއީ ކޮންމެ އަހަރަކުވެސް ހޫނު މޫސުމާ ދިމާކޮށް ގޭބިސީތަކުގެ ކަރަންޓް ބިލް ބޮޑުވާތީ އެކަމުގެ ޝަކުވާއާ ގުޅިގެން ކަރަންޓް ބޭނުން ކުރާނެ އެންމެ ރަނގަޅު ގޮތް ރައްޔިތުންނަށް ބުނެ ދިނުމަށް ހިންގާ ކެމްޕެއިނެކެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވި ގޮތުގައި ސްޓެލްކޯއިން ގަސްތުގައި އެއްވެސް ފަރާތެއްގެ ކަރަންޓްބިލް ބޮޑެއް ނުކުރާނެ އެވެ. ބައެއް ފަރާތްތަކުން އެހެން ބުނަމުން ދިޔަ ނަމަވެސް އެފަދަ ތުހުމަތުތަކަކީ އެއްވެސް އަސްލެއް ނެތް ތުހުމަތު ތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބިލް ބޮޑުވާ ކަމަށް ކަސްޓަމަރަކަށް ފާހަގަ ވާނަމަ ކަރަންޓު ބޭނުންކުރާ މިންވަރު ދެނެގަތުން ވަރަށް މުހިންމު ކަމަށެވެ.

އޭނާ ވިދާޅުވީ ހޫނު މޫސުމާ ދިމާކޮށް ކަރަންޓް ބިލް ބޮޑުވެގެން ދަނީ ކޮން ސަބަބަކާ ގުޅިގެންތޯ އެއީ ކަސްޓަމަރުންނަށް އެނގެން ޖެހޭ ކަމެއް ކަމަށާއި އެކަން އެނގުމުން ނޫނީ އެ ބިލް އަދަދު ކުޑަކުރަން ކުރަންޖެހޭ ކަންކަން ކަސްޓަމަރުންނަށް ނޭނގޭނެ ކަމަށެވެ.