ހަބަރު

ރައީސް ޔާމީނާއި މިނިސްޓަރު އިމްރާން ބައްދަލު ކުރައްވައިފި

މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ކަރެކްޝަނަލް ސާވިސް އިން ކުރި ޓްވީޓެއްގައި ބުނީ މިނިސްޓަރު އިމްރާނާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު މިއަދު މާފުށި ޖަލަށް ވަޑައިގެން ޖަލުގެ އާންމު ހާލަތު ބައްލަވައިލެއްވި ކަމަށެވެ. އަދި އެ ޒިޔާރަތުގައި ރައީސް ޔާމީނާ ބައްދަލު ކުރައްވައި އެމަނިކުފާނުގެ ހުރި ކަންބޮޑުވުންތައް ވެސް މިނިސްޓަރު އޮޅުންފިލުއްވެވި ކަމަށެވެ.

އިމްރާން ޖަލަށް ވަޑައިގެން ރައީސް ޔާމީނާ ބައްދަލު ކުރެއްވިއިރު، މިދިޔަ ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް އެމަނިކުފާނު އޮންނެވީ އައިޖީއެމްއެޗްގަ އެވެ. ހޮސްޕިޓަލުގައި އެ މަނިކުފާނު އެޑްމިޓް ކުރައްވާފައި އޮތީ މެޑިކަލް ޓެސްޓްތަކެއް ހެދުމަށް ކަމަށް ކަރެކްޝަނުން ބުނެފައި ވެއެވެ.

ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއް ވެސް މިއަދު ހައި ކޯޓުގައި ކުރިއަށް އެބަ ދެ އެވެ. މީގެ ކުރިން ބޭއްވި އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއްގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

އޭރު ވިދާޅުވެފައި ވަނީ ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓި ދުވަސްވަރު ނަފުސާނީ މައްސަލަތަކާއި ހިތުގެ މައްސަލައެއް ކުރިމަތިވެ ވަޑައިގެންނެވި ކަމަށެވެ.

އޭރު ބަންދުން ދޫވުމުން އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް ދެއްކެވި ކަމަށާއި އެ ތަނުގެ އެންމެ އިސް ޑޮކްޓަރުން ލަފާ ދެއްވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދެވުމަށް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ހިތުގެ އެ ބައްޔަށް ދޭނެ ފަރުވާއެއް ރާއްޖޭގައި ނެތް ކަމަށާއި އެ ޓެސްޓްތައް ހެދެން ވެސް ނެތް ކަމަށެވެ.

އޭގެ އިތުރުން އެމަނިކުފާނުގެ މައިބަދައިގެ ކަށިގަނޑެއް ގުޑާފައިވާ ކަމަށާއި އެ އޮޕަރޭޝަން ވެސް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އެ އޮޕަރޭޝަން ކުރައްވަން ވެސް ބޭނުންފުޅު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އެ ނުވަ މަސް ތެރޭ ރާއްޖެއިން ބޭރަށް ވަޑައި ނުގެންނެވީ ކޯޓުގެ ހުއްދައާއެކު ވަޑައިގެންނެވި ނަމަވެސް ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނު ފިއްލެވީ ކަމަށް ދެކޭނެތީ އެ ފުރުސަތު ނުދެއްވުމަށް ކަމަށް ކޯޓުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. އަދި ދެން ވެސް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ވަނީ ކޯޓުން ހުއްދަ ދިނުމުން ކަމަށް ވިދާޅުވި އެވެ.